12 ވަނަ ބެޑްމިންޓަން އަތޮޅު ލީގުގެ ފިރިހެން ސިންގަލްސް ބައިގެ ޗެމްޕިއަންކަން ހުސެއިން މުހައްމަދު އަދި އަންހެން ސިންގަލްސް ބައިގެ ޗެމްޕިއަންކަން އައިޝަތު އިބްރާހީމް ހޯދައިފި އެވެ.

އަތޮޅު ލީގް ބެޑްމިންޓަން މުބާރާތުގެ އޯޕަން ބައިގެ ފައިނަލް މެޗުތައް އިއްޔެ ހަވީރު ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި ކުޅުނު އިރު ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހުސެއިން މުހައްމަދު ހޯދީ ނާތިޖު އަލީއާ ވާދަކޮށްގެންނެވެ. އަދި އަންހެން ސިންގަލްސް ބައިގެ ޗެމްޕިއަންކަން އައިޝަތު އިބްރާހީމް ހޯދީ ފިރުޝާނާ ނަސީރުގެ މައްޗަށް ކުރިހޯދައިގެންނެވެ.

މި މުބާރާތުގެ ފިރިހެން ޑަބަލްސް ބައިގެ ޗެމްޕިއަންކަން ހޯދީ އިބްރާހީމް މުހައްމަދާއި ނާތިޖް އަލީގެ ޕެއާ އިންނެވެ. އެ ޕެއާ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އަލީ މުއާޒް އާއި މުހައްމަދު ރަވީންގެ ޕެއާ އަތުން މޮޅުވެގެންނެވެ. އަދި އަންހެން ޑަބަލްސް ބައިގެ ޗެމްޕިއަންކަން އައިޝަތު އިބްރާހީމް އާއި އާމިނަތު ސަނާގެ ޕެއާ ހޯދީ ފައިނަލް މެޗުގައި އައިޝަތު ފައިނާޒް އަލީ އާއި ފިރުޝާނާ ނަސީރުގެ ޕެއާ ބަލިކޮށްގެންނެވެ.

މުބާރާތުގެ މިކްސް ޑަބަލްސް ބައިގެ ޗެމްޕިއަންކަން ހޯދީ ނާތިޖު އަލީ އާއި އައިޝަތު އިބްރާހީމްގެ ޕެއާ އިންނެވެ. އެ ޕެއާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އާސިފް އާދަމް މަނިކާއި މިންނާ ރަޝީދުގެ ޕެއާ އަތުން މޮޅުވެގެންނެވެ.

މިއަހަރުގެ އަތޮޅު ލީގުގެ ކުޅުން އިއްޔެ ނިމުނުއިރު، މުބާރާތުގެ ޓީމު އިވެންޓުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ނ. ހޮޅުދޫ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީންނެވެ. ޓީމް އިވެންޓުގެ ޗެމްޕިއަންކަން ހޮޅުދޫ ބީޑީސީ އިން ހޯދީ ފައިނަލުގައި އައްޑޫ ސިޓީ ވެލްތު އެންޑް ރެކްރިއޭޝަން ކްލަބާއި ވާދަކޮށް 3-2 ޓައި އިން މެޗު ކާމިޔާބުކޮށްގެންނެވެ. މިއީ 2015 ވަނަ އަހަރުގެ ފަހުން ހޮޅުދޫން މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.