ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށް އަނެއްކާވެސް ގޮންޖެހުންތަކަކާއި ކުރިމަތިވެއްޖެ އެވެ.

ނިއުކާސަލްގެ އެސްޓީ ޖޭމްސް ޕާކްގައި މިއަދު ހަވީރު ކުޅުނު މެޗު ނިމުނީ 2-2 އިން ދެޓީމް އެއްވަރުވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ސިޓީ އިންނެވެ. ފުރަތަމަ ހާފުގެ 22 ވަނަ މިނެޓުގައި ސިޓީން އުފެއްދި ހަމަލާއެއްގައި ޑޭވިޑް ސިލްވާ ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިން އެވެ. ސްޓާލިން މިސީޒަންގައި ކާމިޔާބުކުރި އަށް ވަނަ ލީގް ލަނޑުން ސިޓީން ލީޑު ނެގި ނަމަވެސް ނިއުކާސްލްގެ ޖެޓްރޯ ވިލިއަމްސް ވަނީ 25 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ނަތީޖާ ހަމަަހަމަ ކޮށްދީފަ އެވެ.

ފުރަތަމަ ހާފު އެ ނަތީޖާގައި އޮވެ ނިމިގެންދިޔަ އިރު ސިޓީން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގީ 82 ވަނަ މިނެޓުގައި ކެވިން ޑެބްރައިނާ ޖަހައިދިން ހިތްގައިމު ލަނޑުންނެވެ. ބެލްޖިއަމްގެ ކުޅުންތެރިއާ ޖަހައިދިން ލަނޑުން ސިޓީން މުހިއްމު ތިން ޕޮއިންޓާއި ދިމާލަށް ދަތުރު ކުރަމުން ދަނިކޮށް އެކްލަބުގެ ސަޕޯޓަރުން މާޔޫސްކޮށްލީ މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ކުރިން ލިވަޕޫލަށް ވެސް ކުޅުނު ޖޮންޖޯ ޝެލްވީ އެވެ.

މި މެޗުން އެއްވަރުވުމާއެކު ލީގް ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލް އާއި ދެމެދު އޮތް ލީޑު ކުޑަ ކުރަން ސިޓީން ކުރަމުން އަންނަ މަސަތްކަތަށް އަނެއްކާވެސް ވަނީ ބޮޑު ހުރަހެއް އެޅިފައެވެ. މިވަގުތު 37 ޕޮއިންޓާއެކު އެއްވަނައިގައި އޮތް ލިވަޕޫލް މިރޭ ބްރައިޓަން އަތުން މޮޅުވެގެން ސިޓީއާއި ދެމެދު އޮތް ފަރަގު 11 ޕޮއިންޓަށް ބޮޑު ކުރުމުގެ ފުރުސަތު އެޓީމަށް އޮންނާނެ އެވެ. 29 ޕޮއިންޓާއެކު ލީގް ތާވަލުގެ ދެވަނައިގައި ސިޓީ އޮތް އިރު ތިންވަނައިގައި ހަމަ އެއަދަދަށް ޕޮއިންޓް ލިބިގެން އޮތީ ލެސްޓާ ސިޓީ އެވެ.