އަންނަ އަހަރު އޮންނަ ޔޫރަޕިއަން ފުޓްބޯޅަ ޗެމްޕިއަންޝިޕްގެ ގްރޫޕް އެފްގައި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް އާއި ދުނިޔޭގެ ޗެމްޕިއަން ފްރާންސާއި ޔޫރޯގެ އެންމެ ކާމިޔާބު ޓީމް ޖަރުމަން ލައްވާލައިފި އެވެ.

ޔޫރޯ 2020ގެ ގުރުއަތުލުން މިރޭ ރޫމޭނިއާގެ ބުކަރެސްޓްގައި ކުރިއަށްދިޔަ އިރު ފްރާންސާއި ޖަރުމަނުގެ އިތުރުން ޕޯޗުގަލް ގްރޫޕް އެއް ގްރޫޕެއްގައި ލައްވާލި އިރު މި ތިން ގައުމަކީ ވެސް މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ ގައުމުތަކެވެ. އެންމެ ފަހުން 2016 ވަނަ އަހަރު އޮތް ޔޫރޯގެ ސެމީ ފައިނަލުގައި ފްރާންސް އަތުން ބަލިވެ ޖާމަނީ އެފަހަރު ކަޓައިގެންދިޔަ އިރު ޕޯޗުގަލް އިން ތަށި ހޯދީ ފައިނަލުގައި ފްރާންސްގެ މައްޗަށް ކުރިހޯދައިގެންނެވެ.

ޖަރުމަނުން މިފަހަރުގެ ޔޫރޯ އަށް ކޮލިފައިވީ އުނދަގޫތަކަކާއެކު ގްރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ޔުކްރެއިން ފަހަތުން ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައި ޕޯޗުގަލް ކޮލިފައިވި އިރު ފްރާންސް ކޮލިފައިވީ ގްރޫޕް އެޗްގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ.

މަރުގެ ގްރޫޕްގެ ގޮތުގައި ގްރޫޕް އެފް ފާހަގަކުރެވިފައިވާ އިރު ދެން އެންމެ ވާދަވެރިކޮށް ދާނެ ކަމަށް ބެލެވެނީ ގްރޫޕް އީ އެވެ. ގްރޫޕް އީގައި ހިމެނެނީ ސްޕެއިން އާއި ސްވިޑެން އަދި ޕޮލަންޑުގެ އިތުރުން ޕްލޭއޮފް ބީ އިން މޮޅުވާ ގައުމެވެ. މިފަހަރުގެ ޔޫރޯ ކޮލިފައިން ސައްތައިގެ ރެކޯޑަކާއެކު ނިންމާލި އިޓަލީ ލައްވާލީ ތުރުކީ އާއި ވޭލްސް އަދި ސްވިޓްޒަލޭންޑާއެކު ގްރޫޕް އޭގަ އެވެ. އަދި ގިނަ އަހަރުތަކަކަށް ފަހު ބޮޑު މުބާރާތަކުން ފުރުސަތު ލިބުނު ނެދަލޭންޑްސް ހިމެނެނީ ޔުކްރެއިން އާއި އޮސްޓްރިއާގެ އިތުރުން ޕްލޭއޮފް ޑީ އިން މޮޅުވާ ގައުމަކާއެކު ގްރޫޕް ސީގަ އެވެ.

އެންމެ ފަހުގެ ވޯލްޑް ކަޕްގެ ދެވަނަ ހޯދި އަދި ޔޫރޯގެ ފޭވަރިޓުންގެ ތެރޭގައި ވެސް ހިމެނޭ ބެލްޖިއަމް ލައްވާލީ ރަޝިއާ އާއި ފިންލޭންޑްގެ އިތުރުން ޑެންމާކާއެކު ގްރޫޕް ބީގަ އެވެ. އަދި ސައްތައިގެ ރެކޯޑަކާއެކު ޔޫރޯ އަށް ކޮލިފައިވި އިންގްލަންޑް ހިމެނެނީ ޗެކް ރިޕަބްލިކާއި ކްރޮއޭޝިއާގެ އިތުރުން ޕްލޭއޮފް ސީ އިން މޮޅުވާ ގައުމަކާއެކު ގްރޫޕް ޑީގަ އެވެ.

މުބާރާތުގެ ކޮލިފައިންގް މެޗުތައް މިހާރު ކުޅެ ނިމިފައިވާ އިރު ބާކީ ހުރި ޖާގަތައް ކަށަވަރުކުރުމަށްޓަކައި ކުޅޭ ޕްލޭއޮފް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗް މަހު ތެރޭގަ އެވެ. ޕްލޭ އޮފް އޭގައި ހިމެނޭ ގައުމުތަކަކީ އައިސްލޭންޑާއި ރޫމޭނިއާ އަދި ބަލްގޭރިއާގެ އިތުރުން ހަންގެރީ އެވެ. ޕްލޭއޮފް ބީގައި ހިމެނެނީ ބޮސްނިއާ އާއި ސްލޮވާކިއާ އާއި އަޔަލޭންޑްގެ އިތުރުން ނޮދަން އަޔަލޭންޑެވެ. ޕްލޭއޮފް ސީގައި ސްކޮޓްލެންޑާއި އިޒްރޭލުގެ އިތުރުން ދެން ހިމެނޭ ގައުމުތަކަކީ ސާބިއާ އާއި ނޯވޭ އެވެ. ޕްލޭއޮފް ޑީގައި ކޮސޯވޯ އާއި ނޯތް މެސެޑޯނިއާގެ އިތުރުން ހިމެނެނީ ބެލަރުސް އަދި ޖޯޖިއާ އެވެ.

އަންނަ އަހަރުގެ ޔޫރޯ ބޭއްވުމަށް ހަމަޖެހިފައިވަނީ 12 ޖޫން އިން 12 ޖުލައިގެ ނިޔަލަށެވެ. މުބާރާތް ބާއްވާތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިފަހަރުގެ މުބާރާތް ކުރިއަށްދާނީ ވިލާތުގެ ތަފާތު 12 ގައުމެއްގަ އެވެ. އިޓަލީގެ ވެރިރަށް ރޯމްގައި މުބާރާތް ހުޅުވާ މެޗު ކުޅޭއިރު އެ މެޗުގައި ބައްދަލުކުރާނީ އިޓަލީ އާއި ތުރުކީ އެވެ.