ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި ޑިޕޯޓިވޯ އަލަވެސް 2-1 އިން ބަލިކޮށް އެއް ވަނަ މަގާމް ހޯދައި ރެއާލް މެޑްރިޑުން ބާސެލޯނާ އަށް ޕްރެޝަރު ބޮޑުކޮށްފި އެވެ.

ލަލީގާގައި ބާސެލޯނާ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެ ރެއާލުން ތާވަލުގެ އެއް ވަނައަށް އެރީ 31 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި ބާސާ 28 ޕޮއިންޓާއެކު އޮތްއިރު ތިން ވަނައިގައި އޮތީ 27 ޕޮއިންޓް ހޯދާފައިވާ ސެވިއްޔާ އެވެ. ބާސެލޯނާއާ ދެކޮޅަށް މިރޭ އަމިއްލަ ދަނޑުގައި ނުކުންނަ އެތުލެޓިކޯއަށް 14 މެޗުން ލިބުނު 25 ޕޮއިންޓާއެކު އެޓީމް އޮތީ ތާވަލުގެ ފަސް ވަނައިގަ އެވެ.

އެތުލެޓިކޯއާ ދެކޮޅަށް ރަށުން ބޭރުގައި ބާސެލޯނާއަށް އުނދަގޫ މެޗެއް އޮއްވައި ރެއާލުން ރޭ މޮޅުވީ ސާޖިއޯ ރާމޯސް އާއި ޑެނީ ކަރްވަހާލް ޖެހި ލަނޑުތަކުންނެވެ. ރޭގެ މެޗުގައި ރެއާލުގެ ގަރެތު ބޭލް ވަނީ އޮކްޓޯބަރުގެ ފަހުން ރެއާލްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ފުރަތަމަ ފަހަރަށް ކުޅެފަ އެވެ. މިދިޔަ ދުވަސްތަކުގައި އަނިޔާގެ ސަބަބުން ބޭލް ކުޅުމާއި ދުރުގައި ހުރުމަށް ފަހު އަލުން ކުޅުމުގެ ތެރެއަށް އައީ މިދިޔަ ހަފްތާ އެވެ.

މެޗުގެ ފުރަތަމަ ލަނޑު 52 ވަނަ މިނެޓުގައި ކެޕްޓަން ސާޖިއޯ ރާމޯސް ޖަހައިދީފައި ވަނިކޮށް އަލަވެސް އަށް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ލޫކަސް ޕެރޭޒް ވަނީ 65 ވަނަ މިނެޓުގައި މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. މިއީ ލީގުގައި ޖެހިޖެހިގެން ޕެރޭޒް ލަނޑު ޖެހި ފަސް ވަނަ މެޗެވެ. ރޭގެ މެޗުން ރެއާލަށް ތިން ޕޮއިންޓް ކަށަވަރުވީ 69 ވަނަ މިނެޓުގައި ޑެނީ ކަރްވަހާލް ޖެހި ލަނޑުންނެވެ.