އަންނަ އަހަރު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގެ ފޭވަރިޓުންނަކީ އިޓަލީ ނޫން ކަމަށް އެ ޓީމުގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނެފި އެވެ.

ޔޫރޯ 2020ގެ ގުރުއަތުލުން ރޭ ރޫމޭނިއާގެ ބުކަރެސްޓްގައި ކުރިއަށްދިޔަ އިރު، ކޮލިފައިން ސައްތައިގެ ރެކޯޑަކާއެކު ނިންމާލައި މުބާރާތުން ޖާގަ ހޯދި އިޓަލީ ލައްވާލީ ތުރުކީ އާއި ވޭލްސް އަދި ސްވިޓްޒަލޭންޑާއެކު ގްރޫޕް އޭގަ އެވެ.

ގުރުނެގުމުގެ ރަސްމިއްޔާތަށްފަހު ވާހަކަދައްކަމުން މަންޗިނީ ބުނީ އިޓަލީ ހިމެނޭ ގްރޫޕް އޭ އަކީ ފަސޭހަ ގްރޫޕެއް ގޮތުގައި ބަލައިނުގަންނާނެ ކަމަށާއި އިޓަލީ އަކީ އެ ގްރޫޕްގެ ފޭވަރިޓުން ކަމަށް ވެސް ގަބޫލުނުކުރާ ކަމަށެވެ.

އަހަރެން ގަބޫލެއް ނުކުރަން އިޓަލީ އަކީ މި ގްރޫޕްގެ ފޭވަރިޓުން ކަމަށް. ހުރިހާ މެޗެއްވެސް އަދި އޮތީ ކުރިއަށް. ބަލި ޓީމެއް މިގްރޫޕްގައި ނެތް. އަހަރެން ބޭނުން ހާއްސަކޮށް ވޭލްސްގެ ނަން ފާހަގަކޮށްލަން. އެޓީމް އެއީ ވަރަށް ފުރިހަމަ ކުޅުމެއް ކުޅޭ ބައެއް. ޕްރިމިއާ ލީގުގެ އިތުރުން ބޮޑެތި ލީގުތަކުގައި ކުޅޭ މަޝްހޫރު ކުޅުންތެރިން ވޭލްސްގައި އެބަ ހިމެނޭ. ދެން އިޓަލީ އަށް އޮތް ކުޑަ އެޑްވަންޓޭޖެެއް ރޯމްގައި މެޗުތައް ކުޅޭތީ. އެކަމަކު މި މުބާރާތުގައި ކުރިއަށްދާން ބޭނުންނަމަ ބޮޑު ދަތުރެއް ކުރިއަށް އޮތީ. ފަސޭހައެއް ނުވާނެ، “ މަންޗިނީ ބުންޏެވެ.

މަންޗިނީ ބުނީ ވޭލްސްގެ އިތުރުން ސްވިޓްޒަލެންޑަކީ ވެސް ތަފާތު ޓީމެއް ކަމަށާއި ގްރޫޕް ސްޓޭޖުގައި ކުޅޭ ކޮންމެ މެޗަކާވެސް ކުރިމަތިލާނީ އެއީ ފައިނަލް މެޗެއްގެ ގޮތުގައި ދެކިގެން ކަމަށެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިފަހަރު މަރުގެ ގްރޫޕްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ގްރޫޕް އެފް އެވެ. މި ގްރޫޕްގައި ދުނިޔޭގެ ޗެމްޕިއަން ފްރާންސާއި ޔޫރޯގެ އެންމެ ކާމިޔާބު ޓީމް ޖަރުމަނުގެ އިތުރުން މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް ހިމެނޭއިރު މި ތިން ގައުމަކީ ވެސް މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ ގައުމުތަކެވެ. އެންމެ ފަހުން 2016 ވަނަ އަހަރު އޮތް ޔޫރޯގެ ސެމީ ފައިނަލުގައި ފްރާންސް އަތުން ބަލިވެ ޖާމަނީ އެފަހަރު ކަޓައިގެންދިޔަ އިރު ޕޯޗުގަލް އިން ތަށި ހޯދީ ފައިނަލުގައި ފްރާންސްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ޔޫރޯގެ ހުރިހާ ކޮލިފައިންގް މެޗުތައް މިހާރު ނިމިފައިވާއިރު ބާކީ ހަތަރު ޖާގަ ހޯދަން ކުޅޭ ޕްލޭ އޮފް މެޗުތައް ކުޅެން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗް މަހު ތެރޭގަ އެވެ. އަންނަ އަހަރު ތަފާތު 12 ގައުމެއްގައި ޔޫރޯ މުބާރާތް ކުރިއަށް ގެންދަން ޔުއެފާ އިން ނިންމީ ޔޫރޯ މުބާރާތް ބާއްވާތާ 60 އަހަރު އަހަރު ފުރޭ މުނާސަބަތު ކުލަގަދަ ކުރުމުގެ ގޮތުންނެވެ.

މުބާރާތް ހުޅުވާ މެޗު ރޯމްގެ ސްޓާޑިއޯ އޮލިމްޕިކޯ ސްޓޭޑިއަމްގައި ކުޅޭއިރު ސެމީ ފައިނަލް މެޗުތަކާއި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގަ އެވެ. ލަންޑަނުގައި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި 12 ވަނަ ދުވަހު އެވެ.