މިއަދު ނޭޕާލްގައި ފެށި 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ އަންހެން ބެޑްމިންޓަން އިވެންޓްގެ ފުރަތަމަ ބުރުގައި ޕާކިސްތާނާ ދެކޮޅަށް ރާއްޖޭގެ ޓީމް ކުޅުނު މެޗުން ބަލިވެ މުބާރާތުގެ ޓީމް އިވެންޓުން ރާއްޖެ ކަޓައިފި އެވެ.

ނޭޕާލްގެ ޕޮކަހާރާ ސިޓީގައި ކުޅުނު މެޗުން ޕާކިސްތާނު އަތުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. މެޗްގެ ފުރަތަމަ ޓައިގައި ޕާކިސްތާނުގެ މަހޫރު ޝަހާދުއާއި ވާދަކުރަން ރާއްޖޭގެ ޓީމުން ނުކުތީ އާމިނަތު ނަބީހާ ޢަބްދުއްރައްޒާގް އެވެ. މި މެޗު ސީދާ ދެ ސެޓުން މަހޫރު ކާމިޔާބުކުރިއިރު ފުރަތަމަ ސެޓުން ނަބީހާ ބަލިވީ 19-21 އިންނެވެ. ފުރަތަމަ ސެޓުގައިވެސް މޮޅަށް ކުޅުނު މަހޫރު ވަނީ ދެވަނަ ސެޓުގައި ވެސް އެ ކުޅުން ތަކުރާރުކޮށް 14-21 އިން ސެޓު ގެންގޮސްފަ އެވެ.

މެޗްގެ ދެވަނަ ޓައިގައި ބައްދަލުކުރީ ނީލާ އަހުމަދު ނަޖީބާއި ޕާކިސްތާނުގެ ޕަލްވާޝާ ބަޝީރު އެވެ. ޕަލްވާޝާ އާއި ދެކޮޅަށް ކުޅުނު މެޗްގެ ފުރަތަމަ ސެޓް 16-21 އިން ނީލާ ކާމިޔާބުކުރި ނަމަވެސް ފަހުން ކުޅުނު ދެ ސެޓް ގެންދިޔައީ ޕާކިސްތާނުގެ ކުޅުންތެރިޔާ އެވެ. ވާދަވެރި ކުޅުމެއް ފެނުނު މި މެޗްގެ ފަހު ދެ ސެޓް ނިމުނީ 21-23 އަދި 17-21 އިންނެވެ.

މެޗްގެ ތިންވަނަ ޓައިގައި ޕާކިސްތާނު ޓީމުން ޣަޒާލާ ސިއްދީގު ކުޅެން ނުކުތްއިރު ރާއްޖޭގެ ޓީމުން އެ ސެޓަށް ނެރުނީ ރާއްޖޭގެ ގައުމީ އަންހެން ބެޑްމިންޓަން ޗެމްޕިއަން ފާތިމަތު ނަބާހާ ޢަބްދުއްރައްޒާގް އެވެ. މި ސެޓް ސީދާ ދެ މެޗުން ޕާކިސްތާނުގެ ކުޅުންތެރިޔާ ކާމިޔާބުކުރިއިރު ދެ ސެޓްވެސް ނިމިފައިވަނީ 15-21 އިންނެވެ.

މިފަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ބެޑްމިންޓަންގައި ރާއްޖެއިން ވާދަކުރަނީ އަންހެން ޓީމް އެކަންޏެވެ. ބެޑްމިންޓަން އެސޯސިއޭޝަނާއި އޮލިމްޕިކް ކޮމިޓީގެ މަޝްވަރާއަށްފަހު އެގޮތަށް ނިންމީ ފާއިތުވެދިޔަ ދުވަސްތަކުގައި ކުޅުންތެރިންނަށް ލިބިފައި ހުރި ތަމްރީންތަކާއި ތަޖުރިބާއަށް ބަލައި ގޭމްސްގައި ބޮޑަށް ނަތީޖާ ނެރެވޭނެ ކަމަށް ބެލެވެނީ އަންހެން ޓީމަށް ކަމަށް ފާހަގަވާތީ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުން މައުލޫމާތުދެ އެވެ.

8000 ވަރަކަށް އެތްލީޓުން ބައިވެރިވާ މިފަހަރުގެ ގޭމްސްގައި 27 ކުޅިވަރެއް ހިމެނިފައިވެ އެވެ. ރާއްޖޭން މުބާރާތުގައި ވާދަކުރަނީ 11 ކުޅިވަރަކުންނެވެ. ގޭމްސް އޮންނަނީ ކަތަމަންޑޫގެ އާއި ޕޮކަހާރާގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަސީހު

    މީކިހިނެއްވާކަމެއްތޯ ގައުމީބެޑްމިންޓަންޓީމް އެންމެފަހު 2 މުބާރާތުގަ ވާދަކޫރީ ކޯޗަކުނެތި ކޮންމެފަހަރަކު އަމިއްލަޔައް ކޯޗްހެދިގެންމިހުންނަނީ އިއްޕަ ކުޅުންތެރިންގެ ސްޓެންޑަޑް ދަނީ އެއްދުވަހުން އަނެއްދުވަހައްދަށައް ކޮބާތޯމިކަންކަން ބަލަންއުފައްދާފަވާ މުވައްސަސާތައް

  2. ހަސަން

    ދިސް އިޒް ނޮޓް އިންޑިއަން އޯސަން އައިލެންޑު ގޭމްސް ... ވަރައް ވާހަކަ