އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އާއި ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެ ނިކަމެތިވެފައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް އަނެއްކާ ވެސް ގޮންޖެހުންތަކަކާއި ކުރިމަތިވެއްޖެ އެވެ.

އޯލްޑް ޓްރަފޯޑްގައި ރޭ ކުޅުނު ލީގު މެޗު 2-2 އިން އެއްވަރުވެ ލީގުގައި ޖެހިޖެހިގެން ދެ މެޗު ޕޮއިންޓަކުން ފަރުޖައްސާލަން ޖެހުމުން ޔުނައިޓެޑް ވަނީ ތާވަލުގެ ނުވަވަނައިގައި ތާށިވެފަ އެވެ. ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު 14 މެޗުން ޔުނައިޓެޑަށް ހަމަކުރެވިފައިވަނީ އެންމެ 18 ޕޮއިންޓެވެ. މިއީ 1988 ވަަނަ އަހަރުގެ ސީޒަނުގެ ފުރަތަމަ 14 މެޗުން 18 ޕޮއިންޓް ހަމަ ކުރުމަށްފަހު މިދިޔަ 31 އަހަރުގެ ތެރޭ އެޓީމުން ސީޒަނުގެ މިހާ ހިސާބަށް އައިއިރު ޕޮއިންޓް އެންމެ މަދުން ހަމަކުރި ފަހަރެވެ. އެފަހަރު ޔުނައިޓެޑުން ލީގު ނިންމާލީ 11 ވަނައިގައި އޮވެ އެވެ. ރޭގެ މެޗުން ލިބުނު ޕޮއިންޓާއެކު އެސްޓަން ވިލާ ވަނީ 15 ޕޮއިންޓާއެކު ތާވަލުގެ 15 ވަނަ އަށް ޖެހިލައިފަ އެވެ.

އެއްވަރުވި ނަމަވެސް އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗު ޔުނައިޓެޑުން ފެށީ ވަރުގަދަކޮށެވެ. އަރިމަތިން ހުއާން މާޓާ މެދުވެރިކޮށް ހަމަލާތަކެއް އުފެއްދޭތޯ އެޓީމުން މަސަތްކަތް ކުރަމުން ދިޔަ އިރު، ޔުނައިޓެޑްގެ ސަޕޯޓަރުން މާޔޫސްވެގެންދިޔައީ 11 ވަނަ މިނެޓުގައި ވިލާ އިން އުފެއްދި ކައުންޓާ ހަމަލާއެއްގައި ޖެކް ގްރީލިޝް ޑެހެއާގެ ގޯލު ފޫއަޅުވާލުމުންނެވެ. ގްރީލިޝްގެ ލަނޑާއެކު ޔުނައިޓެޑް އަތުން މެޗުގެ ކޮންޓްރޯލް ގެއްލިގެންދިޔަ ނަމަވެސް ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ވިލާގެ ކީޕަރު ޓޮމް ހީޓަން އަތުން ބައިކޮޅަށް ވަން ލަނޑުން ނަތީޖާ ހަމަހަމަ ވެގެންދިޔައެވެ.

ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުވެސް ވަރުގަދަ ކޮށް ފެށި ޔުނައިޓެޑަށް ހިތްހަމަޖެހުމެއް ލިބިގެންދިޔައީ 64 ވަނަ މިނެޓުގައި ވިކްޓާ ލިންޑެލޯފް އެޓީމަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ހޯދައި ދިނުމުންނެވެ. ސްވިޑެން ކުޅުންތެރިއާގެ ލަނޑުން ޔުނައިޓެޑްގެ ސަޕޯޓަރުންނަށް ކުޑަ ވަގުތު ކޮޅަކަށް އުފާވެރިކަމެއް ލިބުނު ނަމަވެސް އެޓީމުގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ވިލާގެ ޓައިރޯން މިންގްސް ވަނީ ލަނޑެއް ޖަހައި ނަތީޖާ 2-2 އަށް ބަދަލުކޮށްފަ އެވެ.

މިންގްސް ލަނޑުން ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަ ވެގެން ދިއުމުން ޔުނައިޓެޑްގެ އެޓޭކްތައް ވަރުގަދަ ކޮށްލުމުގެ ގޮތުން ކޯޗު އޮލޭ ގުނަ ސޯލްޝެއާ ޖެސޭ ލިންގާޑާއި މޭސަން ގްރީންވުޑް ކުޅެން އެރުވި ނަމަވެސް ހޯމް ޓީމަށް މެޗު ނިންމާލަން ޖެހުނީ ޕޮއިންޓަކުންނެވެ.

ޖެހިޖެހިގެން ދެވަނަ މެޗުން ޔުނައިޓެޑް އެއްވަރުވި އިރު އާސެނަލް ވަނީ ނޯވިޗް އާއި އެއްވަރުކޮށް މޮޅެއް ނުހޯދައި ލީގުގައި ހަ މެޗު ހަމަކޮށްފަ އެވެ. ކެރޯ ރޯޑްގައި ކުޅުނު މެޗު 2-2 އިން ދެޓީމު ހަމަހަމަ ވެގެން ނިމިގެންދިޔަ އިރު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ޓީމު ޕުއްކީގެ ލަނޑުން ނޯވިޗް އެވެ. އޭގެ ފަހުން ލިބުނު ޕެނަލްޓީ އެއްގައި ޕިއެރޭ އެމެރިކް އޮބަމެޔާންގް އާސެނަލް އަށް ނަތީޖާ ހަމަހަމަ ކޮށްދިން އިރު ނޯވިޗް އަށް ދެވަނަ ފަހަރަށް ކުރިހޯދައި ދިނީ 21 އަހަރުގެ ޓޮޑް ކާންޓްވެލް އެވެ. 2-1 އިން ބަލިވަމުން ދަނިކޮށް އާސެނަލް ސަލާމަތްކޮށްދިނީ އޮބަމެޔާންގެވެ. މިއީ ގެބޮން ފޯވަޑް މިސީޒަނުގެ ލީގުގައި ކާމިޔާބުކުރި 10 ވަނަ ލަނޑެވެ.

ނޯވިޗް އަތުން ލިބުނު ޕޮއިންޓާއެކު އާސެނަލް ވަނީ 19 ޕޮއިންޓް ހަމަކޮށްގެން ތާވަލުގެ އަށް ވަނަ އަށް ޖެހިލައިފަ އެވެ. ނޯވިޗް އޮތީ 8 ޕޮއިންޓް ލިބިގެން 19 ވަނައިގަ އެވެ.