މިއަދު އިއުލާނު ކުރުމަށް ހަމަޖެހިފައިވާ ފުޓްބޯޅައިގެ އެންމެ ޝަރަފްވެރި އިންޑިވިޖުއަލް އެވޯޑްބެލޮންޑިއޯ އެވޯޑް“ ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ އަށް ލިބިއްޖެ ނަމަ އެކަމުގެ ސަބަބުން ގެއްލުމެއް ލިބޭނެ އެއްވެސް މީހެއް ނެތް ކަމަށް އެވޯޑަށް މެސީ އާއި އެންމެ ކައިރިން ވާދަކުރާ ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކް ބުނެފި އެވެ.

ފްރާންސް ފުޓްބޯޅަ މެގަޒިން އިން 1956 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ދެމުން އަންނަ ބެލޮންޑިއޯ އެވޯޑް ދިނުމުގެ ރަސްމިއްޔާތު މިއަދު ފްރާންސްގެ ވެރިރަށް ޕެރިހުގައި އޮންނަ އިރު މިފަހަރުގެ އެވޯޑަށް ވާދަކުރަނީ މެސީ އާއި ވެން ޑައިކްގެ އިތުރުން ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރޮނާލްޑޯ އާއެކު ރެކޯޑު ފަސް ފަހަރު މި އެވޯޑް ހާސިލްކޮށްފައިވާ މެސީ އަށް މިފަހަރުގެ ބެލޮންޑިއޯ ލިބޭ ކަމަށް ބުނެ ސްޕެނިޝް މީޑިއާތަކުން ވަނީ ފާއިތުވެދިޔަ ދުވަސްތަކުގައި އަޑުފަތުރައިފަ އެވެ.

ސްޕެއިންގެ ނޫސް މަޖައްލާއެއް ކަަމަށްވާ "މުންޑޯ ޑެޕޯޓިވޯ" އާއި ހަވާލާދީ ޑެއިލީމެއިލްގައި ބުނެފައިވާ ގޮތުން ފްރާންސް ފުޓްބޯޅަ މެގަޒިންގެ ވަފުދެއް ބާސެލޯނާ އަށް އައިސް މެސީ އާއި ބައްދަލުކޮށް ބެލޮންޑިއޯ އެވޯޑް މެސީ އަށް ލިބޭ ކަން އޭނާ އަށް އަންގާފައިވާ ކަމަށެވެ.

މެސީ އަށް އެވޯޑް ލިބޭ ކަމަށް ބުނެ މީޑިއާގައި އަޑު ފެތުރުނަސް އެވޯޑް ލިބެނީ ކޮން ކުޅުންތެރިއަކަށް ކަން އަދި ޔަގީނެއް ނުވެ އެވެ. އެވޯޑަށް އުމުރުން 32 އަހަރުގެ މެސީ އަށް އެންމެ ބޮޑު ފައިޓެއް ދޭނެ ކަމަށް ބެލެވެނީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ޑިފެންޑަރުގެ ގޮތުގައި ފާހަގަކުރެވިފައިވާ ހޮލަންޑުގެ ވެން ޑައިކެވެ.

އެވޯޑާއި ބެހޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ވެން ޑައިކް ބުނީ ބެލޮންޑިއޯ އެވޯޑަށް ނޮމިނޭޓް ވުމަކީ ވެސް ޝަރަފެއް ކަމަށާއި މިއަދުގެ ރަސްމިއްޔާތުގައި އެވޯޑް އޭނާ އަށް ނުލިބުނަސް އެއީ ލިބޭނެ ގެއްލުމެއް ގޮތުގައި ނުދެކޭނެ ކަމަށެވެ.

"އަހަންނަށް ނޫނީ މެސީ އަށް ލިބުނަސް އެކަމުން ގެއްލުމެއް ވާނެ އެއްވެސް މީހެއް ނެތް. އަހަންނަށް ލިބޭ ބޮޑު ޝަރަފެއް މިއީ މި އެވޯޑަށް ވާދަކުރެވުމަކީ ވެސް. ސަބަބަކީ އެހާ ގިނަ ބަޔަކަށް ކުރެވޭ ކަމެއް ނޫން މިއީ މިގޮތަށް އައިސް މިފަދަ އެވޯޑް ތަކަށް ނޮމިނޭޓް ވުން މިއީ. އެހެންކަމުން ލިވަޕޫލާއި ގައުމީ ޓީމާއެކު ރަނގަޅު ފެންވަރެއްގައި ކުޅެވި މެސީ ފަދަ ކުޅުންތެރިންނާއި އެއް ބްރެކެޓެއްގައި އަހަރެންގެ ނަން ހިމެނިގެން ދިއުމުން އެކަނިވެސް އެއީ އަހަަންނަށް ލިބޭ ބޮޑު ފަހުރެއް،" އެވޯޑާއި ބެހޭގޮތުން އޭނާގެ އިހުސާސްތައް ހިއްސާކުރަމުން ވެން ޑައިކް ބުންޏެވެ.

ލިވަޕޫލް ޓީމުގެ މައި ބަދައިގެ ގޮތުގައި ފާހަގަކުރެވިފައިވާ ހޮލަންޑުގެ ކުޅުންތެރިއާ އަކީ މިވަގުތު މުޅި ޔޫރަޕްގައި ވެސް ހުރި އެންމެ ފޯމް ރަނގަޅު ޑިފެންޑަރެވެ. ސައުތޭމްޓަން އިން އެއިރުގެ ރެކޯޑް ފީ އަކަށް ލިވަޕޫލަށް ބަދަލުވި ވެން ޑައިކް ވަނީ މިދިޔަ ސީޒަންގައި އޭނާ ކުޅުނު ފުރަތަމަ މެޗުން ފެށިގެން ގޮސް ފަހު މެޗާއި ޖެހެން ދެން ލިވަޕޫލްގެ ޑިފެންސް ލީޑް ކުރުމުގައި ތަފާތު މޮޅު ކުޅުމެއް ދައްކައި، ލީގުގައި ލިވަޕޫލުން 97 ޕޮއިންޓް ހަމަކޮށް ޗެމްޕިއަން މެންޗެސްޓާ ސިޓީގެ ފަހަތުން ޕޮއިންޓެއްގެ ފަރަގުން ދެވަނައިގައި ނިންމާލުމުގައި މުހިއްމު ރޯލެއް އަދާކޮށްފަ އެވެ.

ޗެމްޕިއަންސް ލީގުގައި ވެސް މޮޅު ކުޅުމެއް ދެއްކި ވެން ޑައިކް ވަނީ މިދިޔަ ސީޒަނުގެ މުބާރާތުގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ވެސް ހޯދައިފައެވެ. ލިވަޕޫލުން 2005 ގެ ފަހުން ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު މިދިޔަ ސީޒަނުގައި އުފުލާލުމުގެ ނަތީޖާއެއްގެ ގޮތުން ޔުއެފާ އިން ހޮވި އަހަރުގެ އެންމެ ކުޅުންތެރިއާގެ މަގާމް ވެސް ހޯދީ ވެން ޑައިކެވެ.

ބެލޮންޑިއޯ އެވޯޑް އިއުލާނު ކުރުމުގެ ވަގުތު ކުޑަތަން ވަމުން އަންނަ އިރު މި އެވޯޑަކީ ފުޓްބޯޅަ ކުޅުންތެރިންގެ އިތުރުން ފޭނުން ވެސް އެންމެ އިންތިޒާރުކުރާ އިންޑިވިޖުއަލް އެވޯޑެވެ. މި އެވޯޑް ހޮވުމުގައި ފްރާންސް ފުޓްބޯޅަ މެގަޒިން އިން ބަލަނީ ނިމިގެންދިޔަ އަހަރު ކުޅުންތެރިން ދައްކާފައިވާ ޕާފޯމެންސަށެވެ. އެވޯޑަށް ކުޅުންތެރިއަކު ހޮވަނީ ނޫސްވެރިންނާއި ގައުމީ ޓީމްތަކުގެ ކެޕްޓަނުންނާއި ކޯޗުންގެ ވޯޓުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ދޮން ފާތިމަ

  ތި އެވޯޑް ލިބެންޖެހޭނީ އަހަރެންގެ ދަރިފުޅު ރޮނާލްޑޯއަށް...

  5
  11
  • ރޮނާބެ

   ވަރަށް ބޮޑާ ހާކާނެ
   ވަރިހަމަ ދުވަހަކު ނުކުޅުނަސް