ނޭޕާލުގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތް އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިސް ޓީމް އިވެންޓުގެ ފިރިހެން ބައިގައި ސްރީލަންކާ އަތުން ސީދާ ތިން ގޭމުން ރާއްޖޭގެ ގައުމީ ޓީޓީ ޓީމު ބަލިވެއްޖެއެވެ.

ޓޭބަލް ޓެނިސް ޓީމް އިވެންޓުގެ ފިރިހެން ކެޓެގަރީގައި އަވައްޓެރި ލަންކާއާއި ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ޓައިގައި ރާއްޖޭން ނުކުތީ މޫސާ މުންސިފް އަހުމަދު އެވެ. މުންސިފް އާއި ވާދަކޮށް ލަންކާ ކުޅުންތެރިޔާ މި ޓައި ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތަށް ލަންކާ ކުޅުންތެރިޔާ ގެންދިޔައީ 11-8، 11-9 އަދި 11-8 އިންނެވެ.

ދެވަނަ ޓައިގައި ރާއްޖެ ޓީމުން ކުޅުނީ ރާއްޖޭގެ މުހައްމަދު ޝައްފާން އިސްމާއިލް އެވެ. ދެވަނަ ޓައި ލަންކާ ކުޅުންތެރިޔާ ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 3 ސެޓު 1 ސެޓުންނެވެ. ފުރަތަމަ ސެޓު ލަންކާ ކުޅުންތެރިޔާ 7-11 އިން ގެންދިޔައިރު ދެވަނަ ސެޓު ޝައްފާން ވަނީ ކާމިޔާބު ކޮށްފައެވެ. ޝައްފާން ސެޓު ކާމިޔާބުކުރީ 15-13 އިންނެވެ. ތިންވަނަ ސެޓާއި ހަތަރުވަނަ ސެޓު ލަންކާ ކުޅުންތެރިޔާ ކާމިޔާބުކޮށްފައިވަނީ ފަސޭހަކަމާއެކު 7-11 އަދި 6-11 އިންނެވެ.

ޓީމް އިވެންޓުގެ ތިންވަނަ ޓައިގައި ރާއްޖޭން ކުޅުނީ މުހައްމަދު ޒީސްތު ނަސީމެވެ. މި ޓައިގައި ސީދާ ތިން ސެޓުން ލަންކާ ކުުޅުންތެރިޔާ ވަނީ ޒީސްތުގެ މައްޗަށް ކުރިހޯދައިފަ އެވެ. މެޗުގެ ސެޓުތައް ލަންކާ ކުޅުންތެރިޔާ ގެންދިޔައީ 11-4، 11-8 އަދި 11-8 އިންނެވެ.

ރާއްޖޭގެ ފިރިހެން ޓީޓީ ޓީމް ކުޅޭ މެޗުގައި މާދަމާ ނުކުންނާނީ ނޭޕާލާއި ދެކޮޅަށެވެ. 2000 ވަރަކަށް އެތްލީޓުން ބައިވެރިވާ މިފަހަރުގެ ގޭމްސްގައި 27 ކުޅިވަރެއް ހިމެނިފައިވެ އެވެ. ރާއްޖޭން މުބާރާތުގައި ވާދަކުރަނީ 11 ކުޅިވަރަކުންނެވެ. ގޭމްސް ކުރިއަށްދަނީ ވެރިރަށް ކަތަމަންޑޫގެ އިތުރުން ޕޮކަހާރާގަ އެވެ.