ނޭޕާލުގައި މިހާރު ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރަމުން އަންނަ ރާއްޖޭގެ އަންހެން ކްރިކެޓް ޓީމް ކުޅުނު ފުރަތަމަ މެޗުން ނޭޕާލް އަތުން ބޮޑު ތަފާތަކުން ބަލިވެއްޖެއެވެ.

މިއަދު ހެނދުނު ކުޅުނު މެޗުން ނޭޕާލް އަތުން ރާއްޖެ ބަލިވީ 10 ވިކެޓުންނެވެ. ނޭޕާލުގެ ޕޮކަހާރާ ސިޓީގައި ކުޅުނު މެޗުގައި ފުރަތަމަ ކުޅެން އެރީ ރާއްޖޭގެ ޓީމުންނެވެ. ރާއްޖެ އިން ކުޅެން އަރައި 10 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 16 ލަނޑެވެ. ޖަވާބުގައި ނޭޕާލް ޓީމުން ވަނީ ކުޅެން އަރައި ފުރަތަމަ އޯވަރު ނުނިމެނީސް 17 ލަނޑު ހަމަކޮށް މެޗު ކާމިޔާބުކޮށްފަ އެވެ. މިއަދުގެ މެޗުގައި ރާއްޖޭގެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 11 ބޯޅަ އިން 9 ލަނޑު ހެދި ހަމްޒާ ނިޔާޒް އެވެ.

ހަތަރު ގައުމަކުން ވާދަކުރާ ގޭމްސްގެ އަންހެން ކްރިކެޓް އިވެންޓްގައި ރާއްޖޭގެ ޓީމް ކުޅޭ ދެވަނަ މެޗް އޮންނާނީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އެ މެޗުގައި ރާާއްޖެ ނުކުންނާނީ ދުނިޔޭގެ ނިސްބަތުންވެސް ކްރިކެޓްގައި ފާހަގަކޮށްލެވޭ ސްރީލަންކާ އާއި ދެކޮޅަށެވެ. ރާއްޖެ ކުޅޭ ފަހު މެޗުގައި މި މަހުގެ ފަސް ވަނަ ދުވަހުނުކުންނާނީ ބަންގްލަދޭޝް އާއި ދެކޮޅަށެވެ.
މުބާރާތުގެ ފައިނަލަށް ދާނީ ލީގު އުސޫލުން ކުޅޭ ބުރު ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

ނޭޕާލާ ދެކޮޅަށް ރާއްޖޭގެ އަންހެން ކްރިކެޓް ޓީމް މިއަދު ކުޅުނު މެޗަކީ ރާއްޖޭގެ ގައުމީ އަންހެން ކްރިކެޓް ޓީމަކުން ކުޅުނު ބައިނަލްއަގްވާމީ ވާދަވެރި ފުރަތަމަ މެޗެވެ. ގޭމްސް އަށް ތައްޔާރުވުމުގެ ގޮތުން މީގެ ހަފްތާއެއްހާ ދުވަސް ކުރިން އަންހެން ޓީމަށް އިރުޝާދު ދޭން ސްރީލަންކާގެ ކޯޗެއް ވަނީ ގެނެސްފައެވެ. އަންހެން ޓީމުގެ ކޯޗަކަށް ގެނައި ޕަދްމާ ކަރްނާރަތުނެ އަކީ ކުރިން ލަންކާގެ އަންހެން ކްރިކެޓް ޓީމަށް ވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ.

މިފަހަރުގެ ގޭމްސްގައި ރާއްޖެއިން ވާދަކުރާ ގައުމީ އަންހެން ކްރިކެޓް ޓީމްގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އުމުރުން 14 އަހަރާއި 19 ވަނަ އަހަރާއި ދެމެދުގެ ކުދިންނެވެ.

ނޭޕާލްގައި އިއްޔެ ފެށި ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ ފިރިހެން ކްރިކެޓް ޓީމްވެސް ވަނީ ބައިވެރިވެފައެވެ. ފިރިހެން ކްރިކެޓް ޓީމް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ނުކުންނާނީ ބަންގްލަދޭޝް އާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިއްސެ

    ރާއްޖޭގެ ފިރިހެން ޓީމް ފުރަތަމަ މެޗް ކުޅޭނީ 4 ޑިސެމްބަރ 2019 ބައްދަލުކުރާނީ ބަގުލަދޭސްއާއި

    • ފަލަ އިއްސެ

      ތޭންކްސް

  2. ތަގެން

    ބޭކާރު ހަރަދު ކުރާނެކަމެއްނެތް