13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ އަންހެން ވޮލީބޯޅަ އިވެންޓުގެ ތިންވަނަ ހޮވާ މެޗުން ގައުމީ އަންހެން ވޮލީ ޓީމް ބަލިވެއްޖެ އެވެ.

މިއަދު ހަވީރު ނޭޕާލުގެ ކަތުމަންޑޫގެ ނެޝަނަލް ސްޕޯޓްސް ކައުންސިލް ކަވާޑް ހޯލުގައި ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖޭގެ ޓީމު ބަލިވީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ލަންކާ އިން ގެންދިޔައީ 25-13، 25-18 އަދި 25-08 އިންނެވެ. ރާއްޖެ ވަނީ ގްރޫޕް ސްޓޭޖުގައި ވެސް ލަންކާ އާއި ވާދަކޮށްފަ އެވެ. އެ މެޗުގައި ލަންކާ އަތުން ރާއްޖެ ބަލިވީ 25-14، 25-06 އަދި 25-17 އިންނެވެ.

މިފަހަރުގެ ގޭމްސްގެ ސެމީ ފައިނަލަށް ރާއްޖޭގެ އަންހެން ވޮލީ ޓީމު ދަތުރުކުރީ ގްރޫޕް ބީގައި ރާއްޖެ އާއި ލަންކާއާއެކު ހިމެނުނު ޕާކިސްތާން އަންހެން ޓީމް ފަހު ވަގުތު މުބާރާތުން ވަކިވުމުންނެވެ. ގްރޫޕްގެ އެއްވަނަ ކަނޑައަޅަން ލަންކާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމުން ސެމީގައި ރާއްޖެ ވާދަކުރީ ގްރޫޕުގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. ސެމީފައިނަލުގައި ރާއްޖެ ބަލިވީ އިންޑިއާ އާއި ވާދަކޮށް ސީދާ ތިން ސެޓުންނެވެ.

މި މުބާރާތުގެ އަންހެން ބައިގެ ފައިނަލަށް ދަތުރުކުރީ އިންޑިއާ އާއި ނޭޕާލެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުގައި އިންޑިއާއިން ވަނީ 26-24، 25-12 އަދި25-16 އިން ނޭޕާލް ބަލިކޮށްފަ އެވެ.

ލޯ މެޑަލް މެޗުގައި އަންހެން ޓީމަށް ނާކާމިޔާބީއާ ކުރިމަތިވުމުން މިފަހަރުގެ ގޭމްސްގެ ވޮލީބޯޅަ އިވެންޓް ރާއްޖެ އަށް ވަނީ ނިމިފައެވެ. ގައުމީ ފިރިހެން ވޮލީ ޓީމް މުބާރާތުން ކަަޓައިގެން ދިޔައީ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން ވެސް ބަލިވެގެންނެވެ. ފުރަތަމަ މެޗުގައި ޕާކިސްތާނު އަތުން ބަލިވިއިރު ދެވަނަ މެޗުގައި ފިރިހެން ޓީމް ބަލިވީ ލަންކާ އަތުންނެވެ. ރާއްޖޭގެ ފިރިހެން ޓީމު މިފަހަރުގެ ގޭމްސް އަށް ތައްޔާރުވީ ސާބިއާ އަށް އުފަން ދުނިޔޭގެ ފެންވަރުގެ ކޯޗެއް ކަމަށްވާ މިލޮރަޑް ކިޔާޗްގެ އިރުޝާދުގެ ދަށުންނެވެ.

މިފަހަރުގެ ގޭމްސް އަށް އަންހެން ޓީމު ނުކުތީ މިމަހުގެ ކުރީކޮޅު ބަންގްލަދޭޝްގައި ނިމުނު އޭވީސީ ސީނިއާ ވިމެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގެ ރިހި މެޑަލް ހޯދުމަށްފަ އެވެ. އެ މުބާރާތުގެ ފައިނަލުގައި އަންހެން ޓީމް ނޭޕާލް އަތުން ބަލިވި އިރު މި މުބާރާތުގެ ދެވަނަ ހޯދުން ވެގެންދިޔައީ ރާއްޖޭގެ ވޮލީގެ ތާރީހުގައި ވެސް މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީގެ ގޮތުގަ އެވެ.

ވޮލީ އިވެންޓުގެ މެޗުތައް ރާއްޖެއަށް ނިމުނު ނަމަވެސް ގޭމްސްގައި އިތުރު 10 ކުޅިވަރެއްގައި ވާދަކޮށް މެޑަލް ހާސިލްކުރުމުގެ ފުރުސަތު ރާއްޖެ އަށް އެބައޮތެވެ. މިފަހަރުގެ ގޭމްސްގައި 2000 އަށް ވުރެ ގިނަ އެތްލީޓުން ބައިވެރިވެފައިވާއިރު މުބާރާތުގައި ތަފާތު 27 ކުޅިވަރެއް ވަނީ ހިމަނައިފަ އެވެ.