ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ކަންކަމުގައި އެފްއޭއެމްގެ އެގްޒެކްޓިވް ކޮމިޓީ އަށް ލަފާ ދިނުމަށް އެކުލަވާލި ގައުމީ ޓީމުގެ ކޮމިޓީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަދު އުވާލައިފި އެވެ.

އެފްއޭއެމުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ދެން އިތުރަށް ރާއްޖޭގެ އެއްވެސް އުމުރުފުރައިގެ ގައުމީ ޓީމުގެ މެޗެއް އަދި މުބާރާތެއް ވެސް ނެތުމުގެ ސަބަބުން މިއަދުން ފެށިގެން ގައުމީ ޓީމް ކޮމިޓީ އުވާލެވިފައިވާ ކަމަށެވެ. އަދި ކޮމިޓީގެ މެމްބަރުންނަށާއި އަދި ހާއްސަކޮށް ކޮމިޓީގެ ޗެއާމަން އަލީ ވަހީދު ދިވެހި ފުޓްބޯޅަ އަށް ކޮށްދެއްވި މަސައްކަތަށް އެފްއޭއެމްގެ ނަމުގައި ޝުކުރު އަދާކުރާ ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެ އެވެ.

ގައުމީ ޓީމުގެ ކަންކަމަށް ލަފާދިނުމަށް އެންމެ ފުރަތަމަ ކޮމިޓީއެއް އެކުލަވާލާފައިވަނީ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ. ފުރަތަމަ ކޮމިޓީ އެކުލަވާލީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް އާއި ފަތުރުވެރިކަމާއި ބެހޭ ވަޒީރު އަލީ ވަހީދުގެ އިތުރުން އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދް އަދި ބެޑްމިންޓަން އެސޯސިއޭޝަނުގެ ރައީސް މޫސާ ނާޝިދު ހިމަނައިގެންނެވެ.

މީގެ ތެރެއިން އެކި ސަބަބުތަކާއި ހެދި އެކޮމިޓީން އަހުމަދު މަހުލޫފް ވަނީ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އިސްތިއުފާދީފަ އެވެ. އަދި އޭގެ ފަހުން އޮކްޓޯބަރު މަހުގެ މެދު ތެރޭގައި ކޮމިޓީގެ ޗެއާމަނަކަށް އަލީ ވަހީދު ހަމަޖެއްސި އިރު ފަހުން އެކުލަވައިލި ކޮމިޓީގައި ބައްސާމާއި މޫސާ ނާޝިދު ވެސް ހިމެނިވަޑައިނުގަންނަވަ އެވެ. ބަދަލުގައި ލައްވާފައިވަނީ އެފްއޭއެމްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް އަހުމަދު ޝަކީބް އާއި ގައުމީ ޓީމު ކޮމިޓީގެ ކުރީގެ މެމްބަރު އަލީ ނާޝިދު އާއި އަންހެން ގައުމީ ޓީމުގެ ކުޅުންތެރިޔާ މަރިޔަމް މިރުފަތެވެ.

އެފްއޭއެމުން ކޮމިޓީ އުވާލި ނަމަވެސް ކޮމިޓީ ލޯންޗް ކުރުމަށް ޕެރެޑައިސް އައިލެންޑް ރިސޯޓްގައި ބޭއްވި ހަފުލާއެއްގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގު ބިނާކޮށް ކުރު މުސްތަގުބަލުގެ ތެރޭގައި ހާސިލްކުރަން ބޭނުންވާ ކަންތައްތަކާއި ދުރު ރާސްތާ އަކަށް ޕްލޭން ކޮށްގެން ކަންތައްތައް ހާސިލްކުރަން ކުރާ މަސައްކަތްތަކުގެ މައްޗަށް އެކުލަވާލާ ޕްލޭން އަންނަ ޖެނުއަރީ މަހު އިއުލާން ކުރާނެ ކަމަށް ކޮމިޓީގެ ޗެއާމަން އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

ގައުމީ ޓީމް ކޮމިޓީގެ ޗެއާމަން އަލީ ވަހީދު ވަނީ މިދިޔަ މަހެއްހާ ދުވަހު ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި އިތުރު ކުރަން މަސަތްކަތް ކުރައްވާފަ އެވެ. އެގޮތުން ކޮމިޓީ އެކުލަވާލި ފަހުން ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ކޮލިފިކޭޝަނުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ކުޅުނު މެޗުތައް ޕްރޮމޯޓް ކުރުމަށް އެކޮމެޓީން ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.