ސައުތު އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި މިއަދު ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމާއި އަވައްޓެރި ސްރީ ލަންކާގެ 23 އަހަރުން ދަށުގެ ޓީމް ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

ނޭޕާލުގެ ކަތުމަންޑޫގެ ދަސާރާތު ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗު ދެޓީމު ހަމަހަމަ ވެގެން ނިމުނު އިރު މިއަދުގެ މެޗުގެ ފުރަތަމަ އެގާރަ އަށް ގައުމީ ޓީމްގެ ކޯޗު ޕީޓާ ސެގާޓް ނެރުނީ ވަރުގަދަ ޓީމެކެވެ. މިފަހަރުގެ 23 އަހަރުން ދަށުގެ ސްކޮޑުގައި ހިމަނާފައިވާ ގައުމީ ސީނިއާ ޓީމުގެ ތިން ކުޅުންތެރިން ކަމަށްވާ އަކްރަމް އަބްދުލްގަނީ (އަކޫ) އާއި އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އަދި ހަމްޒާ މުހައްމަދު (ހަމްޕު) އަށް ވެސް މިއަދުގެ މެޗުގެ ފުރަތަމަ އެގާރައިން ސެގާޓް ވަނީ ފުރުސަތު ދީފަ އެވެ.

މިއަދުގެ މެޗު ފަށައިގެން ރާއްޖޭން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު އިރު ރާއްޖޭން ވަނީ ފުރަތަމަ ހާފުގައި ވެސް ލީޑު ނަގަން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. ފުރަތަމަ ހާފުގައި ރާއްޖެ އިން ކުރި އެއްވެސް އެޓޭކެއްގެ ބޭނުން ނުހިފި ބޭކާރު ވެގެންދިޔަ އިރު ލަންކާ އަށް މެޗުން ޕޮއިންޓެއް ކަށަވަރު ކޮށްދިނުމުގައި ރާއްޖޭގެ ކްލަބް އީގަލްސް އަށް ކުޅޭ އެގައުމުގެ ގޯލްކީޕަރު ސުޖަން ޕެރޭރާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ފޮޓޯ އެމްއޯސީ

ދެ ވަނަ ހާފު ރާއްޖެ ޓީމުން ފެށީ ރިހާމް އަބްދުލްގަނީ (ބޮބީ) ޓީމުގައި ހިމަނައިގެންނެވެ. ދެވަނަ ހާފުގެ ކުރީކޮޅު ހަމްޕު އަށް ލިބުނު ފުރުސަތެއްގައި އޭނާ ތިރިތިރިން ފޮނުވާލި ބޯޅަ ގޯލާއި އަމާޒުނުވެ ބޭރަށް ދިޔަ އިރު ފޭދޫ އިއްބެ ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އޭގެ ފަހުން ރާއްޖެ އަށް ލިބުނު ކޯނަރަކުން އުފެއްދި ހަމަލާއެއްގައި އިއްބެ ލަންކާ ގޯލަށް އިތުރު ހަމަލާއެއް ފޮނުވާލި ނަމަވެސް އެ ބޯޅަ ދިޔައީ ގޯލާއި އަމާޒުނުވެ ބޭރަށެވެ.

ފޮޓޯ އެމްއޯސީ

މެޗުގެ ފަހުކޮޅު ހަމްޕު އަށް އޭރިއާ ބޭރުން ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ލަންކާ ޓީމުގެ ސުންދަރާ ރާޖްނިރޭޝަށް ރެފްރީ ވަނީ ރަތްކާޑު ދައްކައިފަ އެވެ.

މިފަހަރުގެ ފުޓްބޯޅަ އިވެންޓުގެ ކުޅުން މިއަދު ފެށީ އިވެންޓުގެ ޝެޑިއުލާމެދު މުބާރާތުގައި ވާދަކުރާ ޓީމުތައް ޝަކުވާ ކޮށްފައި ވަނިކޮށެވެ. މުބާރާތުގައި ވާދަކުރަން އޮތް އިންޑިއާ ވަކިވުމުން ނޭޕާލުން ވަނީ ފަސް ގައުމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ކުރި ހޯދާ ދެ ގައުމު ފައިނަލަށް ދާ ގޮތަށް ޝެޑިއުލް ބަދަލުކޮށްފަ އެވެ. އިންޑިއާ ގޭމްސްގެ ފުޓްބޯޅަ އިވެންޓުން ވަކިވުމުން ޝެޑިއުލް ބަދަލުކޮށްފައި ހުރި ގޮތުން ހުރިހާ ގެއްލުމެއް ލިބޭނީ ބައިވެރިވި އެހެން ޓީމުތަކަށް ކަމަށް ބުނެ ސެގާޓް ވެސް ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ސާފް ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި ބޫޓާނުން ވަނީ 1-0 އިން ބަންގްލަދޭޝް ބަލިކޮށްފަ އެވެ. މުބާރާތުގައި މާދަމާ ވެސް ދެ މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި ނޭޕާލާ ބޫޓާން ވާދަކުރާއިރު ދެވަނަ މެޗުގައި ރާއްޖެ ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.