ނޭޕާލުގައި މިހާރު ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ޓެނިސް ޓީމް އިވެންޓުގައި ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމަށްވެސް ނާކާމީޔާބީއާ ކުރިމަތިލާން ޖެހިއްޖެއެވެ.

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގެ ސަޓްޑޮބާޓޯ ސްޓޭޑިއަމުގައި އިއްޔެ ކުޅުނު ގޭމްސްގެ ޓެނިސް ޓީމް އިވެންޓުގައި ރާއްޖޭގެ ފިރިހެން ޓީމު ބޫޓާނާއި ވާދަކުރި އިރު އަންހެން ޓީމު ބައްދަލުކުރީ ނޭޕާލާ އެވެ.

ޓެނިސް ޓީމް އިވެންޓުގެ ފުރަތަމަ މެޗުގައި ރާއްޖޭގެ ފިރިހެން ޓީމުން އެންމެ ފުރަތަމަ ކުޅެން އެރީ އަބްދުﷲ ފާއިހް ފަޒީލް އެވެ. މި މެޗު ނިމުމުގެ ކުރިން ފާއިހު އަށް އަނިޔާވުމާއި ގުޅިގެން އޭނާ ވަނީ މެޗު ދޫކޮށްލާފަ އެވެ. ފާއިހު އަށް ނުކުޅެވުމުގެ ސަބަބުން ބޫޓާން ކުޅުންތެރިޔާ އެ މެޗު ކާމިޔާބުކުރީ 6-7 އަދި 5-5 އިންނެވެ.

ފިރިހެން ދެވަނަ މެޗުގައި ރާއްޖެ އިން ކުޅެން އެރި އިގްނާޒް މަންސޫރު އެވެ. މި މެޗު ބޫޓާން ކުޅުންތެރިޔާ ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ބޫޓާން ކުޅުންތެރިޔާ ގެންދިޔައީ 2-6 އަދި 4-6 އިންނެވެ.

ޓީމު އިވެންޓުގެ ފަހު މެޗުގައި ރާއްޖޭގެ އިގްނާޒް މަންސޫރު އަދި ހުސެއިން ނާޒިފުގެ ޑަބަލްސް ޕެއާ އިން ވަނީ އުއްމީދީ ކުޅުމެއް ދައްކައިފަ އެވެ. މި މެޗު ބޫޓާންގެ ޕެއާ އިން ކާމިޔާބުކުރީ ތިން ސެޓު އެއް ސެޓުންނެވެ. މެޗުގެ ސެޓުތައް ބޫޓާނުން ކާމިޔާބުކުރީ 6-4، 6-4، 7-6 އަދި 3-7 އިންނެވެ.

އަންހެން ޓެނިސް ޓީމް އިވެންޓުގައި ވެސް ރާއްޖެ ވަނީ ކުޅުނު ތިން މެޗުން ބަލިވެފަ އެވެ. ފުރަތަމަ މެޗުގައި ރާއްޖޭގެ އަޔާނީ މޫސާ ހަލީމް ކުޅެން ނުކުތް އިރު، ނޭޕާލް ކުޅުންތެރިޔާ މެޗު ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓުގައި ދެ ކުޅުންތެރިންގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު ނޭޕާލުން ސެޓު ގެންދިޔައީ 6-4 އިންނެވެ. ފުރަތަމަ ސެޓާއި ހިލާފަށް ދެވަނަ ސެޓުގައި އަޔާނީ އަށް މާއެދެވޭ ކުޅުމެއް ނުދެއްކުނު އިރު ނޭޕާލް ކުޅުންތެރިޔާ މި ސެޓު ކާމިޔާބު ކޮށްފައިވަނީ 6-0 އިންނެވެ.

ރާއްޖޭގެ ދެވަނަ މެޗުގައި ޒައިނާ އަބްދުލް ރަޝީދުގެ މައްޗަށް ނޭޕާލުގެ ކުޅުންތެރިޔާ ކުރިހޯދީ ސީދާ ދެ ސެޓުންނެވެ. އެ މެޗުގެ ސެޓުތައް ނޭޕާލުން 6-1، އަދި 6-3 އިން ގެންދިޔަ އިރު އަންހެން އިވެންޓުގެ ފަހު މެޗުގައި ރާއްޖޭގެ ރިފްގާ ޔޫސުފް ނަޖީބާއި ހަޝްމާ ހާނިމްގެ ޕެއާގެ މައްޗަށް ނޭޕާލްގެ ޕެއާއިން ވަނީ ސީދާ ދެ ސެޓުން ކުރިހޯދައިފަ އެވެ. މި މެޗުގެ ސެޓުތައް ނޭޕާލް ޕެއާ އިން ކާމިޔާބުކުރީ 3-6 އަދި 3-6 އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޓެނިސްފޭލް

    އަދިވެސް 6 ވަރަކަށް ޓެނިސް ކޯޓު އިތުރަށް އަޅަލާ. އޭރުން ތިކަންވާނެ. ކުރިއަށްދާން ކުރިއަރަށް މަސައްކަތްކޮށް އަމިއްލަ ޖީބުން ހަރަދުކޮށް ރަންވަނަތައް ހޯދާ ކުޅިވަރުތަކަށް ހަރަދުކުރުން މާ ރަނގަޅުވާނެ. އެންމެ ކުޑަމިނުން އެފަދަ ކުޅިވަރުތަކަށް ތަނެއް ދައްކާލުން އެއީ ކުރެވޭނެކަމެއް. ފައިސާގެ އެހީ ނުދެވޭތަނުގަ. ކުޅިވަރު ޕްލޭން އަލުން އެބަޖެހޭ މުރާޖާ ކުރަން

  2. ގޯސްމީހާ

    ކުޅިވަރު ކުޅުނޭ ކިޔާފަ މި މީހުންގެ އައުރަ އަށް ކިހިނެއްތަ މިވަނީ؟

    1
    3
  3. 23

    މީ އަހަރެން ވަރަ އް ކުޅެން ބޭނުން ކުޅިވަރެ އް.