ސައުތު އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި ރާއްޖޭގެ ގައުމީ އަންހެން ޓީމު ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެ އެވެ.

ނޭޕާލުގެ ޕޮކަރާ ސިޓީގެ ޕޮކަހާރާ ސްޓޭޑިއަމްގައި މިއަދު މެންދުރު ފަހު އަވައްޓެރި އިންޑިއާ އާއި ދެކޮޅަށް ކުޅުނު މެޗުން އަންހެން ޓީމު ބަލިވީ 5-0 އިންނެވެ. މިއަދުގެ މެޗަށް ރާއްޖޭން ނެރުނު ފުރަތަމަ އެގާރައިގައި ހިމެނުނީ އައިމިނަތު ލީޒާ (ގޯލްކީޕަރު)، ފާތިމަތު ތީބާ، ޝަހުލާ ތައުފީގް، މަރްޔަމް ރިފާ، އައިޝަތު ފިރުޝާ، އައިމިނަތު ޝާމިލާ، ފާތިމަތު ސާލިޔާ، އައިޝަތު މާހިން، މައީޝާ އަބްދުލް ހަންނާން، އައިޝަތު ސަމާގެ އިތުރުން ހައްވާ ހަނީފާ އެވެ.

ފޮޓޯ އެމްއޯސީ

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު އިންޑިއާ އިން ލީޑު ނެގިއިރު މި ހާފު ނިމުމުގެ ކުރިން އެޓީމުން ވަނީ ތިން ލަނޑުގެ ލީޑެއް ނަގައިފަ އެވެ. އިންޑިއާ އިން މެޗުގައި ޖެހި އަނެއް ދެ ލަނޑު އެޓީމުން ކާމިޔާބުކުރީ ދެ ވަނަ ހާފުގަ އެވެ.

މިފަހަރުގެ މުބާރާތުގެ އަންހެން ފުޓްބޯޅަ އިވެންޓުގައި ބައިވެރިވީ ރާއްޖެ އާއި މުބާރާތް ބާއްވާ ނޭޕާލް އަދި އިންޑިއާގެ އިތުރުން ސްރީ ލަންކާ އެވެ. އަންހެން ފުޓްބޯޅަ އިވެންޓް މިއަދު ފެށިއިރު ފައިނަލް މެޗު ކުޅޭނީ ޑިސެމްބަރު ނުވަ ވަނަ ދުވަހު އެވެ. ހަތަރު ގައުމަކުން ވާދަކުރާތީ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ގައުމު ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.

ފޮޓޯ އެމްއޯސީ

މުބާރާތުގެ ދެ ވަނަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު ރާއްޖޭގެ އަންހެން ޓީމު ނޭޕާލާ ދެކޮޅަށް ނުކުންނައިރު ލީގު ބުރުގެ ފަހު މެޗުގައި ހޮނިހިރު ދުވަހު ވާދަކުރާނީ ސްރީ ލަންކާއާ އެވެ. 2016 ވަނަ އަހަރު އިންޑިއާގައި އޮތް ސައުތު އޭޝިއަން ގޭމްސްގެ އަންހެން ފުޓްބޯޅަ އިވެންޓުގެ ޗެމްޕިއަންކަން އިންޑިއާ ހޯދިއިރު ރަނަރަޕް ޓީމަކީ ނޭޕާލެވެ.

މިފަހަރުގެ ގޭމްސްގައި އަންހެން ޓީމަށް އިރުޝާދު ދެނީ ތަޖުރިބާކާރު ކޯޗު އަހުމަދު ނާޝިދު (ނާދު) އެވެ.