ދެކުނު އޭޝިއާގެ އެއްވަނަ ދުވުންތެރިޔާ، ހަސަން ސާއިދު މިއަދު ހޯދި ކާމިޔާބީ އަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މަރުޙަބާ ދަންނަވައިފިއެވެ.

ދެކުނު އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު ގޭމްސްގައި މިއަދު 100 މީޓަރު ދުވުމުން ސާއިދު ވަނީ ފަޚުރުވެރި އެއްވަނަ މަގާމް ހާސިލްކޮށްފައެވެ. މި ކާމިޔާބީ އާއެކު، ސާއިދު ވެފައިވަނީ އެތައް ޒަމާންތަކެއްވަންދެން ރާއްޖެއިން ބައިވެރިވަމުން އައި ކުޅިވަރު ގޭމްސްއިން ރަން މެޑައްޔެއް ހާސިލްކުރި ފުރަތަމަ ދިވެހި އެތްލީޓަށެވެ. މީގެ އިތުރުން، ސާއިދު އަކީ މިހާރު 2 ބިލިއަނެއްހާ މީހުން އުޅޭ މުޅި ދެކުނު އޭޝިއާގެވެސް އެއްވަނަ ދުވުންތެރިޔާ އަށް މިވަނީ ވެގެން ގޮސްފައެވެ.

ސާއިދު ރަން މެޑަލް ހިފައިގެން/ ފޮޓޯ : މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ރައީސް ޞާލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ދެކުނު އޭޝިއާގެ އެންމެ ބާރު ދުވުންތެރިޔާ" ސާއިދު މިއަދު ހޯދި ކާމިޔާބީ އަށް މަރުޙަބާ ދަންނަވާ ކަމަށާއި ސާއިދު އަށްޓަކައި ވަރަށް ބޮޑަށް ފަޚުރުވެރިވާ ކަމަށެވެ. އަދި ރާއްޖެއަށް ރީތި ނަން ހޯދުމުގައި ސާއިދު ކުރާ ބުރަ މަސައްކަތުގައި ކުރިއަށް ދިޔުމަށް އެދިވަޑައިގަތެވެ.

ސާއިދު ވަނީ އޭނާގެ ދާއިރާއިން، ދުވެގެން، މީގެ ކުރިންވެސް ރާއްޖެއަށް އެތައް ފަހަރެއްގެ މަތިން ރީތި ނަން ހޯދައިދީފައެވެ. އެގޮތުން، 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރުގެ ދުވުމުން އޭނާ ހޯދި ރަން މެޑެއްޔާއި، އެ މުބާރާތުގެ 200 މީޓަރުގެ ދުވުމުން އޭނާ ހޯދި ރިހި މެޑަލް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން، 2016 ވަނަ އަހަރުގެ އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކޮށް، އެ މުބާރާތުގެ 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ބުރުގެ ދެ ވަނަ ހީޓުން ވަނީ ބޮޑު ތަފާތަކުން އެއްވަނަ ހޯދައި، އަނެއް ބުރަށް ކޮލިފައި ވެފައެވެ. އެއާއެކު، ސާއިދު ވަނީ އޮލިމްޕިކްސްގެ ދުވުމުގެ ބައިން ބުރެއް ކާމިޔާބުކުރި ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފް ވެސް ހޯދާފައެވެ.