ސައުތު އޭޝިއަން ގޭމްސްގެ އަންހެން ޓީމު އިވެންޓުގައި ރާއްޖޭގެ އަންހެން ޓޭބަލް ޓެނިސް (ޓީޓީ) ޓީމުން ލޯ މެޑަލް ހޯދައިފި އެވެ.

އަންހެން ޓީމަށް ލޯ މެޑަލް ލިބުނީ މިއަދު ކުޅުނު ސެމީ ފައިނަލް މެޗުން ސީދާ ތިން ގޭމުން އަވައްޓެރި ސްރީ ލަންކާ އަތުން ބަލިވުމުންނެވެ. ކަތުމަންޑޫގެ ލޭންޗޯރު އިންޑޯ ހޯލުގައި ކުޅުނު ސެމީގެ ފުރަތަމަ ގޭމުގައި ރާއްޖޭން ނުކުތީ ގައުމީ ޗެމްޕިއަން ފާތިމަތު ދީމާ އަލީ އެވެ. ދީމާއާ ދެކޮޅަށް ނުކުތް އެރަންޑީ ވަސުވިތަރުނަ ވަނީ ތިން ސެޓު އެއް ސެޓުން ދީމާގެ މައްޗަށް ކުރިހޯދައިފަ އެވެ. އެރަންޑީ ފުރަތަމަ ދެ ސެޓު ގެންދިޔައީ 11-04 އާއި 12-10 އިންނެވެ. ތިން ވަނަ ސެޓު 12-14 އިން ގެންދިޔަ ނަމަވެސް ފަހު ސެޓުން 13-11 އިން ލަންކާ ކުޅުންތެރިއާ ވަނީ ސެޓު ކާމިޔާބުކޮށްފަ އެވެ.

ދެ ވަނަ ގޭމްގައި ރާއްޖޭން ނުކުތީ އައިޝަތު ރަފާ ނާޒިމް އެވެ. ރަފާގެ މައްޗަށް ލަންކާގެ އިޝާރާ މަދުރަންގީ ވެސް ކުރިހޯދީ 3-1 ސެޓުންނެވެ. ފުރަތަމަ ސެޓު 11-06 އިން އިޝާރާ ގެންގޮސްފައިވަނިކޮށް ރަފާ ވަނީ ދެ ވަނަ ސެޓު 10-12 އިން ސެޓު ގެންގޮސްފަ އެވެ. ދެ ވަނަ ސެޓުގައި ދެއްކި މޮޅު ކުޅުން ރަފާ އަށް ފަހު ދެ ސެޓުގައި ތަކުރާރު ނުކުރެވުނު އިރު އިޝާރާ ވަނީ 11-03 އަދި 11-06 އިން ފަހު ސެޓުތައް ގެންގޮސް މެޗުން މޮޅުވެފަ އެވެ.

ރާއްޖޭން ތިން ވަނަ ގޭމަށް ނުކުތީ ލައިސާ ފަތުހުﷲ އެވެ. ލަންކާގެ ޕިސީލިއާ އަތުން ލައިސާ ބަލިވީ ވެސް ކުރީ ދެ މެޗާއި އެއްގޮތަށް 3-1 ސެޓުންނެވެ. ކުރީ ދެ މެޗާއި ހިލާފަށް ލައިސާ ވަނީ މި މެޗުގެ ފުރަތަމަ ސެޓު 10-12 އިން ގެންގޮސްފަ އެވެ. ޕިސިލިއާ މެޗުން މޮޅުވީ ދެން ކުޅުނު ތިން ސެޓު ކާމިޔާބުކޮށްގެންނެވެ. އޭނާ ސެޓުތައް ގެންދިޔައީ 11-06، 11-08 އަދި 11-04 އިންނެވެ.

އަންހެން ޓީޓީ ޓީމުން ވަނީ މިދިޔަ ޖުލައި މަހު މޮރިޝަސްގައި ކުރިއަށްދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓީމް އިވެންޓުން ރަން މެޑަލް ހޯދައިފައެވެ. ރާއްޖޭގެ އަންހެން ޓީޓީ ޓީމުން މި ފަހަރުގެ ކުޅުނު ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވި ނަމަވެސް ޕާކިސްތާންގެ މައްޗަށް ވަނީ ކުރިހޯދައިފަ އެވެ. މިފަހަރުގެ ގޭމްސްގައި ހޯދި ލޯ މެޑަލް އަކީ މިހާތަނަށް ސާފް ގޭމްސްގެ ތާރީހުގައި ވެސް ޓީޓީ އަންހެން ޓީމަށް ލިބުނު އެންމެ ރަނގަޅު ކާމިޔާބީ އެވެ

ޕާކިސްތާން އަތުން ރާއްޖެ މޮޅުވީ 3-1 އިންނެވެ. އަންހެން ޓީމުން ލޯ މެޑަލް ހޯދި އިރު ޓީޓީ ފިރިހެން ޓީމު ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން ވަނީ ނޭޕާލާއި ލަންކާ އަތުން ބަލިވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަޙްލޫފް

    ކިރިޔާވެސް ބަޔަކަށް ވާކަހަލަ ބަޔަކާޖެހިއްޖެއްޔާ ތިލިބެނީ ދަބަރު މެޑެލް ގަނޑެއް ...