ނޭޕާލުގައި މިހާރު ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި ރާއްޖޭގެ ގައުމީ ފިރިހެން ފުޓްބޯޅަ ޓީމް ކުޅުނު ދެވަނަ މެޗުވެސް އެއްވަރުވެގެން ނިމިއްޖެއެވެ.

ބަންގްލަދޭޝް އާއި ރާއްޖެ މިއަދު ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިފައިވާއިރު، މީގެ ކުރިން ލަންކާ އާއި ދެކޮޅަށް ކުޅުނު މެޗުވެސް ވަނީ އެއްވަރު ވެފައެވެ.

ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގެ ދަސާރާތު ސްޓޭޑިއަމްގައި މިއަދު ހަވީރު ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ 1-1 އިންނެވެ.

ގޭމްސްގައި މިހާތަނަށް ކުޅުނު ދެ މެޗުން ރާއްޖެއަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ. މިއަދު މެންދުރު ނޭޕާލުން ވަނީ 4-0 އިން ބޫޓާން ބަލިކޮށްފަ އެވެ. މިހާތަނަށް ހަތަރު މެޗު ކުޅުނުއިރު ނޭޕާލާއި ބޫޓާނަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ފައިދާ ލަނޑުގެ ތަފާތުން ނޭޕާލަށް ކުރި ލިބޭއިރު ދެ ވަނައިގައި އޮތް ބޫޓާނަށް ތިން ޕޮއިންޓް ލިބުނީ އެއް މެޗުންނެވެ. ރާއްޖެ ތިން ވަނައިގައި އޮތްއިރު ހަތަރުވަނައިގައި އޮތް ބަންގްލަދޭޝާއި ފުލުގައި އޮތް ލަންކާ އަށް ލިބިފައިވަނީ ޕޮއިންޓެކެވެ.

ރާއްޖޭން މިއަދުގެ މެޗަށް ނުކުތީ ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައަށް ދެ ބަދަލު ގެނެސްގެންނެވެ. ލަންކާ މެޗުގައި ކުޅުނު ހަސަން ރާއިފް އަހުމަދު (ހަންނަ) އާއި އަބްދުﷲ ޔާމީން (ޔާން) ގެ ބަދަލުގައި މިއަދުގެ މެޗުގެ ފުރަތަމަ އެގާރައިގައި ޕީޓާ ސެގާޓް ހިމަނާފައިވަނީ ޖައިލަމް މުހައްމަދު (އޮގީ) އާއި ރިހާމް އަބްދުލްގަނީ (ބޮބީ) އެވެ.

ފުރަތަމަ ހާފުގައި ރާއްޖޭން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު އިރު ރާއްޖެ އަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރު ވެފަ އެވެ. އެގޮތުން ފުރަތަމަ ހާފުގައި ރާއްޖޭގެ އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އާއި ނާއިޒް ހަސަން (ދާދު) އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނު އިރު މެޗުގައި ބަންގްލަދޭޝަށް ލީޑު ލިބުނީ ރާއްޖޭގެ އަކްރަމް އަބްދުލްގަނީ (އަކޫ) އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. ބަންގްލަދޭޝްގެ ކުޅުންތެރިއަކު ފޮނުވާލި ބޯޅަ ރާއްޖޭގެ ގޯލްކީޕަރު ހުސައިން ޝަރީފް (ހުސެން) އަތުގައި ޖެހިފައި ގޯލަށް ވަނީ އަކްރަމްގެ ގައިގައި ޖެހިފަ އެވެ.

ދެ ވަނަ ހާފު ފެށިގެން ތިން ވަނަ މިނެޓުގައި ނަތީޖާ އެއްވަރު ކުރަން ފޭދޫ އިއްބެ އަށް ލިބުނު ބޯޅަ ފޮނުވާލުމުން ދިޔައީ ގޯލުގެ މަތިން ބޭރަށެވެ. އޭގެ ފަހުން ދާދު ފޮނުވާލި ބާރު ބޯޅަ ބަންގްލަދޭޝް ޓީމުގެ ގޯލްކީޕަރު އަތުގައި ޖެހިފައި ނުކުތުމުން ފޭދޫ އިއްބެ ރީބައުންޑްގައި ޖެހުމުން އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ރާއްޖޭގެ ޓީމަށް މެޗުގައި ނަތީޖާ ހަމަހަމަ ކޮށްދިނީ ދާދު ތަނަވަސްކޮށްދިން ފުރުސަތެއްގައި ފޭދޫ އިއްބެ އެވެ. މެޗުގެ 70 ވަނަ މިނެޓުގައި ދާދު އޭރިޔާ ވަދެފައި އިއްބެ އަށް ޖައްސާލި ބޯޅަ ފޮނުވާލުވުމުން ވަނީ ގޯލުގެ އަރިމަތީ ކަނަށެވެ.

މި ހާފުގައި ރަނގަޅަށް ކުޅެމުން ދިޔަ ރާއްޖެ ކޮޅަށް ބަންގްލަދޭޝްގެ ފުރަތަމަ ހަމަލާ ފޮނުވާލީ މެޗު ނިމެން ދިހަ މިނެޓަށް ވެފައި ވަނިކޮށެވެ. ރާއްޖޭގެ އޭރިޔާ ތެރޭގައި ހުރެފައި ބޮލުން ފޮނުވާލި ބޯޅަ ކީޕަރު ހުސެން ވަނީ މަތަކޮށްފަ އެވެ.

މުބާރާތުގައި ރާއްޖެ ދެން މެޗެއް ކުޅޭނީ އަންނަ ބުރާސްފަތި ދުވަހު އެވެ. ބޫޓާނާ ދެކޮޅަށް ރާއްޖެ އެދުވަހު ކުޅޭ މެޗު ފަށާނީ މެންދުރު 12:15 ގަ އެވެ. ލީގު ބުރުގެ ފަހު މެޗުގައި ރާއްޖެ އަންނަ ހޮނިހިރު ދުވަހު ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ބައްބެ

  އަޝްފާގު ނުގެންދާތި. މަމޮޅު މާމޮޅު.

  6
  2
 2. ޢަނީ

  އއއއަޝްފާގު ނުގެންދިޔާމަ ވަރަށް ދެރަ. އަކުރަމް އަކީ ބޭކަރު މީހެ ބަ އިކޮޅަށް ލަންޑު އެޖެހީ މި އަދު ކުރީދުވަހު ރަތްކާޑު ހޯދީ

  4
  1