ނޭޕާލުގައި ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ ދުވުންތެރިޔާ ހަސަން ސާއިދު 200 މީޓަރު ދުވުމުން ލޯ މެޑަލް ހޯދައިފި އެވެ.

ސާއިދު ލޯ މެޑަލް ހޯދީ 21.22 ސިކުތުން ރޭސް ނިންމައިގެންނެވެ. މި ރޭހުން އެއް ވަނަ ހޯދީ 21.15 ސިކުންތުން ދުވި ޕާކިސްތާނުގެ އުޒައިރު ރެހްމާނެވެ.

ސާއިދަކީ އާއްމުކޮށް ކޮންމެ މުބާރާތެއްގައި ވެސް 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުގައި ވާދަކުރި ނަމަވެސް ސައުތު އޭޝިއަން ގޭމްސް އަށް އޭނާ ދިޔައީ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދުމަށް ތައްޔާރުވެގެން ކަމަށް ވާތީ 200 މީޓަރު ދުވުމުގެ ތަމްރީނުތަކެއް ނުހަދައެވެ.

ސާއިދު މިއަދު ފައިނަލުން ފުރުސަތު ހޯދީ 21.83 ސިކުންތުން ދުވެ ހީޓުގެ ތިން ވަނަ ހޯދައިގެންނެވެ. ހީޓުގެ އެއް ވަނަ ހޯދީ 21.64 ސިކުންތުން ދުވި ޕާކިސްތާނުގެ މުހައްމަދު ޝާހްބާ އެވެ. ދެ ވަނަ އަކީ 21.70 ސިކުންތުން ދުވި ސްރީ ލަންކާގެ ވިނޯޖް ސުރަންޖާޔާ އެވެ.