ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގައި ރެއާލް މެޑްރިޑާއި ބަޔާން މިއުނިކް ބައްދަލުކުރަން ޖެހުނުއިރު، ލިވަޕޫލް އާއި ރޯމާ ބައްދަލުކުރަން ޖެހިއްޖެއެވެ.

ސެމީގައި ރެއާލް އާއި ބަޔާން ބައްދަލުކުރަން ޖެހުނުއިރު، މި ދެ ޓީމު މި މުބާރާތުގެ ސެމީގައި އެންމެފަހުން ބައްދަލުކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ. އެފަހަރު ދެ ލެގުން ވެސް މޮޅުވީ ރެއާލްއެވެ. މީގެއިތުރުން ރެއާލް އާއި ބަޔާން ވަނީ މިދިޔަ ސީޒަނުގެ މުބާރާތުގެ ކުއާޓާފައިނަލްގައި ވެސް ބައްދަލުކޮށްފައެވެ. އެފަހަރު ވެސް ލެގުން ވެސް މޮޅުވީ ރެއާލްކަން ފާހަގަކޮށްލެވެއެވެ.

ރެއާލް އަކީ ފާއިތުވި ދެ އަހަރު ވެސް މި މުބާރާތް ކާމިޔާބުކުރި ޓީމު ކަމަށްވާއިރު އެޓީމު ސެމީއަށް ދަތުރުކުރީ އިޓަލީގެ ޔުވެންޓަސް ބަލިކުރުމަށްފަހުއެވެ. އަދި ބަޔާން ސެމީ އަށް ދަތުރުކުރީ ސްޕެއިންގެ ސެވިއްޔާ ބަލިކުރުމަށްފަހުއެވެ.

ބަޔާން އާއި ރެއާލް ބައްދަލުކުރާ ފުރަތަމަ ލެގުގެ މެޗު އޮންނާނީ މި މަހުގެ 25 ވަނަ ދުވަހު ބަޔާންގެ ދަނޑުގައެވެ. ރެއާލްގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ.

މުބާރާތުގެ އަނެއް ސެމީގައި ލިވަޕޫލް އާއި ރޯމާ ބައްދަލުކުރާއިރު، މި ދެ ޓީމު މުބާރާތުގެ ސެމީ އަށް ދަތުރުކުރީ ގިނަ ބަޔަކު ސިއްސުވާލާފައެވެ. އެގޮތުން ލިވަޕޫލް ސެމީ އަށް ދަތުރުކުރީ ޕްރިމިއަރ ލީގުގެ އެއްވަނައިގައި އޮތް މެންޗެސްޓަރ ސިޓީ ކަޓުވާލުމަށްފަހުއެވެ. އަދި ރޯމާ ސެމީ އަށް ދަތުރުކުރީ ސްޕެނިޝް ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާ ކަޓުވާލުމަށްފަހުއެވެ.

ރޯމާ އާއި ލިވަޕޫލް ޗެމްޕިއަންސް ލީގުގައި އެންމެފަހުން ބައްދަލުކޮށްފައިވަނީ 2002 ވަނަ އަހަރުއެވެ. އެފަހަރު މި ދެ ޓީމު ވެސް އެއް ގްރޫޕެއްގައި ލައްވާލިއިރު ރޯމާގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. ނަމަވެސް ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗު 0-2 އިން ކާމިޔާބުކުރީ ލިވަޕޫލް އިންނެވެ.

ރޯމާ އާއި ލިވަޕޫލް ބައްދަލުކުރާ ފުރަތަމަ ލެގުގެ މެޗު އޮންނާނީ މި މަހުގެ 24 ވަނަ ދުވަހު ލިވަޕޫލްގެ ދަނޑުގައެވެ. ރޯމާގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ ދެވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖަމަލުސް

    ތަށި ލިބޭގޮތަށް ފައިނަލް ކޮށް ތަށީގައި ވަނީ ނަންވެސް ޖަހާފަކަންނޭނގެ. ވޭތުވެދިޔަ އަހަރު ތަކުގަ ރެއަލް މެޑުރިޑު ތަށި ހޯދާފައިވަނީ ރެފުރީންގެ އެހީގަ ކަމަށް ވާތީ ބުނެލީ.. މިފަހަރު ވެސް ވާނީ އެހެން

    • މުހައްމާ

      ބުރޯ މޮޅުޓީމެއް ދޯ ތަށި ހޯދާނީ