ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ފަސޭހަކަމާއެކު އެވަޓަން ބަލިކޮށް ލިވަޕޫލުން ލީގް ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފި އެވެ.

އަމިއްލަ ދަނޑުގައި ލިވަޕޫލުން އެވަޓަންގެ މައްޗަށް ކުރިހޯދީ 5-2 އިންނެވެ. މި މޮޅާއެކު ލިވަޕޫލަށް ވަނީ 15 މެޗުން 43 ޕޮއިންޓް ލިބިފަ އެވެ. ދެވަނައިގައި އޮތް ލެސްޓާ ސިޓީ އަށް ލިބިފައިވަނީ 35 ޕޮއިންޓެވެ. ލިވަޕޫލް މިސީޒަނުގައި އަދި ލީގް މެޗަކުން ބަލިވެފައިނުވާ އިރު އެޓީމުން ވަނީ މުޅިއެކު ޕްރިމިއާ ލީގުގައި ރެއާ ހަމައަށް ބަލިނުވެ 32 މެޗު ހަމަކޮށްފަ އެވެ.

ރޭގެ މެޗުގައި ލިވަޕޫލްގެ ފުރަތަމަ އެގާރަ އަށް ކޯޗު ޔާގެން ކްލޮޕް ވަނީ ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން މުހައްމަދު ސަލާހުގެ ބަދަލުގައި ޑިވޮކް އޮރީގީ އަށް ކްލޮޕް ފުރުސަތު ދިން އިރު ރޮބާޓޯ ފާމީނޯގެ ބަދަލުގައި ކުޅެން އެރީ ޒަރްދާން ޝަގީރީ އެވެ. ޓީމުގެ މެދުތެރެއިން ލަލާނާ އާއި ޖޭމްސް މިލްނާ ފުރަތަމަ އެގާރައިގައި ހިމެނުނު އިރު މިދިޔަ ހޮނިހިރު ދުވަހު ހޯދި ރަތް ކާޑުގެ ސަބަބުން ސަސްޕެންޑްވެފައި ހުރި އެއްވަނަ ކީޕަރު އެލިސަން ބެކާގެ ބަދަލުގައި މި މެޗުގައި ލިވަޕޫލްގެ ގޯލު ބެލެހެއްޓީ އެޑްރިއަން އެވެ.

އެންފީލްޑުގައި ކުޅުނު މެޗުގެ ފުރަތަމަ ވިހި މިނެޓް ތެރޭގައި ލިވަޕޫލުން ދެ ލަނޑުގެ ލީޑެއް ނެގި އިރު މި ލަނޑުތައް އެޓީމަށް ޖަހައިދިނީ ސާދިއޯ މާނޭ ތަނަަވަސްކޮށްދިން ފުރުސަތުތަކުގައި އޮރީގީ އާއި ޝަގީރީ އެވެ. އޭގެ ފަހުން އެވަޓަންގެ މައިކަލް ކީން އެވަޓަން އަށް ފަރަގު ކުޑަކޮށްދިންތާ ދެ މިނެޓް ފަހުން އޮރީގީ އަނެއްކާވެސް ލިވަޕޫލްގެ ލީޑް ދެ ލަނޑަށް ފުޅާކުރި އެވެ.

ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އެލެގްޒާންޑާ އަރްނޯލްޑް ދިން ބޯޅައެއްގައި މާނޭ ނަތީޖާ 4-1 އަށް ބަދަލު ކުރި ނަމަވެސް މިހާފު ނިމުމުގެ ކުރިން ރިޗާލިސަން ވަނީ އެވަޓަން އަށް ފަރަގު ކުޑަކޮށްދީފަ އެވެ. ލިވަޕޫލުން މެޗުގައި ޖެހި ފަސްވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި އެޓީމަށް ޖަހައިދިނީ ޖޯޖިއޯ ވަޔަނާލްޑަމް އެވެ.

ޕްރިމިއާ ލީގުގެ އެއްވަނަ މަގާމަށް ލިވަޕޫލާއި އެންމެ ކައިރިން މިވަގުތު ވާދަކުރަމުން އަންނަ ލެސްޓާ ސިޓީ ވެސް ވަނީ ރޭ އަމިއްލަ ދަނޑުގައި އެޓީމް ކުޅުނު މެޗު ކާމިޔާބުކޮށްފަ އެވެ. ކިންގް ޕަވާ ސްޓޭޑިއަމްގައި ތާވަލުގެ ފުލުގައި އޮފް ވެޓްފޯޑް އަތުން ލެސްޓާ މެޗު ކާމިޔާބުކުރީ 2-0 އިންނެވެ. މެޗުގެ ދެވަނަ ހާފުގެ 55 ވަނަ މިނެޓުގައި ޕެނަލްޓީ އަކުން ޖޭމީ ވާޑީ ލެސްޓާ އަށް ލީޑު ނަގައިދިން އިރު އެޓީމުގެ ލީޑު ދެ ލަނޑަށް ފުޅާކޮށްދިނީ އިތުރު ވަގުތުގައި ޖޭމްސް މެޑިސަން އެވެ.