ނޭޕާލުގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިސް އިވެންޓުގެ އަންހެން ސިންގަލްސް ބައިން ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް އާއި ފާތިމަތު ދީމާ އަލީ މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ރަފާ އާއި ދީމާ ކުއާޓާގެ ފުރުސަތު ހޯދީ ގްރޫޕްގައި ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ ގްރޫޕްގެ ދެ ވަނަ ހޯދައިގެންނެވެ.

ރަފާ ހިމެނުނު ގްރޫޕްގެ ފުރަތަމަ މެޗުގައި އިންޑިއާގެ އައިކާއާ ވާދަކޮށް ރަފާ ބަލިވީ ސީދާ ތިން ސެޓުންނެވެ. އެ މެޗުގެ ސެޓުތައް ދިޔައީ 11-04، 11-04 އަދި 11-05 އިންނެވެ. ދެ ވަނަ މެޗުގައި ރަފާ ވަނީ ފަސޭހަކަމާ އެކު ބަންގްލަދޭޝްގެ ސާދިއާ ރަހުމާންގެ މައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދައިފަ އެވެ. ރަފާ އެ މެޗުގެ ސެޓުތައް ގެންދިޔައީ 11-06، 11-05 އަދި 11-09 އިންނެވެ.

ދީމާ ވެސް ގްރޫޕްގައި ކުޅުނު ފުރަތަމަ މެޗުން ލަންކާގެ އިޝާރާ މަދުރަންގީ އަތުން 3-1 ސެޓުން ވަނީ ބަލިވެފަ އެވެ. އެ މެޗުގެ ފުރަތަމަ ސެޓު ގެންދިޔައީ 11-13 އިން ދީމާ އެވެ. އެކަމަކު އިޝާރާ ވަނީ ދެން ކުޅުނު ތިން ސެޓު ގެންގޮސް މެޗު ކާމިޔާބުކޮށްފަ އެވެ. އިޝާރާ ސެޓުތައް ގެންދިޔައީ 11-08، 11-04 އަދި 11-02 އިންނެވެ.

ސިންގަލްސް ކުއާޓާ ފައިނަލަށް ދީމާ ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު ފަހު މެޗުގައި ނޭޕާލްގެ ރަބީނާ މަހާރްޖަން 1-3 ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 11-7، 9-11 އަދި 7-11 އިންނެވެ.

ރާފާ އާއި ދީމާ ވަނީ ދާދި ފަހުން މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ސިންގަލްސް ބައިގެ ފައިނަލުގައި ވާދަކޮށްފަ އެވެ. ރަފާ ބަލިކޮށް އެ ގޭމްސްގެ ރަން މެޑަލް ހޯދީ ދީމާ އެވެ.

ސާފް ގޭމްސްގެ ސިންގަލްސް ކުއާޓާ ފައިނަލް މެޗުތައް މިއަދު މެންދުރު ފަހު އޮންނާނެ އެވެ.

ސައުތު އޭޝިއަން ގޭމްސްގެ ފިރިހެން ސިންގަލްސް ބައިގައި ވާދަކުރި ރާއްޖޭގެ މޫސާ މުންސިފާއި ޝައްފާން އިސްމާއިލް ވަނީ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ. މުންސިފް ކުޅުނު ދެ މެޗުން ބަލިވިއިރު، އޭނާ ނުކުތީ އިންޑިއާގެ ހަރްމީތާއި ލަންކާގެ އިމޭޝާއާ ދެކޮޅަށެވެ. ދެ މެޗުން ވެސް މުންސިފް ބަލިވީ ސީދާ ތިން ސެޓުންނެވެ. ޝައްފާން ގްރޫޕް ސްޓޭޖުގައި ވާދަކުރީ އިންޑިއާގެ އަމަލްރާޖް އެންތަނީ އާއި ޕާކިސްތާނުގެ ފަވާދު ހަވާޖާއާ އެވެ. އެ ދެ ކުޅުންތެރިން އަތުން ވެސް ޝައްފާން ބަލިވީ ސީދާ ތިން ސެޓުންނެވެ.