އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރައިޓަން އާއި ވާދަކުރި މެޗުން ބަލިވެ އާސެނަލް ލީގް ތާވަލުގެ ދިހަ ވަނަ އަށް ވެއްޓިއްޖެ އެވެ.

ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި އާސެނަލް ބަލިވީ 2-1 އިންނެވެ. މި މެޗުން ބަލިވުމާއެކު އާސެނަލް އިން ވަނީ މޮޅެއް ނުހޯދައި ޖެހިޖެހިގެން ނުވަ މެޗު ހަމަކޮށްފަ އެވެ. މިއީ ފަހުގެ ތާރީހެއްގައި މޮޅެއް ނުލިބި އާސެނަލުން މިހާ ގިނަ މެޗު ހަމަކުރި ފުރަތަމަ ފަހަރެވެ. ޕްރިމިއާ ލީގުގައި އާސެނަލް އެންމެ ފަހުން މެޗަކުން މޮޅުވެފައިވަނީ މީގެ ދެ މަސް ކުރިންނެވެ. ރޭގެ ބައްޔާއެކު އެޓީމު ތާވަލުގެ ދިހަ ވަނަ އަށް ވެއްޓުނީ މިހާތަނަށް ކުޅުނު 15 މެޗުން ހޯދި 19 ޕޮއިންޓާއެކު އެވެ. ރޭގެ މޮޅާއެކު ބްރައިޓަން ވަނީ ލީގުގައި އެޓީމު ބަލިވަމުން އައި ސިލްސިލާ އަށް ނިމުމެއް ގެނެސް 18 ޕޮއިންޓް ހަމަކޮށްގެން ތާވަލުގެ 13 ވަނަ އަށް ކުރިއަށް ޖެހިލައިފަ އެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ވެސް ބްރައިޓަން އިންނެވެ. ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ބްރައިޓަން އަށް މި ލަނޑު ޖަހައިދިނީ އެޑަމް ވެބްސްޓާ އެވެ. 1-0 އިން ފަހަތުގައި އޮވެ އާސެނަލުން މި ހާފު ނިންމާލި ނަމަވެސް ދެވަނަ ހާފު ފަށައިގެން ދިހަ ވަރަކަށް މިނެޓް ފަހުން މެސުޓް އޮޒިލް ނަގައިދިން ކޯނަރަކުން އެލެގްޒާންޑާ ލަކަޒަޓް ވަނީ ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

ލަކަޒަޓްގެ ލަނޑާއެކު އާސެނަލް އަށް ކޮންމެވެސް ވަރެއްގެ އުއްމީދެއް ލިބިގެންދިޔަ އިރު އެޓީމުން ވަނީ ދެވަނަ ހާފުގެ ފުރަތަމަ ވިއްސަކަށް މިނެޓު ތެރޭ ބްރައިޓަންގެ ގޯލަށް ނުރައްކާ ކުރެވޭތޯ މަސަތްކަތް ކޮށްފަ އެވެ. އެގޮތުން ލީޑު ނަގަން ޕިއެރޭ އެމެރިކް އޮބާމެޔާންގް އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނު އިރު ބްރައިޓަންގެ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމެއްގައި ތަނަވަސްވި ބޯޅައަކުން ޑޭވިޑް ލުއިޒް އިދިކޮޅު ގޯލު ފޫއަޅުވާލި ނަމަވެސް ވީއޭއާރުގެ އެހީގައި ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއްގެ ގޮތުގަ އެވެ.

އާސެނަލްގެ އެޓޭކްތައް ވަރުގަދަ ކުރުމުގެ ގޮތުން ދެވަނަ ހާފުގެ ފަހު ފަނަރަ މިނެޓަށް ކޯޗު ޔުންބާގް ވަނީ އަގު ބޮޑުކޮށް މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެޓީމުން ގަތް ނިކޮލަސް ޕެޕޭ ކުޅެން އަރުވާފަ އެވެ. ޕެޕޭގެ ފަރާތުން ސީޒަން ފެށިގެން އަދި މިހާތަނަށް އޭނާގެ އަސްލު ފެންވަރެއް ފެނިފައިނުވާއިރު ރޭގެ މެޗުގައި ވެސް އޭނާ އަކަށް އާސެނަލްގެ އެޓޭކް ހަމައަކަށް އެޅުވުމަށްޓަކައި މާބޮޑު މަސަތްކަތެއް ނުކުރެވުނެވެ.

1-1 އިން ދެޓީމް އެއްވަރުވަމުން ދަނިކޮށް ބްރައިޓަން އަށް ތާރީހީ މޮޅެއް ހޯދައިދިނީ މެޗު ނިމެން ދިހަ ވަރަކަށް މިނެޓަށް ވެފައި ވަނިކޮށް އެއަރޮން މޫއި ނަގައިދިން ހުރަހެއްގައި ނިއާލް މައުޕޭ އެވެ. އެމިރޭޓްސް ސްޓޭޑިއަމްގައި އާސެނަލްގެ މައްޗަށް ބްރައިޓަން އިން ހޯދި މި މޮޅަކީ އެކްލަބުގެ ތާރީހުގައި ވެސް އާސެނަލްގެ ދަނޑުގައި އެޓީމު މޮޅުވި ފުރަތަމަ ފަހަރެވެ.