ސައުތު އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި ރާއްޖޭގެ ގައުމީ އަންހެން ޓީމު ކުޅުނު ދެވަނަ މެޗުން ވެސް ބަލިވެއްޖެ އެވެ.

ނޭޕާލުގެ ޕޮކަހާރާ ސިޓީގެ ދަސާރާތު ފުޓްބޯޅަ ސްޓޭޑިއަމްގައި އިއްޔެ ހަވީރު ގޭމްސް ހޮސްޓް ކުރަމުން އަންނަ ނޭޕާލާއި ވާދަކޮށް ގައުމީ އަންހެން ފުޓްބޯޅަ ޓީމް ބަލިވީ 3-0 އިންނެވެ. ރާއްޖެ ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި އިންޑިއާ އާއި ދެކޮޅަށް ކުޅުނު މެޗުން 5-0 އިން ބަލިވެފަ އެވެ. މިދެޓީމަކީ އެންމެ ފަހުން 2016 ވަނަ އަހަރު އިންޑިއާގައި އޮތް ސައުތު އޭޝިއަން ގޭމްސްގެ އަންހެން ފުޓްބޯޅަ އިވެންޓުގެ ފައިނަލުގައި ވާދަކުރި ދެ ޓީމެވެ.

މިފަހަރުގެ މުބާރާތުގެ އަންހެން ފުޓްބޯޅަ އިވެންޓުގައި ބައިވެރިވީ ރާއްޖެ އާއި ނޭޕާލް އަދި އިންޑިއާގެ އިތުރުން ސްރީ ލަންކާ އެވެ. އަންހެން ފުޓްބޯޅަ އިވެންޓް މިދިޔަ އަންގާރަ ދުވަހު ފެށިއިރު ފައިނަލް މެޗު ކުުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ. ހަތަރު ގައުމަކުން ވާދަކުރާތީ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ގައުމު ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.

ލީގު ބުރުގެ ފަހު މެޗުގައި މާދަމާ އަންހެން ޓީމް ނުކުންނާނީ އަވައްޓެރި ލަންކާ އާއި ދެކޮޅަށެވެ. މިފަހަރުގެ ގޭމްސްގައި އަންހެން ޓީމަށް އިރުޝާދު ދެނީ ތަޖުރިބާކާރު ކޯޗު އަހުމަދު ނާޝިދު (ނާދު) އެވެ.