ސައުތު އޭޝިއަން ގޭމްސްގެ ފިރިހެން ކްރިކެޓް އިވެންޓުގައި އަވައްޓެރި ސްރީލަންކާ އާއި ދެކޮޅަށް ރާއްޖޭގެ ޒުވާން ކްރިކެޓް ޓީމުން ރަނގަޅު ވާދަައެއް ކޮށްފި އެވެ.

ނޭޕާލްގެ ޓީޔޫ ކްރިކެޓް ގްރައުންޑުގައި ކުޅުނު މި މެޗު ސްރީލަންކާ ކާމިޔާބުކޮށްފައިވަނީ 98 ލަނޑުންނެވެ. ލަންކާ އަކީ ދެކުނު އޭޝިއާ ސަރަހައްދުގެ އިތުރުން މުޅި ދުނިޔެއިން ވެސް މި ކުޅިވަރުގައި ގަދަ ބާރެކެވެ.

ލަންކާ ފަދަ ކްރިކެޓުގައި ވަރުގަދަ އަދި ކާމިޔާބު ޓީމަކާއި ދެކޮޅަށް ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން މޮޅުކުޅުމެއް ފެނިގެންދިޔަ އިރު މެޗުގެ ޓޮސް ދިމާވެގެން ރާއްޖެ ޓީމު ގަސްތުކުރީ ފުރަތަމަ ހޮވަން އެރުމަށެވެ. މި އިނިންގްސްގައި ލަންކާ ވަނީ ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 192 ލަނޑު ހަދާފައެވެ. މި އިނިންގްސްގައި ލަންކާ ޓީމުން އެންމެ އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 102 ލަނޑު ހެދި މެންޑިސް އެވެ. މެންޑިސްގެ އިތުރުން ލަންކާ އިން މި އިނިންގްސްގައި އެންމެ ރަނގަޅަށް ކުޅުނީ 26 ލަނޑު ހެދި ބަންޑާރާ އާއި އަޝާން އެވެ.

ލަންކާ އިން 20 އޯވަރުގެ ތެރޭ ހެދި 192 ލަނޑުގެ ޖަވާބުގައި ރާއްޖެ އިން ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި 9 ކުޅުންތެރިން ނުބައިވެގެން ހެދުނީ 94 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ 29 ލަނޑު ހެދި މުހައްމަދު ރިޝްވާން އާއި 12 ލަނޑު ހެދި މުހައްމަދު އައްޒާމް އެވެ.

ކްރިކެޓް އިވެންޓުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝް އާއި ވާދަކޮށް ވަނީ ބަލިވެފައެވެ. މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ނޭޕާލާ އެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު އެވެ.