ރާއްޖޭގައި ރަސްމީކޮށް ރަޖިސްޓަރ ކޮށް ހިންގަން ފެށި އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބް އޮފް މޯލްޑިވްސް (އޯއެލްއެސްސީ މޯލްޑިވްސް) އިން 2020 ވަނަ އަހަރަށް ކްލަބުގެ ސަޕޯޓަރުންގެ މެމްބަޝިޕް ޕެކޭޖް ތައާރަފްކޮށް ހަވާލުކުރަން ފަށައިފި އެވެ.

އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބު އޮފް މޯލްޑިވްސް އަކީ އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކްލަބު ލިވަޕޫލްގައި ވެސް ރަސްމީކޮށް ރަޖިސްޓްރީ ކޮށްގެން ހިންގާ އަދި ރާއްޖޭގެ ސްޕޯޓްސް މިނިސްޓްރީ ގައި ވެސް ރަޖިސްޓްރީ ވެގެން ހިންގާ ކްލަބް ޖަމިއްޔާއެކެވެ.

ލިވަޕޫލް ސަޕޯޓާސް ކްލަބުން މައުލޫމާތުދޭ ގޮތުގައި މިހާރު ވެސް 300 އަށް ވުރެ ގިނަ މެމްބަރުން އެ ކްލަބުގައި ރަޖިސްޓްރީ ވެފައިވެއެވެ. އަދި އޮފިޝަލް ލޯކަލް މެމްބަޝިޕްކަން ތައާރަފްކުރި ހިސާބުން އެކަމަށް ސަޕޯޓަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި ގިނަ އަދަދެއްގެ މެންބަރުން މިހާރު ވެސް މެންބަޝިޕް ކާޑު ނަގާފާއިވާ ކަމަށް އޯއެލްއެސްސީ އިން މައުލޫމާތުދެ އެވެ.

ލިވަޕޫލް ސަޕޯޓާސް ކްލަބުގެ އިތުރުން ޔޫރަޕްގެ މަޝްހޫރު އެހެން ކްލަބްތަކުގެ ސަޕޯޓަރުންގެ ޖަމިއްޔާތައް ވެސް ރަސްމީ އަދި ނުރަސްމީ ކޮށް ރާއްޖޭގައި އަންނަނީ ހިންގަމުންނެވެ. ނަމަވެސް މިއީ އެފަދަ ސަޕޯޓަރުންގެ ކްލަބަކުން ރާއްޖޭގެ ފޭން ބޭސް އަށް މިގޮތަށް މެމްބަޝިޕް ޕެކޭޖްތަކެއް ތަޢާރަފްކުރި ފުރަތަމަ ފަހަރެވެ.

ލިވަޕޫލް ސަޕޯޓާސް ކްލަބުގެ ސެކްރެޓަރީ ހަސަން ޝާބިން ބުނީ މެމްބަޝިޕް ޕެކޭޖާއެކު ރާއްޖޭގެ ވިޔަފާރި ކުންފުނިތަކާއި ގުޅިގެން އޯއެލްއެސްސީގެ މެމްބަރުންނަށް ވިޔަފާރި ކުރުމުގައި އިތުރު ފަސޭހަތަކެއް ލިބޭނެ ގޮތް ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

“ އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ މިކްލަބްގެ މެމްބަޝިޕް ކާޑު ގެންގުޅޭ ފަރާތްތަކަށް ޑިސްކައުންޓާއި އަދި ވެސް އެހެނިހެން ފަސޭހަތަށް ލިބޭނެ ގޮތްތައް ހަމަޖައްސަން. އަދި ވަރަށް ޕޮސިޓިވްކޮށް ޖަވާބު ލިބެނީ. ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި މިފަދަ އިންތިޒާމެއް ހަމަޖެހޭނެ އިރާދަކުރެއްވިއްޔާ “ ޝާބިން ބުންޏެވެ.

އޯއެލްއެސްސީ އިން އަލަށް ތައާރަފް ކުރި ޕެކޭޖްގައި ރެޑް މެންބަރުކަމާއި އާއި ބޭސިކް މެންބަރަކަށް ވުމުގެ ފުރުސަތު ސަޕޯޓަރުންނަށް ވަނީ ލިބިފަ އެވެ. އެ ކްލަބުން ބުނީ ފުރަތަމަ ފަހަރާ އަޅާބަލާއިރު ވަރަށް ބޮޑު ސަޕޯޓެއް ލިބުނު ކަމަށާއި، ހާއްސަކޮށް ރެޑް މެމްބަޝިޕަށް މެމްބަރުންގެ ޝައުގުވެރިކަން އިތުރުވެފައިވާ ކަމަށެވެ. މި ދެ ކާޑުގެ ސަބްސްކްރިޕްޝަނަށް ވެސް އަހަރީ ފީގެ ގޮތުގައި ހެޔޮ އަގެއް އެ ކްލަބުން ވަނީ ކަނޑައަޅައިފަ އެވެ. ބޭސިކް މެމްބަޝިޕް ފީއަކީ 250 ރުފިޔާ އެވެ. އަދި ރެޑް މެމްބަޝިޕް ފީއަކީ 500 ރުފިޔާ އެވެ.

ލިވަޕޫލް ސަޕޯޓާސް ކްލަބުން ފެށި ޒަމާނީ މި ހިދުމަތާއެކު އެ ކްލަބުގެ ސަޕޯޓަރުންނަށް ބޮޑު ހިތްހަމަޖެހުމެއް ވަނީ ލިބިފަ އެވެ.

ކުރިއަށް އޮތް އަހަރަށް މިދަނީ މި ކްލަބްގެ އިވެންޓްތަކާއި މުބާރާތްތަކާއި ކްލަބްގެ ފަރާތުން މުޖުތަމައަށް ކޮށްދޭނެ ކަންތައްތައް ރާވަމުން. އަޅުގަނޑުމެންގެ އަމާޒަކީ ކާމިޔާބު ފޭން ކްލަބެއްގެ އިތުރުން ޕްރޮފެޝަނަލް އަދި މުޖުތަމައު ބަލައިގަންނަ ފައިދާ ހުރި ބަޔަކަށްވުން ކްލަބްގެ ޗެއަޕާސަން ބައްސާމް ރަޝީދު ބުންޏެވެ.

ކްލަބުން މެމްބަޝިޕް ޕެކޭޖް ހަވާލުކުރުމުގެ މަސައްކަތް ފުރަތަމަ ދެ ދުވަހު ގެންދިޔައީ ކަބްސާ ލޯންޖުގައްޔާއި ޒީރޯ ޓޮލެރެންސް ރެސްޓޯރެންޓްގަ އެވެ. ކްލަބުގެ ބައެއް މެމްބަރުންނަށް މެމްބަޝިޕް ޕެކޭޖް ދޫކުރިއިރު އެ ކްލަބުގެ ރަޖިސްޓަރ ކޮށްފައިވާ ރާއްޖޭގެ ކުންފުނިތަކާއި އެހެނިހެން މަގާމްތައް ފުރުއްވާފައި ބައެއް ބޭފުޅުންނަށް ވެސް ރަސްމީ ކޮށް މިހާރު ވަނީ ކްލަބުގެ މެމްބަޝިޕް ޕެކޭޖް ހަވާލުކޮށްފަ އެވެ. ކްލަބުން މެމްބަޝިޕް ޕެކޭޖް ހަވާލުކުރި އެންމެ ހާއްސަ ފަރާތަކީ ލިވަޕޫލްގެ ޒަމާންވީ ސަޕޯޓަރު އަދި ރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްގައްޔޫމް އެވެ.

މީގެ އަހަރެއްހާ ދުވަސްކުރިން ރަސްމީކޮށް އޯއެލްއެސްސީ ރަޖިސްޓާ ކުރިއިރު އޭގެ ކުރިންނާއި ފަހުން ވެސް އެ ކްލަބުން އަންނަނީ އެކި އެކި ފެންވަރުގައި ކްލަބުގެ މެމްބަރުންގެ މެދުގައި އެކުވެރިކަން އާލާކޮށް ކްލަބު ކުރިއަރުވަން ވަރަށްގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ރާއްޖޭގައި ހިންގަމުން އަންނަ ތަފާތު ފުޓްބޯޅަ ފޭން ކްލަބު ތަކުގެ މެދުގައި ފުޓްސަލް މުބާރާތްތަައް ބޭއްވުމާއި ރާއްޖޭގެ އެކިއެކި އެންޖީއޯ ތަކާއި ގުޅިގެން ޗެރިޓީ މަސައްކަތްތަކުގައި އޯއެލްއެސްސީ އިން ދަނީ ބައިވެރިވަމުންނެވެ.

ލިވަޕޫލްގެ ރާއްޖޭގެ ފޭން ބޭސްގެ އެކުވެރިކަން ބަދަހިކުރުމުގެ ގޮތުން ކޮންމެ ހަފްތާއަކު ލިވަޕޫލް ކުޅޭ މެޗުތައް ބެލުމަށް ހާއްސަ ތަނަކަށް އެއްވެ އެންމެން އެކުއެކީގައި މެޗު ބެލުން ފޯރިއާއެކު ކުރިއަށް ގެންދިއުމަކީ އޯއެލްއެސްސީ އިން ގަވާއިދުން ކުރަމުން އަންނަ ކަމެކެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ލިވަޕޫލް ސަޕޯޓަރުންނާއި އޮންނަ ގުޅުން ބަދަހިކުރުމަށް މެމްބަރުންގެ މެދުގައި ސްކޯ ދިމާކުރުމުގެ މުބާރާތަކާއި ފުޓްބޯޅަ ފޭނުންގެ މެދުގައި މިހާރު މަގުބޫލު ގޭމެއް ކަމަށްވާ ފެންޓަސީ ޕްރިމިއާ ލީގު މުބާރާތެއް ވެސް އޯއެލްއެސްސީ އިން އަންނަނީ ބާއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް،ރ.ވާދޫ

    ތީގެން ވަނީދެން ކޮންކަމެއް. ތީ ލާރިހޯދަން އުޅޭބަޔަކާ ވައްތަރީ. ތީގަ ރަޖިސްޓުރީ ނުވެވެސް މިއޮށް އުޅެވެނީ. ކީއްކުރަން އުފުލާ އިތުރު ތަކުލީފެެއްބާ. ތިބުނާ ދޮންމީހިންގެ ޓީމުގެ މީހަކު ލޮލަށްވެސް ފެނަނަނީކީނޫން ޓީވީންނޫނި. މޮޔައިން މޮޔަހައްދާފަ ބައިތިއްބާ.

    15
    4
  2. ރާބެ

    ހިންގާލައޭ ލިވަފޫލް ފޭނުން

    5
    8
  3. ކްލޮޕް

    300 މެމްބަރުން.ޕަކާސް.

  4. މާ އެގޭ

    އެމް.އާރ. އެމް އަށް މެމްބަރުން ހަމަ ނުވެގެން އުޅޭތީ އެ ޕާޓީ އަށް އޮޅުވާލާފަ މީހުން ވެއްދުމުގަ ކުރާ ކަމަކާ ވައްތަރު (:

  5. ބަކާސް

    މިހާރު ދެން އަހަރެމެން ކުރާނެ މަސައްކަތް ހުސްވީތަ؟ ރައީސް މައުމޫނުވެސް މިސަކަރާތުގަ ބައިވެރިވެގެން . އަޅެފަހެ އަޖައިބެއް ނުވާނެތަ؟