ސައުތު އޭޝިއަން ގޭމްސްގެ ބާސްކެޓު ބޯޅަ އިވެންޓުގައި ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމު ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެ އެވެ.

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައ މިއަދު ގައުމީ ފިރިހެން ޓީމާއި ބަންގްލަދޭޝްގެ ފިރިހެން ޓީމު ބައްދަލު ކުރި މެޗުން ރާއްޖެ ބަލިވީ 78-67 އިންނެވެ. އަންހެން ޓީމު އިންޑިއާއާ ވާދަކޮށް ބަލިވީ 156-33 އިންނެވެ.

ގްރޫޕް ސްޓޭޖުގައި ގައުމީ ފިރިހެން ޓީމު ބަންގްލަދޭޝްއާ ދެކޮޅަށް މިއަދު ކުޅުނު މެޗުގެ ފުރަތަމަ ކުއާޓާގައި ރަނގަޅު ކުޅުމެއް ދެއްކި އެވެ. އެގޮތުން ފުރަތަމަ ކުއާޓާ ނިމުނުއިރު ރާއްޖެ އޮތީ 10 ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. މެޗުގެ ދެވަނަ ކުއާޓާގައި ދެޓީމުގެ ފަރާތުން ވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި ކުއާޓާގައި ބަންގްލަދޭޝް އިން ކުރިހޯދީ ރާއްޖެ އަށް ވުރެ އެންމެ ޕޮއިންޓެއް އިތުރަށް ހޯދައިގެންނެވެ. އެއީ 34 ޕޮއިންޓް 33 ޕޮއިންޓުންނެވެ.

މެޗުގެ ތިން ވަނަ ކުއާޓާ ފަށައިގެން ދިވެހި ޓީމުން ވަނީ އަލުން ލީޑު ނަގާފައެވެ. ތިންވަނަ ކުއާޓާ ރާއްޖޭން ކާމިޔާބުކުރީ 56 ޕޮއިންޓް 50 ޕޮއިންޓުންނެވެ. މެޗުގެ ފަހު ކުއާޓާ ވެސް ވާދަވެރިކޮށް ދިޔަ އިރު ދެ ޓީމުން ވެސް ދިޔައީ ދޫނުދީ ގާތްގާތުގައި ޕޮއިންޓްތައް ހޯދަމުންނެވެ. ހަތަރު ވަނަ ކުއާޓާގެ ފުރިހަމަ ވަގުތު ހަމަވި އިރު 67 ޕޮއިންޓް 67 ޕޮއިންޓުން ދެޓީމުވެސް ހަމަހަމަ ވެފައި އޮތުމުން ނަތީޖާ ނެރުމަށް ކުޅުނު ފަސް މިނެޓުގެ ތެރޭގައި ބަންގްލަދޭޝުން ވަނީ މޮޅު ކުޅުމެއް ދައްކައި ރާއްޖެ އަށް އެންމެ ޕޮއިންޓެއް ވެސް ހޯދުމުގެ ފުރުސަތު ނުދީ 78 ޕޮއިންޓް 67 ޕޮއިންޓުން މެޗު ކާމިޔާބުކޮށްފަ އެވެ.

މި މެޗުގައި ދިވެހި ޓީމުން އެންމެ ރަނގަޅަށް ކުޅުނީ މުޙައްމަދު ޒިލާލެވެ. އޭނާ ވަނީ މެޗުގައި ރާއްޖެއަށް 21 ޕޮއިންޓް ހޯދައިދީފަ އެވެ. ބަންގްލަދޭޝް ޓީމުން އެންމެ ރަނގަޅަށް ކުޅުނީ އެޓީމުގެ ކެޕްޓަން އެމްޑީ ޝަމްސުޒަމާން ޙާން އެވެ. އޭނާ ވަނީ މެޗުގައި 30 ޕޮއިންޓް އެޓީމަށް ހޯދައިދީފަ އެވެ.

ރާއްޖޭގެ އަންހެން ޓީމު މިއަދު ކުޅުނު މެޗުގައި އިންޑިއާ އަތުން ބަލިވީ 156-33 ގެ ބޮޑު ތަފާތަކުންނެވެ.

އެ މެޗުގެ ފުރަތަމަ ކުއާޓާގައި އިންޑިއާއިން 31 ޕޮއިންޓް ހޯދި އިރު ރާއްޖެ އަށް ލިބުނީ އަށް ޕޮއިންޓެވެ. ދެވަނަ ކުއާޓާގައި ކުޅެން ނުކުމެ އިންޑިއާ އިން 64 ޕޮއިންޓަށް ލީޑު ފުޅާ ކުރި އިރު ރާއްޖެއަށް ލިބުނީ 19 ޕޮއިންޓެވެ. އިންޑިއާއިން ތިން ވަނަ ކުއާޓާގައި 103 ޕޮއިންޓް ހަމަކުރި އިރު ރާއްޖެ އަށް ލިބުނީ އެންމެ 26 ޕޮއިންޓެވެ. ފަހު ކުއާޓާގައި ވެސް މޮޅަށް ކުޅުނު އިންޑިއާ އިން މެޗު ނިންމާލީ 156 ޕޮއިންޓާ އެކު އެވެ.

މި މުބާރާތުގައި ފިރިހެން ޓީމު ކުޅޭ ދެވަނަ މެޗުގައި އަންނަ އާދިއްތަ ދުވަހު ނުކުންނާނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ނޭޕާލާ ދެކޮޅަށެވެ. އަންހެން ޓީމު ދެން ކުޅޭ މެޗެއްގައި ވާދަކުރާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. މިފަހަރުގެ ގޭމްސް އާއި ގައުމީ ބާސްކެޓް ޓީމްތަކުން ކުރިމަތިލީ ޗައިނާގައި ގިނަ ދުވަސްތަކެއް ވަންދެން ތަމްރީންތަކެއް ފުރިހަމަކުރުމަށްފަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޜުންކުރުބެ

    ކާމިޔާ ބު ވާނީ ކިން ދުވަހަކުން ބާ

  2. ރާއްޖެ

    މުސްކުޅި މީހުން ގޮވައިގެން މިދަނީ ބާސްކެޓް ކުޅޭން. މޮޅުވާކަ ދިޔަބައެއްނުން ޗުއްޓީހަދާލަން ދިޔަބައެއްމީ.