ކުޅުންތެރިން ގަތުމުގައި އަމަލުކުރަން އޮންނަ އުސޫލާ ހިލާފުވުމުގެ ސަބަބުން އެއްވެސް ގޮތަކަށް ކުޅުންތެރިން ނުގަނެވޭ ގޮތަށް ނިންމައި ފީފާ އިން ޗެލްސީ އަށް ދިން އަދަބު ލުއިކޮށް މިއަންނަ ޖެނުއަރީ ޓްރާާންސްފާ ބާޒާރުގައި ގަނެވިއްކުމުގެ މުއާމަލާތު ކުރުމުގެ ހުއްދަ ދިން ނަމަވެސް އެކްލަބުން ޒުވާން ކުޅުންތެރިން ބިނާކުރުމުގައި ގެންގުޅެމުން އަންނަ އުސޫލަށް ފަނޑުކަމެއް ނާންނާނެ ކަމަށް ކޯޗު ފްރޭންކް ލަމްޕާޑް ބުނެފި އެވެ.

ފީފާ އިން ޗެލްސީ އަށް ދިން އަދަބު ލުއިކުރުމާއެކު އަންނަ ޖެނުއަރީ މަހު އަލުން ޓީމް އިތުރަށް ވަރުގަދަ ކުރުމަށް ކުޅުންތެރިން ގަތުމުގެ ފުރުސަތު ޗެލްސީއ އަށް ހުޅުވާލެވިފައިވާ އިރު ލަމްޕާޑް ބުނީ މިވަގުތު ޗެލްސީގައި ވިދަމުން އަންނަ ޒުވާން ކުޅުންތެރިން ބާކީ ކޮށް ނުލާނެ ކަމަށާއި އޭނާގެ ވިސްނުމުގައި ޗެލްސީގެ މުސްތަގްބަލް ބިނާވެފައި އޮތީ ވެސް ޒުވާން ކުޅުންތެރިންގެ މައްޗަށް ކަމަށެވެ.

"މި ޓީމުގައި ތިވި ޒުވާން ކުޅުންތެރިން ކްލަބުގައި ބަހައްޓާނަން. އަދި އެއަށްވުރެ ދަށުގައި ތިބި ކުޅުންތެރިން ވެސް ރަނގަޅު ޕާފޯމެންސްތައް ދައްކާނަމަ ޓީމުން ފުރުސަތު ދޭނަން. އަހަރެމެން އިތުރު ކުޅުންތެރިއެއްގެ ސޮއި ހޯދިއަސް ހޯދާނީ ޓީމަށް ބޭނުން ޖެހިއްޖެ ނަމަ. އަހަރެން މައުންޓް އާއި އަބްރަހަމް އަދި ޖޭމްސް ކުޅެން އަރުވަނީ އެ ކުޅުންތެރިން ފަހުން ވިއްކާލާކަށް ނޫން." ލަމްޕާޑް ބުންޏެވެ.

ލަމްޕާޑް މިހެން ބުނި އިރު އޭނާ އަންނަނީ ޒުވާން ޓީމެއް ގޮވައިގެން ޕްރިމިއާ ލީގުގައްޔާއި ޗެމްޕިއަންސް ލީގުގައި ވެސް ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. މިވަގުތު 29 ޕޮއިންޓާއެކު ހަތަރު ވަނައިގައި އޮތް ޗެލްސީ މިސީޒަނުގެ ލީގުގައި މިހާތަނަށް ކުޅުނު 15 މެޗުން ބަލިވެފައިވަނީ އެންމެ 4 މެޗުންނެވެ.

ލަމްޕާޑްގެ އިރުޝާދުގެ ދަށުން ޗެލްސީ ދައްކަމުން އަންނަ ކުޅުމަށް ގިނަ ބައެއްގެ ތައުރީފް އަމާޒުވެފައިވާއިރު އެޓީމުގެ އިނގިރޭސި ފޯވަޑް ޓެމީ އަބްރަހަމް އަންނަނީ ލީގުގެ ރަން ބޫޓަށް ވެސް ވާދަ ކުރަމުންނެވެ.