ސައުތު އޭޝިއަން ގޭމްސްގެ އަންހެނުންގެ ފުޓްބޯޅަ އިވެންޓުގެ ލީގު ބުރުގެ ފަހު މެޗުން މޮޅުވެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ލޯ މެޑަލް ހޯދައިފިއެވެ.

އަންހެން ފުޓްބޯޅަ ޓީމުން ލޯ މެޑަލް ހޯދާފައިވަނީ ލީގު ބުރުގެ ފަހު މެޗުގައި ސްރީ ލަންކާ 2-1 އިން ބަލިކޮށްގެންނެވެ.

މިއީ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ އަންހެން ޓީމަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ. 2016 ވަނަ އަހަރު ފުރަތަމަ ސައުތު އޭޝިއަން ގޭމްސްގައި އަންހެން ފުޓްބޯޅަ ޓީމުން ވާދަކޮށް ލިބިފައިވަނީ ހަތަރު ވަނައެވެ.

މިއަދު ލަންކާ އާ ދެކޮޅަށް ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ކުޅުނު މެޗުގައި ރާއްޖޭގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ އާމިނަތު ޝާމިލާ އާއި އައިޝަތު ފިރުޝާއެވެ. އަންހެން ޓީމަށް ދެކުނު އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު ގޭމްސްގައި މިއަދު ހޯދިފައިވާ މެޑަލްއަކީ އަހްމަދު ނާޝިދު (ނާދު) ކޯޗް ކަމުގެ ދަށުން ލިބިފައިވާ މެޑަލްއެކެވެ.

ގައުމީ އަންހެން ފުޓްބޯޅަ ޓީމުން އަންނަނީ 2010 ވަނަ އަހަރުން ފެށިގެން ވިމެންސް ސާފް ޗެމްޕިއަންޝިޕުގައި ވެސް ވާދަކުރަމުންނެވެ. މިޓީމުން ބައިވެރިވި ފުރަތަމަ ދެ މުބާރާތުގައި އެންމެ ޕޮއިންޓެއް ލިބުނު ނަމަވެސް 2014 ވަނަ އަހަރު ފުރަތަމަ ފަހަރަށް ވަނީ މޮޅެއް ހޯދާފައެވެ. އޭގެ ފަހުން 2016 ވަނަ އަހަރު ދެ މެޗުން މޮޅުވެ، ފުރަތަމަ ފަހަރަށް ސެމީ ފައިނަލުން ވެސް ވަނީ ފުރުސަތު ހޯދާފައެވެ.