ނޭޕާލުގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގެ ފިރިހެން ފުޓްބޯޅަ އިވެންޓުގައި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ނޭޕާލާއި ދެކޮޅަށް ކުޅުނު މެޗުން ވެސް ބަލިވުމުން ގައުމީ ފުޓްބޯޅަ ޓީމަށް މުބާރާތް ނިމިއްޖެ އެވެ.

ފުޓްބޯޅަ އިވެންޓުގައި ރާއްޖޭގެ ޒުވާން ޓީމާއި ނޭޕާލުގެ ޒުވާން ޓީމް މިއަދު ބައްދަލުކުރި މެޗު ނޭޕާލުން ކާމިޔާބުކުރީ 2-1 އިންނެވެ. ކުރީ ދެ މެޗާއި ހިލާފަށް މިއަދުގެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ރާއްޖެ އިންނެވެ. ރާއްޖެ އަށް ލީޑް ނަގައިދިނީ އިބްރާހިމް މަހްދީ ހުސައިން (ފޭދޫ އިއްބެ) އެވެ. ނޭޕާލަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ފުރަތަމަ ހާފު ނިމެން ކުޑަ ވަގުތު ކޮޅަކަށް ވެފައި ވަނިކޮށް އަބީޝެކް ރިޖާލް އެވެ.

ނޭޕާލުން މެޗުގައި ޖެހި ގެ ދެ ވަނަ ލަނޑު ނެގި ކޯނަރަކުން އެޓީމަށް ޖަހައިދިނީ އަނަންތާ ޓަމަންގް އެވެ.

މިފަހަރުގެ މުބާރާތް ރާއްޖެ އިން ނިންމާލީ މޮޅެއް ނުލިބި އެވެ. ފުރަތަމަ މެޗުގައި ބަންގްލަދޭޝް އާއި ވާދަކޮށް އެއްވަރުވި އިރު ޖެހިގެން އައި މެޗުގައި ލަންކާ އަތުން ވެސްވީ އެއްވަރެވެ. އޭގެ ފަހުން ބޫޓާން އާއި ވާދަކޮށް ރާއްޖެ ވަނީ ބަލިވެފައެވެ. މި މެޗުގެ ކުރިން ރާއްޖޭގެ ފުޓްބޯޅައިގެ ތާރީޚުގައި ބޫޓާނަށް ދިވެހި ސީނިއާ ޓީމުގެ އިތުރުން ޒުވާން ޓީމް ވެސް ބަލިކުރެވިފައެއް ނުވެއެވެ. ބޫޓާނަށް މީގެ ކުރިން ބަލިކުރެވިފައިވަނީ ހަމައެކަނި ރާއްޖޭގެ 15 އަހަރުން ދަށުގެ ގައުމީ ޓީމެވެ. ރާއްޖެ ކުޅުނު ހަތަރު މެޗުން ލިބުނީ ދެ ޕޮއިންޓެވެ.

މިއަދު ނޭޕާލް އަތުން ބަލިވެ ފުޓްބޯޅަ އިވެންޓުން އަލްވަދާޢުކީ އިރު މިއީ ގައުމީ ޓީމުގެ ކޯޗް ޕީޓާ ސެގާޓްގެ ކޯޗް ކަމުގައި ރާއްޖެ އިން މޮޅެއް ނުހޯދައި ނިންމާލި ދެ ވަނަ މުބާރާތެވެ. މި އަހަރު ޖުލައި މަހު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވެސް ސެގާޓްގެ އިރުޝާދުގެ ދަށުން ރާއްޖެ ނިންމާލީ މޮޅެއް ނުލިބި އެވެ.