ކޮންމެ ހަތަރު އަހަރުން އެއް އަހަރު ބާއްވަމުން އަންނަ އިންޓަނޭޝަނަލް ކެރަމް ފެޑެރޭޝަން ކަޕްގެ މިއަހަރުގެ މުބާރާތުން ރާއްޖޭގެ ގައުމީ އަންހެން ކެރަމް ޓީމް ރިހި މެޑަލް ހޯދައިފިއެވެ.

މި މަހުގެ 2 އިން 6 އަށް އިންޑިއާގެ ޕޫނޭ ގައި ކުރިއަށްދިޔަ އައިސީއެފް ކަޕް ކެރަމް މުބާރާތުގެ ފައިނަލްގައި ރާއްޖޭގެ އަންހެން ޓީމް ވާދަކޮށްފައިވަނީ އިންޑިއާ އާވެ. އިންޑިއާ އަކީ ކެރަމްގައި މުޅި ދުނިޔެއިން ވެސް އެންމެ ފާހަގަކޮށްލެވޭ އެއް ޓީމެވެ. މިއީ ރާއްޖޭގެ ގައުމީ އަންހެން ކެރަމް ޓީމް މިދިޔަ 15 އަހަރުގެ ތެރޭގައި ބައިނަލްއަގްވާމީ މުބާރާތެއްގެ ފައިނަލުގައި ވާދަކުރި ފުރަތަމަ ފަހަރެވެ.

މުބާރާތުގެ ޓީމް އިވެންޓުގައި އަންހެން ޓީމް ސީޑްކޮށްފައި އޮތީ ތިންވަނައިގަ އެވެ. އެހެންކަމުން އަންހެން ޓީމު ފުރަތަމަވެސް ކުޅެން ޖެހުނީ ސެމީ ފައިނަލްގަ އެވެ. ފައިނަލުން ރާއްޖޭގެ އަންހެން ޓީމް ޖާގަ ހޯދީ ސެމީ ފައިނަލްގައި ސްރީ ލަންކާގެ ޓީމާއި ވާދަކޮށް މޮޅުވެގެންނެވެ.

އައިސީއެފް ކަޕަކީ ކެރަމް ވޯލްޑް ކަޕަށް ފަހު އިންޓަނޭޝަނަލް ކެރަމް ފެޑަރޭޝަނުން ބާއްވާ އެންމެ ބޮޑު ކެރަމް މުބާރާތެވެ. މިފަހަރުގެ މުބާރާތުގައި ޖުމްލަ 16 ގައުމަކުން ވާދަކުރި އިރު ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން މި މުބާރާތުގައި ވާދަކޮށްފައިވަނީ ރާއްޖެ އާއި އިންޑިއާ އަދި ސްރީލަންކާގެ އިތުރުން ބަންގްލަދޭޝް އެވެ.

އެންމެ ފަހުން 2015 ވަނަ އަހަރު އޮތް އައިސީއެފް ކަޕުން ރާއްޖޭގެ އަންހެން ޓީމަށް ލިބުނީ 3 ވަނަ އެވެ. އެފަހަރުގެ މުބާރާތުގައި ފިރިހެން ޓީމަށް ލިބުނީ 4 ވަނަ އެވެ. މިފަހަރުގެ މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ފިރިހެން ޓީމް ވާދަކުރި އެވެ. ފިރިހެން ޓީމުން ފުރަތަމަ ވާދަކުރީ ކުއާޓާ ފައިނަލްގައެވެ. ކުއާޓާގައި ކުޅުނު މެޗުގައި ކެނަޑާ އާއި ވާދަކޮށް 1-2 އިން މެޗް ކާމިޔާބުކޮށް ސެމީ ފައިނަލުން ޖާގަ ހޯދި ނަމަވެސް ސެމީގައި ސްރީ ލަންކާ އަތުން ވަނީ ބަލިވެފައެވެ. އަދި ތިން ވަނަ ހޮވި މެޗްގައި ފިިރިހެން ޓީމް ބަލިވީ ބަންގްލަދޭޝް އަތުންނެވެ.