އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަން އަތުން ބަލިވެ ތާވަލުގެ ކުރިއަށް އަރަން ލިބުނު ފުރުސަތު ޗެލްސީ އިން ނަގާލައިފި އެވެ.

އެވަޓަންގެ ގުޑިސަން ޕާކުގައި މިރޭ އެޓީމާއި ޗެލްސީ ބައްދަލުކުރި މެޗުން ޗެލްސީ ބަލިވީ 3-1 އިންނެވެ. މިއީ މިސީޒަނުގެ ލީގުގައި ޗެލްސީ ބަލިވި ފަސް ވަނަ މެޗެވެ. މެޗަށް ނުކުތް އިރު މޮޅެއް ހޯދައިގެން ތިންވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ޕޮއިންޓުގެ ގޮތުން އެއްވަރު ކުރުމުގެ ފުރުސަތު ޗެލްސީ އަށް އޮތެވެ.

އެވަޓަން އަތުން ބަލިވުމާއެކު 29 ޕޮއިންޓް ލިބިގެން މިވަގުތު ހަތަރުވަނައިގައި ތާށި ވެފައި އޮތް ޗެލްސީ ފަހަތައް ޖައްސާލައި ގަދަ ހަތަރަކަށް އެރުމަށް ވޮލްވްސް އިން ވެސް އަންނަނީ މަސަތްކަތް ކުރަމުންނެވެ. ބްރައިޓަން އާއި ދެކޮޅަށް މިރޭ ފަސްވަނައިގައި އޮތް ވޮލްވްސް ނުކުންނަ އިރު އެޓީމަށް ލިބިފައިވަނީ 23 ޕޮއިންޓެވެ. މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެވަޓަން ވަނީ 17 ޕޮއިންޓާއެކު ތާވަލުގެ 14 ވަނަ އަށް ކުރިއަށް ޖެހިލައިފަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ވެސް އެވަޓަން އިންނެވެ. މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި ޖިބްރިލް ސިޑިބެ ދިން ބޯޅައެއްގައި މި ލަނޑު އެޓީމަށް ޖަހައިދިނީ ބްރެޒިލްގެ ރިޗާލިސަން އެވެ. ފުރަތަމަ ހާފު އެއް ލަނޑުގެ ލީޑެއްގައި އޮވެ އެވަޓަން އިން ނިންމާލި އިރު އެޓީމުގެ ދެވަނަ ލަނޑު ފެނިގެން ދިޔައީ ދެވަނަ ހާފުގެ ކުރީކޮޅު އެވެ. ޑޮމިނިކް ކެލްވަޓް ލެވިންގެ ލަނޑުން އެވަޓަން އަށް ދެ ލަނޑުގެ ލީޑެއް ލިބުނު ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ކްރޮއޭޝިއާގެ މަޓެއޯ ކޮވަސިވް ޖަހައިދިން ހިތްގައިމު ލަނޑު ޗެލްސީ އިން ފަރަގު ކުޑަކުރި އެވެ.

ކޮވަސިޗްގެ ލަނޑުން ޗެލްސީ އިން އުއްމީދު އާކޮށް ކުރިއަށް ވުރެ ބޮޑަށް ކުރިއަށް ޖެހިލައިގެން ކުޅުނު ނަމަވެސް އެޓީމަށް އެވަޓަންގެ ގޯލަށް މާއެދެވޭ ހަމަލާތަކެއް ފޮނުވާލެވޭ ގޮތެއް ނުވި އެވެ. އެއްވަރު ކުރެވޭތޯ ޗެލްސީ އިން ކުރަމުން އައި މަސަތްކަތް ފެނަށް ދިޔައީ 84 ވަނަ މިނެޓުގައި ކެލްވަޓް ލެވިންގެ ދެ ވަނަ ލަނޑުން އެވަޓަން އިން އަނެއްކާވެސް ލީޑު ފުޅާ ކުރުމުންނެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ނެރުނު ދަށް ނަތީޖާތަކުގެ ސަބަބުން އެވަޓަންގެ ކޯޗުކަމުން މާކޯ ސިލްވާ ވަކިކުރި ފަހުން އެވަޓަން އިން ފުރަތަމަ މޮޅު މިރޭ ހޯދިއިރު މިއީ ލީގުގައި ކުރިއަށް ދާން އެޓީމަށް ލިބިގެންދިޔަ ބޮޑު ހިތްވަރެކެވެ. އެޓީމަށް ދެން ކުރިއަށް އޮތީ ލީގުގައި އަންނަ ހަފުތާގައި މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް ކުޅެން އޮތް މެޗެވެ.