އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބޯންމައުތްގެ މައްޗަށް ކުރިހޯދައި ލިވަޕޫލުން ލީގް ތައްޓަށް ކުރަމުން އަންނަ ދިގު ދަތުރުގައި އަނެއްކާވެސް ފިޔަވަޅެއް ކުރިއަށް އަޅައިފި އެވެ.

ބޯންމައުތްގެ ދަނޑުގައި ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބުކޮށްފައިވަނީ 3-0 އިންނެވެ. މި މޮޅާއެކު ލިވަޕޫލަށް ވަނީ 16 މެޗުން 46 ޕޮއިންޓް ލިބިފަ އެވެ. ތާވަލުގެ އެއްވަނައިގައި އޮތް އެޓީމަށް މިވަގުތު 11 ޕޮއިންޓްގެ ބޮޑު ލީޑެއް ލިބިފައިވާއިރު މިރޭގެ މެޗަކީ ލީގުގައި ބަލިނުގެ ލިވަޕޫލުން ހަމަކުރި 33 ވަނަ މެޗެވެ.

ޕްރިމިއާ ލީގު ތާވަލުގެ ދެވަނައިގައި ލެސްޓާ ސިޓީ އޮތީ ލިވަޕޫލަށް ވުރެ އެއް މެޗު މަދުން ކުޅެގެން 35 ޕޮއިންޓާއެކު އެވެ. ތިންވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށް ލިބިފައިވަނީ 32 ޕޮއިންޓެވެ. ލިވަޕޫލާއި ދެމެދު އޮތް ފަރަގު ކުޑަ ކުރަން މާދަމާ ރޭ އެސްޓަން ވިލާ އާއި ދެކޮޅަށް ލެސްޓާ ނުކުންނަ އިރު އަމިއްލަ ދަނޑުގައި މިރޭ ސިޓީ ނުކުންނާނީ މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށެވެ.

ބޯންމައުތް މެޗަށް ޔާގެން ކްލޮޕް ނެރުނު ފުރަތަމަ އެގާރައިގައި މިވަގުތު ރަނގަޅު ފޯމެއްގަައި ހުރި ސެނެގާލްގެ އިތުބާރު ފޯވަޑް ސާދިއޯ މާނޭ ހިމަނާފައި ނުވާއިރު ޒުވާން ފުލްބެކް އެލެގްޒާންޑާ އަރްނޯލްޑް މެޗު ފެށީ ބެންޗުންނެވެ. މީގެ އިތުރުން އެންފީލްޑުގައި މި މަހުގެ ކުރީކޮޅު ބްރައިޓަން އާއި ދެކޮޅަށް ކުޅުނު މެޗުގައި ހޯދި ރަތް ކާޑުގެ ސަބަބުން ކުރިމަތިވި ސަސްޕެންޝަނާއި ހެދި މިދިޔަ މެޗުގައި ނުކުޅެވުނު ކީޕަރު އެލިސަން ބެކާ ވަނީ މިރޭގެ މެޗުގައި ކުޅެފަ އެވެ.

މުޅި މެޗު ވެސް ޑޮމިނޭޓްކޮށްގެން ކުޅުނު ލިވަޕޫލުން ވަނީ ބޯންމައުތްގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފަ އެވެ. ލިވަޕޫލުން މެޗުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ޖޯޑަން ހެންޑަސަން ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ އެލެކްސް އޮކްސްލޭޑް ޗެމްބަލޭން އެވެ. އޭގެފަހުން މި ހާފުގެ ފަހު މިނެޓުގައި އެޓީމުގެ ލީޑު ފުޅާކޮށްދިނީ މުހައްމަދު ސަލާހު ދިން ބޯޅައެއްގައި ނަބީ ކެއިޓާ އެވެ.

ލިވަޕޫލްގެ ތިންވަނަ ލަނޑު ދެވަނަ ހާފު ފަށައިގެން އަށް ވަނަ މިނެޓުގައި ކެއިޓާ ޖައްސާލި ބޯޅައަކުން ޖަހައިދިނީ ސަލާހު އެވެ.

ލީގުގައި މިރޭ ޓޮޓެންހަމް ވެސް ވަނީ އަމިއްލަ ދަނޑުގައި 5-0 އިން ބާންލީ ބަލިކޮށް ތާވަލުގެ ފަސްވަނަ އަށް ޖެހިލައިފަ އެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ޓޮޓެންހަމުން ތިން ލަނޑު ޖެހި އިރު މި ލަނޑުތައް ކާމިޔާބުކޮށްދިނީ ހެރީ ކޭން އާއި ލޫކަސް މޫރާގެ އިތުރުން މެޗުގައި މޮޅު ކުޅުމެއް ދެއްކި ސޮން ހިއުން މިން އެވެ. ދެވަނަ ހާފުގައި ކޭން އޭނާގެ ދެވަނަ ލަނޑު ޖެހި އިރު ޓޮޓެންހަމްގެ ފަސް ވަނަ ލަނޑު ޖަަހައިދިނީ މޫސާ ސިސޯކޯ އެވެ.

މި ނަތީޖާއާއެކު ޓޮޓެންހަމަށް ފަސްވަނަ ލިބެނީ 16 މެޗުން 23 ޕޮއިންޓް ހޯދައިގެންނެވެ. މެޗުން ބަލިވި ބާންލީ އޮތީ 16 މެޗުން ލިބުނު 18 ޕޮއިންޓާއެކު 13 ވަނައިގަ އެވެ.