އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުން ބަލިވެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށް ތަށި ދިފާއު ކުރަމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެއްޖެ އެވެ.

އެތިހާދު ސްޓޭޑިއަމްގައި ޔުނައިޓެޑާއި ސިޓީ ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 2-1 އިންނެވެ. މިރޭގެ މެޗު ކާމިޔާބުކޮށްގެން ލެސްޓާ ސިޓީ ފަހަތަށް ޖައްސާލައި ތާވަލުގެ ދެވަނަ އަށް އެރުމަށް ލިބުނު ފުރުސަތު ސިޓީ އިން ވަނީ ނަގާލައިފަ އެވެ. މިވަގުތު ތިންވަނައިގައި ތާށިވެފައި އޮތް ސިޓީ އަށް ލިބެނީ 16 މެޗުން 32 ޕޮއިންޓެވެ.

މިރޭ ތަންކޮޅެއް ކުރިން ކުޅުނު މެޗެއްގައި ބޯންމައުތު އަތުން ލިވަޕޫލް މޮޅުވުމުން މިހާރު ސިޓީއާއި ލިވަޕޫލާއި ދެމެދުގައި ވަނީ 14 ޕޮއިންޓުގެ ބޮޑު ފަރަގެއް އުފެދިފަ އެވެ. އަނެއްކޮޅުން މިރޭގެ މޮޅާއެކު ޔުނައިޓެޑް ވަނީ ޖެހިޖެހިގެން ދެ މެޗު ކާމިޔާބުކޮށް 24 ޕޮއިންޓް ހަމަކޮށްގެން ތާވަލުގެ ފަސް ވަނަ އަށް ޖެހިލައިފަ އެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން މޮޅަށް ކުޅުނު އިރު އެޓީމުން މި ހާފު ނިންމާލީވެސް ދެ ލަނޑުގެ ލީޑެއްގައި އޮވެ އެވެ. ޔުނައިޓެޑަށް ފުރަތަމަ ލަނޑު ޖަހައިދިނީ ޕެނަލްޓީ އަކުން މާކަސް ރަޝްފޯޑެވެ. މި ޕެނަލްޓީ އަކީ ސިޓީގެ އޭރިއާ ތެރެއަށް ވަންނަން އުޅުމުގެ ތެރޭގައި ރަޝްފޯޑަށް ބެނާޑޯ ސިލްވާ ކުރި ފައުލަކާއި ގުޅިގެން ވީއޭއާރުގެ އެހީގައި ރެފްރީ ދިން ޕެނަލްޓީ އެކެވެ. ރަޝްފޯޑު މި ސީޒަނުގެ ލީގުގައި ޖެހި ދިހަ ވަނަ ލަނޑާއެކު ޔުނައިޓެޑުން އެތިހާދުގައި ކުރިހޯދި އިރު އޭގެ އިރުކޮޅެއް ފަހުން ލީޑު ފުޅާކުރަން ރަޝްފޯޑް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.

ރަޝްފޯޑަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނަސް ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި އެންތޮނީ މާޝިއަލް ވަނީ ލަނޑެއް ޖަހައި ޔުނައިޓެޑަށް ދެ ލަނޑުގެ ލީޑެއް ހޯދައިދީފަ އެވެ. މާޝިއަލް މި ލަނޑު ޖެހީ ޒުވާން ކުޅުންތެރިއާ ޑެނިއެލް ޖޭމްސް ދިން ބޯޅައެއްގައި އިދިކޮޅު ގޯލުގެ ކައިރި ކަނަށް ބޯޅަ ވައްދާލައިގެންނެވެ.

ދެ ލަނޑު ފަހަތުގައި އޮތުމުން ސިޓީން ދެވަނަ ހާފު ފެށީ ވަރުގަދަ ކޮށެވެ. އެގޮތުން ކުރިއަށް ވުރެ ބޮޑަށް ދަނޑުގެ ކުރިއަށް ޖެހިލައިގެން ސިޓީން ކުޅެމުންދިޔަ އިރު މިހާފުގައި ސިޓީގެ ފުރަތަމަ ހަމަލާ ފެނިގެންދިޔައީ 54 ވަނަ މިނެޓުގަ އެވެ. ސިޓީން އުފެއްދި އަވަސް ހަމަލާއެއްގައި ކެވިން ޑެބްރައިނާ ފޮނުވާލި ބާރު ބޯޅައިގެ ހުރަހަކަށްވީ ޑިފެންޑަރު ލިންޑެލޯފެވެ.

ޑެހެއާގެ ގޯލު ފޫއަޅުވާނުލެވި ގިނަ ވަގުތުވި ވަރަކަށް ޕްރެޝަރަށް ވެއްޓެމުންދިޔަ ސިޓީ އަށް އިތުރު ނުތަނަވަސްކަމާއި ކުރިމަތިވީ މެޗުގެ 59 ވަނަ މިނެޓުގައި އަނިޔާގެ ސަބަބުން ސިޓީގެ ޖޯން ސްޓޯންސް ދަނޑުން ބޭލުމުންނެވެ. އޭނާގެ ބަދަލުގައި ކުޅެން އެރީ ނިކޮލަސް އޮޓަމެންޑީ އެވެ.

ދެވަނަ ހާފުގައި ސިޓީން ހުއްޓާ ނުލައި މެޗުގެ ނަތީޖާ ބަދަލުކުރަން މަސަތްކަތް ކުރަމުން ދިޔަ އިރު 63 ވަނަ މިނެޓުގައި ރޮޑްރީ ފޮނުވާލި ހަމަލާއެއް ޑެހެއާ ވަނީ މަތަކޮށްފަ އެވެ. ސިޓީ އަށް މެޗުގައި އުއްމީދު އާވެގެން ދިޔައީ މެޗު ނިމެން 5 މިނެޓަށް ވެފައި ވަނިކޮށް މަހްރޭޒް ނަގައިދިން ކޯނަރަކުން ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން އޮޓަމެންޑީ ފަރަގު ކުޑަކޮށް ދިނުމުންނެވެ.

މި ނަތީޖާއާއެކު މިދިޔަ ދެ އަހަރު ވެސް ޕްރިމިއާ ލީގު ޗެމްޕިއަންކަން ހޯދި ސިޓީ އަށް ޖެހިޖެހިގެން ތިންވަނަ ފަހަރަށް ލީގު ކާމިޔާބުކުރުމުގެ ދޮރު ވަނީ ވަރަށް ބޮޑަށް ބަންދުވެފައެވެ. ލީގުގައި މިސީޒަނުގައި މިހާތަނަށް ކުޅުނު 16 މެޗުގެ ތެރެއިން 4 މެޗެއްގައި ސިޓީ އަށް ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހުނު އިރު ލީގް މެޗެއްގައި މިފަހަރު ލިވަޕޫލް އަދި މެޗަކުން ބަލިވެފައިނުވެ އެވެ. ލިވަޕޫލަށް ވެސް ގެއްލުނުހާ ވެސް ޕޮއިންޓަކީ ޔުނައިޓެޑާއި އެއްވަރުވި މެޗުން ގެއްލުނު ދެ ޕޮއިންޓެވެ.