ސްޕެނިޝް ލަލީގާގައި އާޖެންޓީނާގެ ފުޓްބޯޅަ ތަރި ލިއޮނެލް މެސީ ކާމިޔާބުކުރި 35 ވަނަ ހެޓްރިކާއެކު ބާސެލޯނާ އިން މަޔޯކާގެ މައްޗަށް ފަސޭހަ މޮޅެއް ހޯދައި އަލުން ލީގް ތާވަލުގެ އެއްވަނަ އަށް ޖެހިލައިފި އެވެ.

ކޭމްޕްނޫގައި ރޭ ކުޅުނު މެޗު ބާސާ އިން ކާމިޔާބުކުރީ 5-2 އިންނެވެ. މި މޮޅާއެކު ބާސާ އަށް އެއްވަނަ ލިބެނީ 34 ޕޮއިންޓާއެކު އެވެ. ދެވަނައިގައި ވިއްދާފައި އޮތް ވާދަވެރި ރެއާލް މެޑްރިޑަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް ބާސާ އޮތީ ރެއާލަށް ވުރެ ލަނޑުގެ ގޮތުން ކުރީގަ އެވެ. ލަލީގާ ތާވަލުގެ ތިންވަނައިގައި 30 ޕޮއިންޓާއެކު ސެވިއްޔާ އޮތް އިރު ހަތަރު ވަނަ ލިބެނީ 26 ޕޮއިންޓް ހަމަކޮށްގެން ރެއާލް ސޮސިއެޑާޑަށެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ބާސާ އިން މަޔޯކާ ކޮޅަށް ފަސް ލަނޑު ޖެހި އިރު އޭގެ ތެރެއިން ތިން ލަނޑު ކާމިޔާބުކޮށް ކެޕްޓަން މެސީ ވަނީ ރެކޯޑު ފޮތުން ޖާގަ ހޯދައިފަ އެވެ. މި މެޗުގައި މެސީ ހެދި ހެޓްރިކާއެކު އޭނާ ވަނީ ސްޕެނިޝް ލީގުގެ ތާރީހުގައި ވެސް އެންމެ ގިނަ ހެޓްރިކް ހަދައިގެން ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ހަދާފައިވާ ރެކޯޑު މުގުރާލާފަ އެވެ.

ރޭގެ މެޗާއި 32 އަހަރުގެ މެސީ ކުރިމަތިލީ ދާފި ފަހުން ޕެރިހުގައި އޮތް ފްރާންސް ފުޓްބޯޅަ އެވޯޑް ހަފްލާގައި އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާ އަށް ދިން “ބެލޮންޑިއޯ އެވޯޑް” ރެކޯޑު ހަވަނަ ފަހަރަށް އުފުލާލުމަށްފަހު އެވެ. މެސީ ވަނީ އޭނާގެ ހަވަނަ ބެލޮންޑިއޯ އެވޯޑު މެޗުގެ ކުރިން ކޭމްޕްނޫ އަށް މެޗު ބަލަން ގޮސް ތިބި ކްލަބުގެ ސަޕޯޓަރުންނަށް ދައްކާލައިފަ އެވެ.

ބާސާގެ ފަރާތުން ޖުމްލަ ގޮތެއްގައި މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ވެސް އެޓީމުންނެވެ. މެޗުގައި ބާސާ އިން ޖެހި ފުރަތަމަ ލަނޑު މެޗު ފަށައިގެން މާގިނައިރުތަކެއް ނުވަނީސް ޖަހައިދިނީ އެންޓޮއިން ގްރީޒްމަން އެވެ. ގްރީޒްމަން މި ލަނޑު ޖެހީ އިދިކޮޅު އޭރިއާ ތެރެއަށް ވަދެ ގޯލްކީޕަރު މަނޯލާ ރެއިނާގެ ބޯ މަތިން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ބާސާގެ ދެވަނަ ލަނޑު ގްރީޒްމަން ދިން ބޯޅައެއްގައި އޭރިއާ ބޭރުން ރެއިނާ ބީޓް ކޮށްލުމަށްފަހު މެސީ ޖެހި ނަމަވެސް 35 ވަނަ މިނެޓުގައި މަޔޯކާގެ އަންޓޭ ބުޑިމިއާ ވަނީ ޓާސްޓެޖަން ބޯމަތިން ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ނަތީޖާ 2-1 އަށް ބަދަލުކޮށްދީފަ އެވެ.

ބާސާ އަށް އަނެއްކާވެސް ދެ ލަނޑުގެ ލީޑެއް ހޯދައިދިނީ މެސީ އެވެ. އީވާން ރަކިޓިޗް ދިން ބޯޅައެއްގައި މެސީގެ ހަމަލާ މިފަހަރުވެސް އޭރިއާ ބޭރުން ފޮނުވާލި އިރު އެ ބޯޅަ އަމާޒުވީ ސީދާ ގޯލުގެ ކަނަށެވެ. މި ނަތީޖާގައި އޮވެ ފުރަތަމަ ހާފު ނިމެމުން ދަނިކޮށް ބާސާގެ ލީޑު ތިން ލަނޑަށް ފުޅާވީ 43 ވަނަ މިނެޓުގައި ފްރެންކީ ޑިޔޮންގް ތަނަވަސްކޮށްދިން ފުރުސަތެއްގައި ލުއިސް ސުއަރޭޒް ކާމިޔާބުކުރި ހިތްގައިމު ލަނޑުންނެވެ.

ދެވަނަ ހާފުގައި މަޔޯކާގެ ކުޅުން ތަންކޮޅެއް ރަނގަޅުވެގެން ދިޔަ އިރު މިހާފުގެ 64 ވަނަ މިނެޓުގައި ބުޑިމިއާ ވަނީ މެޗުގައި ދެވަނަ ފަހަރަށް ޓާސްޓެޖަންގެ ގޯލު ފޫއަޅުވާލައި ނަތީޖާ 4-2 އަށް ބަދަލުކޮށްފަ އެވެ. މި ލަނޑާއެކު މަޔޯކާ އަށް އުއްމީދު އާވެ އެޓީމުން ދެން ކުޅުނީ ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެންނެވެ.

ފަރަގު ކުޑަ ކުރަން މަޔޯކާ އިން މަސަތްކަތް ކުރި ނަމަވެސް އެކަން ނާކާމިޔާބު ބާސާ އިން ވަނީ މެޗު ނިމެން ދިހަ ވަރަކަށް މިނެޓު ވެފައި ވަނިކޮށް ފަސްވަނަ ލަނޑު ޖަހައި ލީޑު އަނެއްކާވެސް ތިން ލަނޑަށް ފުޅާކޮށްފަ އެވެ. މެސީގެ ހެޓްރިކް ފުރިހަމަ ކުރި މި ލަނޑު އޭނާ ޖެހީ ސުއަރޭޒް ދިން ބޯޅައަކުން ގޯލުގެ އަރިމަތީ ކަނަށް ބޯޅަ ވައްދާލައިގެންނެވެ.