މަޤާމުން ވަކިވުމަކީ ފުޓްބޯޅަ ކޯޗުންގެ ޙަޔާތުގެ ބައެއް ކަމަށާއި، ނިމިދިޔަ ސާފް ގޭމްސްއިން ރާއްޖެ ނެރުނު ދަށް ނަތީޖާތަކުގެ ފުރިހަމަ ޒިންމާ އޭނާ ނަގާ ކަމަށް، ރާއްޖޭގެ ޤައުމީ ޓީމުގެ ކޯޗު ކަމުން އިއްޔެ ވަކިކުރި ޕީޓަރ ސެގަރޓް ބުނެފިއެވެ.

އެފްއޭއެމުން ޤައުމީ ޓީމުގެ ކޯޗުކަމުން ސެގަރޓް ވަކިކޮށްލުމާ ގުޅިގެން ފުރަތަމަ ފަހަރަށް މީޑިއާތަކަށް މަޢުލޫމާތު ދިނުމުގެ ގޮތުން މިއަދު އޭނާ ފޮނުވި މެސެޖެއްގައި ބުނީ މިއީ ފުޓްބޯޅަ ކޯޗުންގެ ޙަޔާތުގެ ބައެއް ކަމަށާއި، ކޯޗުން މިނާނީ އަބަދުވެސް ނެރޭ ނަތީޖާތަކަށް ބިނާކޮށް ކަން އޭނާ ޤަބޫލުކުރާ ކަމަށާއި، ސާފް ގޭމްސްގައި ޓީމުން ނެރުނު ދަށް ނަތީޖާތަކުގެ ޒިންމާ ނަގާ ކަމަށެވެ.

"ވަރަށް ބޮޑަށް މަޢާފަށް އެދެން މި މުބާރާތުން އަހަރެމެން އެދުނު ނަތީޖާ ނުނެރެވުނީތީ. ކޯޗަކަށް އެންމެ މުހިއްމު ވާނީ ޓީމު ގޮވައިގެން ނެރޭ ނަތީޖާ. 23 އަހަރުން ދަށުގެ ޓީމު ގޮވައިގެން އަހަރެންނަށް 6 ދުވަހުން 4 މެޗު ކުޅެގެން ނަތީޖާ ނުނެރެވުނު. އަހަރެން ފުރިހަމަ ޒިންމާ ނަގާނަން." ސެގަރޓް ބުންޏެވެ.

އޭނާ ދެކޭގޮތުގައި ވޯލްޑްކަޕަށާއި، އޭޝިއަން ކަޕަށް ކޮލިފައިވުމަށް އޭނާ އަޅައިދިން ބިންގަލުގެ ސަބަބުން ޤައުމީ ޓީމު މިހާރު އޮތީ "ރަނގަޅު ހިސާބެއްގައެވެ." ފިލިޕިންސް އާއި ޗައިނާގެ ފަހަތުގައި ރާއްޖެ އޮތީ އެންމެ ޕޮއިންޓެއްގެ ފަރަޤުންކަން ކޯޗު ފާހަގަކުރިއެވެ.

ނަމަވެސް، ޗައިނާ މި ގްރޫޕުގައި ދެން ހިމެނޭ 4 ޓީމަށްވުރެ އެއް މެޗު މަދުން ކުޅެފައިވުމުން އެއީ އަދި ރާއްޖެއަށް ފަރުޖައްސާލެވޭނެ ވަރުގެ ހިސާބެއް ކަމަކަށް ނުބެލެވެއެވެ. އަމިއްލަ ދަނޑުގައި ސީރިއާ އާއި ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ރާއްޖެއަށް ދެން އޮތީ ރަށުން ބޭރުގައި ޗައިނާ އާއި ފިލިޕިންސްއާއި ވާދަކުރަން ޖެހޭ މެޗުތަކެވެ.

"އަހަރެން އަބަދުވެސް މަސައްކަތް ކުރާނަން ރާއްޖެއާއެކު، އަހަރެމެން ހޯދި އުފާވެރި ދުވަސްތައް ހަނދާން ކުރަން. ޚާއްސަގޮތެއްގައި ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން 2018 ވަނަ އަހަރު ނެގި ފަހަރުގެ މަތިން، ނޫނީ ވޯލްޑްކަޕް އާއި އޭޝިއަން ކޮލިފިކޭޝަން އަށް ރާއްޖޭގެ ސްކޮޑް ވަރުގަދަކޮށް، ކުރެވުނު މަސައްކަތުގެ ސަބަބުން ޓީމު ރަނގަޅު ހިސާބަކަށް ގެނެސްދެވުނީތީ،" ސެގަރޓް ބުންޏެވެ.

ސެގަރޓް ބުނީ އޭނާގެ އިރުޝާދުގެ ދަށުން އެކުލަވާލާފައި އޮތް ޓީމާއި މެދު އޭނާގެ އޮތްހާވެސް އުއްމީދަކީ 2023 ވަނަ އަހަރު ޗައިނާގައި އޮންނަ އޭޝިއަން ކަޕަށް ރާއްޖެ ކޮލިފައިވުން ކަމަށެވެ. "ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި، އަހަރެންނަށްޓަކައި ވެސް މިކަން ހާސިލްކޮށްދީ، އަހަރެންނަށް ފުރިހަމަ ޔަޤީންކަން އެބައޮތް އަދިވެސް އެ ކުޅުންތެރިންނަށް މިކަން ހާސިލްކުރެވޭނެ ކަން" ސެގަރޓް ބުންޏެވެ.

ސެގަރޓް ބުނީ އޭނާގެ އިރުޝާދުގެ ދަށުން ޒުވާން ކުޅުންތެރިންތަކަކަށް ޤައުމީ ޓީމުން ފުރުސަތު ދީގެން ގާތްގަނޑަކަށް 2 އަހަރުވަންދެން އެ ކުޅުންތެރިންނާއެކު މަސައްކަތް ކުރަން ލިބި، ރާއްޖެ ކުޅޭ ސްޓައިލަށް ގެނެވުނު ހެޔޮ ބަދަލުތަކާ ހެދި އޭނާ އެކަމާ ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ. "އަހަރެން އަދިވެސް ޤައުމީ ޓީމުގެ ކުޅުންތެރިންނާއި، 23 އަހަރުން ދަށުގެ ޤައުމީ ޓީމުގެ ކުޅުންތެރިންނާ ދޭތެރޭވެސް އުއްމީދު ކުރަން އެ ކުޅުންތެރިން ރަނގަޅު ނަތީޖާތަކެއް ކުރިއަށް އޮތް ތަނުގައި ނެރޭނެ ކަމަށް." ސެގަރޓް ބުންޏެވެ.

ސެގަރޓް ބުނީ އޭނާއާ އެކު ޤައުމީ ޓީމުގައި މަސައްކަތް ކޮށްދިން ކޯޗުންނަށާއި، ކިޓްމެނުންނަށާއި، ފިޒިއޯއިންނަށް، އަދި މެނޭޖަރުންނަށްވެސް ޝުކުރު އަދާކުރާ ކަމަށާއި، އެފްއޭމްގެ އެންމެނަށާއި، ބައްސާމަށްވެސް ޚާއްސަ ޝުކުރެއް އަދާކުރާ ކަމަށެވެ. އޭނާއަކީ މިހާރު ރާއްޖޭގެ ޤައުމީ ޓީމުގެ ހެޑް ކޯޗު ނޫން ކަމަށާއި، ނަމަވެސް މިހާ ހިސާބުން އޭނާ ވާނީ ރާއްޖޭގެ ޤައުމީ ޓީމުގެ "އެންމެ ބޮޑު އެއް ސަޕޯޓަރަށް" ކަމަށް ސެގަރޓް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހަސަންކޮ

    ޒިންމާ ނަގައިފީމޭ ބުނުމުން އޮތީ ކޮން ފައިދާއެއްތޯ...؟؟؟؟؟

  2. ޓިނު ވަގު

    ޒިންމާ ނަގައިގެން ކޮންތާކަށް ވަންނަނީ..... ތިކަހަލަގެ ޒިންމާ އަހަރެންވެސް ނަގަން..

  3. މުއްތު

    ކުރީގެ ކޯޗް ސެގަރޓް ކޮއްދެއްވި ބުރަ މަސައްކަތަށް ޝުކުރު ދަންނަވަން .

    4
    3
  4. ާައަސްލަމް

    ޒިންމާނެގުމަކީ އެއްމެޗުން ބަލިވީމަ އަނެއްމެޗުން މޮޅު ކޮއްދިނުން އެހެ ހެންނެއް ނޫން މިވަނީ ކުޅޭ ހާމެޗަކުންބަލި ތީބަށި ކޯޗެއް

    2
    1
  5. ސީޖަ

    ކުރީގެ ކޯޗް ސެގަރޓް ކޮށްދިން މަސަތްކަތަށް ވަރަށް ބޮޑަށް ޟުކުރިއްޔާ! އުއްމީދު ކުރަން ދިވެހި ޓީމްގެ ސަޕޯޓަރ އެއްގެ ގޮތުގަ ދެމިހުންނާމެ ކަމަށް. ދިވެހިންނަކީ ޟުކުރުވެރި ވާން ދަންނަ، ރީތި އަޚުލާގެއްގަ އުޅެމުން ދާބަޔަކަށްވާތީ، ރާއްޖެ އައި އެއްމެ ކާމިޔާބު ކޯޗަށް ޟުކުރިއްޔާ އޭ ބުނެލުމަކީ ކޮންމެ މީހަކަށްވެސް ލާޒިމް ކަމެކެވެ.