ނޭޕާލްގައި މިހާރު ކުރިޔަށްދާ ސައުތް އޭޝިއަން ގޭމްސްގެ އަންހެން ބާސްކެޓްބޯޅަ އިވެންޓްގެ ސެމީ ފައިނަލަށް ފުރަތަމަ ފަހަރަ ދިވެހިރާއްޖެ ދަތުރުކޮށްފި އެވެ.

ރާއްޖޭގެ ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި މިއަދު ކުޅުނު މެޗުގައި އަވައްޓެރި ސްރީލަންކާ އާއި ވާދަކޮށް 69 ޕޮއިންޓް 64 ޕޮއިންޓުން މެޗު ކާމިޔާބުކޮށް ގެންނެވެ.

ނޭޕާލުގެ ކަތުމަންޑޫގައި ހުންނަ ތުރީޕުރޭޝްވޯރު ހޯލުގައި މިއަދު މެންދުރު ކުޅުނު މެޗުގެ ބޮޑުބައިގައި ރާއްޖޭން ލީޑުގައި އޮތްއިރު ދިވެހި ކުޅުންތެރިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. މެޗުގެ ފުރަތަމަ ކުއާޓާ ރާއްޖޭން ކާމިޔާބުކުރީ 18 ޕޮއިންޓް 9 ޕޮއިންޓުންނެވެ. ދެވަނަ ކުއާޓާ ވެސް ފުރަތަމަ ކުއާޓާއެކޭ އެއްގޮތަށް ފަސޭހަކަމާއެކު ރާއްޖޭން ކާމިޔާބުކުރި އެވެ. މި ކުއާޓާ ނިމުނު އިރު ރާއްޖެ ކުރީގައި އޮތީ 38 ޕޮއިންޓް 25 ޕޮއިންޓުންނެވެ.

ތިންވަނަ ކުއާޓާ ދިޔައީ ވަރަށް ވާދަވެރިކޮށެވެ. އެގޮތުން މި ކުއާޓާގައި މެޗުގައި ފުރަތަމަ ފަހަރަށް ލަންކާއިން ނަތީޖާ ހަމަހަމަކޮށް ފަހުން ރާއްޖޭގެ މައްޗަށް ލީޑު ވެސް ނެގި އެވެ. އެކަމަކު ރާއްޖޭން ހިތްވަރު އެލުވައިނުލައި ކުޅުން ކުރިއަށް ގެންގޮސް އަލުން ލީޑު ބޮޑުކުރީ އެވެ. ތިންވަނަ ކުއާޓާ ރާއްޖެ އިން ނިންމާލީ 50 ޕޮއިންޓް 44 ޕޮއިންޓުން ކުރީގައި އޮވެގެންނެވެ.

މެޗުގެ ހަތަރުވަނަ ކުއާޓާގައި ވެސް ލަންކާއިން ރާއްޖޭއާއި ޕޮއިންޓުގެ ގޮތުން ހަމަހަމަކުރުމާއި ގާތަށް ޖެހިލިއެވެ. ނަމަވެސް ރާއްޖޭން ވަނީ ވަރަށް ވިސްނުންތެރިކަމާ އެކު ކުޅެ ލީޑު ދަމަހައްޓާފަ އެވެ.

މި މެޗުގައި ރާއްޖެއިން އެންމެ ރަނގަޅަށް ކުޅުނީ ފާތިމަތު ރިޝްމާއެވެ. އޭނާ ވަނީ މެޗުގައި 21 ޕޮއިންޓް ރާއްޖެ އަށް ހޯދައިދީފަ އެވެ.

ގޭމްސްއަށް ނޭޕާލަށް އައުމުގެ ކުރިން ޤައުމީ އަންހެން ބާސްކެޓް ޓީމު ވަނީ ތައިލެންޑް އަދި ޗައިނާގައި ޓްރެއިނިންގް ކޭމްޕެއް ވެސް ފުރިހަމަކޮށްފަ އެވެ.

މުބާރާތުގެ ސެމީ ފައިނަލު މެޗު ކުޅޭނީ މާދަމާ ހަވީރު އެވެ. ގޭމްސްގެ ފިރިހެން ބާސްކެޓް އިވެންޓުގައި މިއަދު ރާއްްޖޭގެ ގައުމީ ފިރިހެން ބާސްކެޓްބޯޅަ ޓީމު ކުޅުނު މެޗުގައި ނޭޕާލް އަތުން 76-62 އިން ބަލިވެ މުބާރާތުން ވަނީ ކަޓައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަންނާނު

    ބޮޑު ވަގެއްގެ ފޮޓޯޖަހައި މާމޮލުކަމަކަށް ހެދިޔަސް ސުޕުން ވާނި ހަމަ ބޮޑުވަގަކަށް.

  2. ކެންޓޭ

    ކުޅުންތެރިންނަށް ސާބަސް. އަންހެންކުދިން ރޭޕްކުރުމާއި އަތްފޯރުވުމުގެ ހިސްޓްރީއެއް އޮތް ސުޕުން ވިމާލް އަދިވެސް ރާއްޖޭގެ ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ތެރޭގައި ގެންގުޅުމަކީ ސީދާ ކަރަޕްޓްވެފައިވާ ކަމުގެ ނިޝާނެއް.

  3. ބުލްބުލް

    އެމްއާރޑީސީގެ ކުރީގެ ޑެޕިއުޓީ މެނޭޖިންގް ޑައިރެކްޓާރ މަންޑޭ ބާސްކެޓްބޯޅަ އެސޯސިއޭޝަން އިން އެޑަމްއާއި ގުޅިގެން ހިންގި ވައްކަމުގެ މައްސަލައެއް ބަލާދިނުމަށް ވާނީ އެދިފައި ކޮބާ އެކަން ކިހިނެތްވަނީ.