ކުރިއަށް އޮތް ވޯލްޑް ކަޕާއި އޮލިމްޕިކްސް އާއި ބައިނަލްއަގްވާމީ ބޮޑެތި ހުރިހާ މުބާރާތްތަކުން ރަޝިޔާ ބޭން ކޮށްފިއެވެ.

މަނާބޭހުގެ މައްސަލައެއްގައި ރަޝިއާ ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތަކުން ސަސްޕެންޑް ކޮށްފައިވަނީ ހަތަރު އަހަރުގެ މުއްދަތަކަށެވެ.

މި އަދަބާއެކު ރަޝިއާ އަށް އަންނަ އަހަރުގެ ޓޯކިއޯ އޮލިމްޕިކްސް އާއި 2022 ވަނަ އަހަރުގެ ވިންޓާ އޮލިމްޕިކްސްގައި ރަޝިއާ އަކަށް ވާދަނުކުރެވޭނެ އެވެ. އަދި ރަޝިއާ ސަރުކާރުގެ އޮފިޝަލުންނަށް ބޮޑު އެއްވެސް އިވެންޓަކަށް ނުދެވުމުގެ އިތުރުން ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ބައިނަލްއަގުވާމީ މުބާރާތްތައް ބާއްވަން ކުރިމަތިނުލެވި އަދި ބޭއްވުމުގެ ހައްގު ވެސް އެގައުމަކަށްނޯންނާނެ އެވެ.

ރަޝިއާ އަށް އަދަބު ލިބުނު ކަމުގައި ވިޔަސް އެގައުމުގެ އެތުލީޓުންނަށް ނިއުޓްރަލް ފްލެގެއްގެ ދަށުން އަންނަ އަހަރުގެ އޮލިމްޕިކްސްގައި ވާދަކުރެވިދާނެ ފުރުސަތެއް އޮންނާނެ އެވެ. އެއީ މަނާބޭހުގެ މައްސަލައިގައި ބައިވެރިނުވާކަން އެ އެތުލީޓުން ސާބިތުކޮށްދީފި ނަމަ އެވެ.

އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތުލެޓިކްސް ފެޑެރޭޝަން (އައިއޭއޭއެފް) އިން 2015 ވަނަ އަހަރު ވެސް މަނާބޭހުގެ މައްސަލަތަކެއްގައި ރަޝިއާ އަށް އަދަބު ދިނެވެ. އެފަހަރުގެ ސަސްޕެންޝަން ރަޝިއާ އިން އެޕީލް ކުރަން ހުށަހެޅުމުން ވެސް އައިއޭއެފުން އެ ސަސްޕެންޝަނަށް ލުޔެއް ނުދޭން ވަނީ ނިންމައިފަ އެވެ.

2015 ވަނަ އަހަރުގެ ސަސްޕެންޝަނުގެ ސަބަބުން އެންމެ ފަހުން ބޭއްވި އޮލިމްޕިކްސްގައި ރަޝިއާގެ އެތުލީޓުން ބައިވެރިވީ ވަކި ގައުމެއް ތަމްސީލުނުކޮށް ނިއުޓްރަލް އެތުލީޓުންގެ ގޮތުގަ އެވެ. އެގޮތުން ނިއުޓްރަލް ކޮށް 168 އެތުލީޓަކު ވަނީ މިދިޔަ އަހަރުގެ ވިންޓާ އޮލިމްޕިކްސްގައި ވާދަކޮށްފަ އެވެ.

މި ސަސްޕެންޝަނާއި ހެދި ރަޝިއާ އަށް ކުރިއަށް ވޯލްޑް ކަޕާއި އޮލިމްޕިކްސް ގެއްލުނަސް ވަކި ސަބަބުތަކާއި ހެދި އަންނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަ ކުރުމަށް ރަޝިއާ އަށް އެއްވެސް ހުރަހެއް ނެތެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތް ބާއްވަމުން އަންނަތާ 60 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅިގެން ޔޫރަޕްގެ ތަފާތު 12 ގައުމެއްގައި އަންނަ އަހަރުގެ މުބާރާތް ބާއްވަން ޔުއެފާ އިން ނިންމާފައިވާއިރު މި 12 ގައުމު ތަކުގެ ތެރޭގައި ރަޝިއާ ވެސް ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު