އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓް ހަމް ޔުނައިޓެޑް 3-1 އިން ބަލިކޮށް އާސެނަލް އިން މުހިއްމު މޮޅެއް ހޯދައިފި އެވެ.

ވެސްޓް ހަމްގެ ލަންޑަން ސްޓޭޑިއަމްގައި ކުޅުނު މެޗަށް ނުކުތް އިރު އާސެނަލް އޮތީ އެހާ ރަނގަޅު ހާލަތެއްގައެއް ނޫނެވެ. އެންމެ ފަހުން ލީގުގައި ކުޅުނު ހަތް މެޗުން ވެސް މޮޅެއް ލިބިފައިނުވުމުން މި މެޗުން ތިން ޕޮއިންޓް ހޯދަން އާސެނަލް އަށް އޮތީ މަޖުބޫރުވެފަ އެވެ.

އެތައް ދުވަހަކަަށްފަހު ލީގުގައި ލިބުނު ފުރަތަމަ މޮޅާއެކު އާސެނަލް ވަނީ 22 ޕޮއިންޓް ހަމަކޮށް ލީގް ތާވަލުގެ ނުވަ ވަނަ އަށް ޖެހިލައިފަ އެވެ. ރޭގެ މެޗުން ބަލިވުމުން ވެސްޓް ހަމް ވަނީ ތާވަލުގެ 16 ވަނަ އަށް ވެއްޓިފައެވެ. އެޓީމަށް ލިބިފައިވަނީ 16 މެޗުން 16 ޕޮއިންޓެވެ.

އާސެނަލްގެ ކޯޗުކަމުން އުނޭ އެމެރީ ވަކިކޮށް އެ މަގާމަށް ފްރެޑީ ޔުންބާގު ހަމަޖެއްސި ފަހުން ކުޅުނު ފުރަތަމަ މެޗުގައި ނޯވިޗް އާއި އެއްވަރުވި އިރު ދެވަނަ މެޗުގައި އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ވަނީ ބަލިވެފަ އެވެ.

ބްރައިޓަން އާއި ދެކޮޅަށް ޔުންގާބް ނެރުނު ފުރަތަމަ އެގާރަ އިން ގިނަ ބަދަލު ތަކެއް ރޭގެ މެޗަށް ގެނައި އިރު ނިމިދިޔަ ޓްރާންސްފާ ބާޒާރުގައި އަގުބޮޑު ކޮށް ގަތް ނިކޮލަސް ޕެޕޭ އަށް ޔުންބާގު ވަނީ އޭނާގެ އިރުޝާދުގެ ދަށުން ފުރަތަމަ ފަހަރަށް ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅެން ފުރުސަތު ދީފަ އެވެ. ޕެޕޭގެ އިތުރުން ކެޕްޓަން ޕިއެރޭ އެމެރިކް އޮބާމެޔަންގް އާއެކު ދެން އާސެނަލްގެ ކުރިއަށް މި މެޗުގައި ކުޅުނީ ބްރެޒިލްގެ ޒުވާން ކުޅުންތެރިއާ ގެބްރިއެލް މާޓިނެލީ އެވެ.

ކުރީ ދެ މެޗާއި އެއްގޮތަށް މި މެޗުގެ ފުރަތަމަ ހާފުގައި ވެސް އާސެނަލްގެ ފަރާތުން ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ. މި ހާފު ނިމެން ކައިރިވެފައި ވަނިކޮށް އެންހެލޯ އޮގްބޮނާ ޖެހި ލަނޑުން ވެސްޓް ހަމް ލީޑު ނެގި އިރު އާސެނަލް އަށް އޮތީ ދެވަނަ ހާފުގައި ނަތީޖާ އަނބުރާލަން ވަރަށް މަސަތްކަތް ކުރަން ޖެހިފަ އެވެ.

އާސެނަލް އަށް އުއްމީދު އާކޮށްދިނީ މާޓިނެލީ އެވެ. ދެވަނަ ހާފުގެ 60 ވަނަ މިނެޓުގައި ސީޑް ކޮލާސިނެޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި މާޓިނެލީ ވެސްޓް ހަމްގެ ގޯލު ފޫއަޅުވާލި އިރު އޭގެ ހަ މިނެޓު ފަހުން އާސެނަލް އަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ހޯދައިދިނީ ޕެޕޭ އެވެ. ޕެޕޭގެ ލަނޑު ޖެހުމުގައި އެހީތެރިވެ ދިން އޮބާމެޔަންގް ވަނީ 69 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ. މިއީ މިސީޒަނުގެ ލީގުގައި ގެބޮން ފޯވަޑް ކާމިޔާބުކުރި 11 ވަނަ ލަނޑެވެ.