ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރޭ އަމިއްލަ ދަނޑުގައި ބާސެލޯނާ އާއި ދެކޮޅަށް ކުޅުނު މެޗުން ބަލިވެ އިންޓަ މިލާން މުބާރާތުން ކަޓައިފި އެވެ.

ޗެމްޕިއަންސް ލީގުން އިޓަލީގެ އިންޓަ ކެޓީ ރޭ ގުއިސެއްޕެ މީޒާގައި ކުޅުނު ގްރޫޕް އެފްގެ ފަހު މެޗުގައި ބާސާ އަތުން 2-1 އިން ބަލިވުމުންނެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗަށް ނުކުތް އިރު ބާސާގެ ފަހަތުން މި ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދުމަށް މަސަތްކަތް ކުރަމުން ދިޔައީ އިންޓަގެ އިތުރުން ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑެވެ.

އިންޓަ ބަލިވުމުގެ ފައިދާ ނަގައި ޑޯޓްމަންޑް ވަނީ ރޭ އަމިއްލަ ދަނޑުގައި ޗެކް ރިޕަބްލިކްގެ ސްލާވިއާ ޕްރާގު ބަލިކޮށް މުޅިއެކު 10 ޕޮއިންޓް ހަމަކޮށްގެން އަނެއް ބުރަށް ކޮލިފައިވެފަ އެވެ. 14 ޕޮއިންޓާއެކު އެއްވަނަ ޓީމުގެ ގޮތުގައި ބާސާ ގްރޫޕް ސްޓޭޖް ނިންމާލި އިރު 7 ޕޮއިންޓް ލިބުނު އިންޓަ ދެން ވާދަކުރާނީ ޔުރޮޕާ ލީގުގަ އެވެ.

ރޭގެ މެޗާއި ކުރިމަތިލި އިރު ވެސް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފައި އޮތުމުން ބާސެލޯނާގެ ކޯޗު އެރްނެސްޓޯ ވަލްވާޑޭ ވަނީ ޓީމަށް ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ކުރިއަށް އޮތް އެލް ކްލޭސިކޯ މެޗަށް އިސްކަން ދިނުމުގެ ގޮތުން ކެޕްޓަން ލިއޮނެލް މެސީ އާއި ޑިފެންޑަރު ޖެރާޑް ޕީކޭ އަށް ރެސްޓް ދިން އިރު އިންޓަ އާއި ދެކޮޅަށް ރޭ ކުޅެން ވަލްވާޑޭ ނެރުނީ ވެސް ބާސާގެ ބީ ޓީމެވެ. އާއްމުކޮށް ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅޭ ކުޅުންތެރިންގެ ތެރެއިން ރޭގެ މެޗުގައި ކުޅެފައިވަނީ އެންޓޮއިން ގްރީޒްމަން އާއި ކްލެމެންޓް ލެންގްލޭ އެވެ.

ދެޓީމުގެ ފަރާތުން ވެސް ވަރަށް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މެޗުގެ ފުރަތަމަ ހާފުގައި ބާސާ އަށް ލީޑު ނަގައިދިނީ ކާލެސް ޕެރެޒް އެވެ. އޭގެ ކުރިން އިންޓަގެ ފޯވަޑް ރޮމެލޫ ލުކާކޫ ބާސާގެ ގޯލު ފޫއަޅުވާލި ނަމަވެސް ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއްގެ ގޮތުގަ އެވެ. ޕެރެޒްގެ ލަނޑުން ބާސާ އިން ކުރިހޯދި އިރު ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑު ފުޅާކުރަން އިންޓަގެ ގޯލު ކުރިމަތިން ލެންގްލޭ އަށް ލިބުނު ރަނުގެ ފުރުސަތުގައި އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާއި އަމާޒު ނުވެ ބޭރަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިހާފުގެ ފަހު މިނެޓުގައި ލައުޓަރޯ މާޓިނެޒް ދިން ބޯޅައެއްގައި ލުކާކޫ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އިންޓަ އަށް ހަމަހަމަ ކޮށްދީފަ އެވެ.

ދެވަނަ ހާފު އިންޓަ އިން ފެށީ ވަރުގަދަ ކޮށެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައި އިދިކޮޅު ގޯލަށް ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް މި ހާފުގައި އެޓީމުން އުފެއްދި އެވެ. އެގޮތުން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގަން ލުކާކޫ އަށް ރަނުގެ ފުރުސަތެއް ލިބުނު އިރު އޭނާ ފޮނުވާލި ބޯޅަ ކީޕަރު ނިޓޯ ވަނީ މަތަކޮށްފައެވެ. އޭގެ ފަހުން މާޓިނެޒް އަށް ލިބުނު ދެ ފުރުސަތެއްގައި އޭނާ ބާސާގެ ގޯލު ތެރެއަށް ބޯޅަ ވައްދާލި ނަމަވެސް ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑުތަކެއްގެ ގޮތުގަ އެވެ.

އިންޓަ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެޓީމުގެ ކުޅުންތެރިންނަށް ނުހިފުނު އިރު ބާސާ އިން ދެވަނަ ފަހަރަށް ލީޑު ނެގީ މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ޒުވާން ކުޅުންތެރިއާ އަންސޫ ފާޓީ ޖެހި ލަނޑުންނެވެ. ލުއިސް ސުއަރޭޒްގެ އެހީތެރިކަމާއެކު 17 އަހަރުގެ އަންސޫ ފާޓީ ޖެހި މި ލަނޑާއެކު އޭނާ ވެގެން ގޮސްފައިވަނީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ވެސް ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިއާ އަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދިފުޓްބޯލަރ

    ގުއިސެއްޕެ މޭޒާ؟؟؟ ކެކެކެކެ އެހެންނެއް ނޫން ކިޔަނީ ޖިސެއްޕެ މެއްޒާ ކިޔާނީ.. އެއީ އިޓަލީގެ ކުރީގެ ފުޓުބޯޅަ ލެޖެންޑް ޖިސެއްޕެ މެއްޒާގެ ނަމުން ނަންދީފަވާ މަޝްހޫރު ސެންސީރޯ ސްޓޭޑިއަމް..

    • ާަަްއަލި

      ?????