ޗެމްޕިއަންސް ލީގުގައި ރޭ އޮސްޓްރިއާގެ ސާލްޒްބާގުގެ މައްޗަށް ކުރިހޯދައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އިން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗަށް ނުކުތް އިރު ލިވަޕޫލާއި ސާލްޒްބާގުގެ އިތުރުން ނަޕޯލީ އައީ މި ގްރޫޕުން ގަދަ ސޯޅަ އަށް ވާދަ ކުރަމުންނެވެ. އަމިއްލަ ދަނޑުގައި ލިވަޕޫލް ބަލިކޮށްގެން ސާލްޒްބާގަށް ދެވަނަ ބުރަށް ކޮލިފައިވުމުގެ ފުރުސަތު އޮތް ނަމަވެސް ފޯރިގަދަ ކުޅުމަކަށްފަހު 2-0 އިން ޗެމްޕިއަނުން އަތުން ބަލިވުމުން އެޓީމް ވަނީ މުބާރާތާއި އަލްވަދާއު ކިޔައިފަ އެވެ.

13 ޕޮއިންޓާއެކު ލިވަޕޫލް ގްރޫޕް އީގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަަ ބުރަށް ކޮލިފައިވި އިރު ދެވަނަ ޓީމުގެ ގޮތުގައި ގަދަ ސޯޅަ އިން ފުރުސަތު ހޯދީ މި ގްރޫޕުގެ އަނެއް މެޗުގައި ރޭ ބެލްޖިއަމްގެ ކޭ.އާރް.ސީ ގެންކުގެ މައްޗަށް 4-0 އިން ކުރިހޯދި ނަޕޯލީ އެވެ. ނަޕޯލީ އަށް ދެވަނަ ލިބުނީ ހަ މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ.

މުހިއްމު މެޗަކަށް ވުމުން ރޭގެ މެޗަށް ލިވަޕޫލް އިން ނެރުނީ އެޓީމުގެ އެންމެ ވަރުގަދަ ފުރަތަމަ އެގާރަ އެވެ. ރެޑްބުލް އެރީނާގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އިރު ފުރަތަމަ ހަމަލާ ފޮނުވާލީ ލިވަޕޫލުންނެވެ. މެޗުގެ ހަތަރު ވަނަ މިނެޓުގައި މިސްރުގެ ވިންގާ މުހައްމަދު ސަލާހު ފޮނުވާލި ބޯޅަ ސާލްޒްބާގުގެ ކީޕަރު ސްޓަންކޮވިޗް މަތަކުރި އިރު އޭގެ ފަހުން ހޯމް ޓީމަށް ލިބުނު ފުރުސަތެއްގައި މިޑްފީލްޑަރު ޓަކޫމީ މިނަމީނޯ ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ އެލިސަން ބެކާ އެވެ. އެލިސަން ވަނީ ސާލްޒްބާގުގެ ޒުވާން ފޯވަޑް އެރްލިން ހާލަންޑުގެ ބާރު ބޯޅައެއް ވެސް ފުރަތަމަ ހާފުގައި މަތަކޮށްފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑު ނަގަން ލިވަޕޫލަށް ވަނީ ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. އެގޮތުން ކައުންޓާ ހަމަލާއެއްގައި ސަލާހު ފޮނުވާލި ބޯޅަ ގޯލާއި އަމާޒު ނުވެ ބޭރަށް ދިޔަ އިރު އޭގެ ފަހުން އޭނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ނަބީ ކެއިޓާ ފޮނުވާލި ބޯޅަ ސްޓަންކޮވިޗް ވަނީ މަތަކޮށްފަ އެވެ.

މެޗުގައި ލިވަޕޫލަށް ކުރި ލިބުނީ ދެވަނަ ހާފުގެ 57 ވަނަ މިނެޓުގައި މާނޭ ނަގައިދިން ހުރަހެއްގައި ކެއިޓާ ބޮލުން ސާލްޒްބާގުގެ ގޯލު ފޫއަޅުވާލުމުންނެވެ. ކުރިން ސާލްޒްބާގަށް ވެސް ކުޅުނު ކެއިޓާ ލިވަޕޫލަށް ކުރިހޯދައި ދިންތާ މިނެޓެއް ނުވަނީސް ސަލާހު ވަނީ އެޓީމުގެ ލީޑު ފުޅާކޮށްދީފަ އެވެ. ސަލާހުގެ މި ލަނޑަކީ ލިވަޕޫލުން އުފެއްދި ކައުންޓާ ހަމަލާއެއްގައި ސްޓަންކޮވިޗް ކައިރިން ނައްޓާލުމަށްފަހު ގޯލު ތެރެއަށް ބޯޅަ ފޮނުވާލައިގެން އޭނާ ޖެހި ލަނޑެކެވެ. މިއީ 27 އަހަރުގެ ސަލާހު އޭނާގެ ޕްރޮފެޝަނަލް ފުޓްބޯޅަ ކެރިއަރުގައި ކާމިޔާބުކުރި 200 ވަނަ ލަނޑެވެ.

ލިވަޕޫލްގެ ލީޑު ފުޅާކުރަން ސަލާހު އާއި މާނޭގެ އިތުރުން ފާމީނޯ އަށް ހުސް ފުރުސަތުތައް ލިބުނު ނަމަވެސް އެ ކުޅުންތެރިން ފޮނުވާލި ހަމަލާތައް ސްޓަންކޮވިޗް ވަނީ މަތަކޮށްފަ އެވެ. ދެވަނަ ހާފުގައި ނަތީޖާ އަނބުރާލަން ސާލްޒްބާގަށް ލިވަޕޫލްގެ ގޯލާއި އަމާޒުކޮށް މާއެދެވޭ ހަމަލާތަކެއް ފޮނުވާނުލެވުނު އިރު މި މެޗުން ބަލިވުމުން އެޓީމު ދެން ވާދަކުރާނީ ޔުރޮޕާ ލީގުގަ އެވެ.