ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގައި ފްރާންސްގެ ލިލްގެ މައްޗަށް ކުރިހޯދައި ޗެލްސީ އިން މުބާރާތުގެ ގަދަ ސޯޅައިން ޖާގަ ހޯދައިފި އެވެ.

ސްޓަމްފޯޑް ބްރިޖްގައި ކުޅުނު ގްރޫޕް އެޗްގެ ފަހު މެޗު ޗެލްސީ ކާމިޔާބުކުރީ 2-1 އިންނެވެ. މި މޮޅާއެކު ޗެލްސީ އަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވީ 11 ޕޮއިންޓާއެކު ގްރޫޕުގެ ދެވަނަ މަގާމު ލިބިގެންނެވެ. މި ގްރޫޕުން އެއް ވަނަ ހޯދީ ޗެލްސީ އަށް ވުރެ ލަނޑުގެ ތަފާތުން ކުރި ހޯދި ސްޕެއިންގެ ވެލެންސިއާ އެވެ.

މިފަހަރުގެ މުބާރާތުގައި އެންމެ ވާދަވެރިކޮށް ދިޔަ ގްރޫޕުގެ ގޮތުގައި ފާހަގަކުރެވުނު މި ގްރޫޕްގެ ތިންވަނަ ލިބުނީ މިދިޔަ ސީޒަނުގެ މުބާރާތުގެ ސެމީ ގައި ކުޅުނު ހޮލަންޑުގެ އަޔެކްސް އަށެވެ. އަޔެކްސް މިފަހަރުގެ މުބާރާތުން ކަޓައިގެން ދިޔައީ ރޭ އަމިއްލަ ދަނޑުގައި ވެލެންސިއާ އަތުން ބަލިވުމުންނެވެ. 10 ޕޮއިންޓާއެކު ގްރޫޕް ސްޓޭޖް ނިންމާލި އަޔެކްސް ދެން ވާދަކުރާނީ ޔުރޮޕާ ލީގުގަ އެވެ.

އަމިއްލަ ދަނޑުގައި ލިލް އާއި ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީ އިން ޖެހި ދެ ލަނޑު ވެސް އެޓީމުން ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގަ އެވެ. އެގޮތުން ފުރަތަމަ ލަނޑު 19 ވަނަ މިނެޓުގައި ވިލިއަން ދިން ބޯޅައެއްގައި ޓެމީ އަބްރަހަމް ޖަހައިދިން އިރު ދެވަނަ ލަނޑު 35 ވަނަ މިނެޓުގައި އެމާސަން ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ސެޒާ އަޒްޕިލިކުއެޓާ އެވެ. މިއީ މި މުބާރާތުގައި ސްޕެއިންގެ ތަޖުރިބާކާރު ޑިފެންޑަރު އެންމެ ފަހުން ކުޅުނު ތިން މެޗުގައި އޭނާ ކާމިޔާބުކުރި ދެވަނަ ލަނޑެވެ.

ފްރާންސް ޓީމަށް ފަރަގު ކުޑަކޮށްދިނީ 75 ވަނަ މިނެޓުގައި ލޮއިކް ރެމީ އެވެ. ގްރޫޕް އެޗްގެ އަނެއް މެޗުގައި އަޔެކްސް އަތުން ވެލެންސިއާ މޮޅުވީ 24 ވަނަ މިނެޓުގައި ރޮޑްރީގޯ ޖެހި ހަމައެކަނި ލަނޑުންނެވެ.