އަމިއްލަ ދަނޑުގައި ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށް ބަޔާން މިއުނިކް އިން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގެ މެޗުތައް ސައްތައިގެ ރެކޯޑަކާއެކު ނިންމާލައިފިއެވެ.

އެލިއާންޒް އެރީނާގައި ބަޔާނާއި ޓޮޓެންހަމް ރޭ ވާދަކުރި މެޗު ބަޔާނުން ކާމިޔާބުކުރީ 3 - 1 އިންނެވެ. މި މޮޅާއެކު ބަޔާނުން ވަނީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި އެޓީމު މިފަހަރު ކުޅުނު 6 މެޗުން 6 މޮޅު ހަމަކޮށްފައެވެ. 18 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ބަޔާން ދެވަނަ ބުރަށް ކޮލިފައިވި އިރު ދެވަނަ ލިބިގެން ޓޮޓެންހަމަށް ވެސް ވަނީ ގަދަ ސޯޅައިގެ ޖާގައެއް ލިބިފައެވެ.

ޓޮޓެންހަމުން 6 މެޗުން 10 ޕޮއިންޓް ހަމަކުރި އިރު ގްރޫޕްގެ ތިންވަނަ ލިބުނީ 4 ޕޮއިންޓާއެކު ގްރީސްގެ އޮލިމްޕިއާކޮސް އަށެވެ. މި ގްރޫޕުގެ ފުލަށް ދިޔައީ 3 ޕޮއިންޓް ލިބިގެން ސާބިއާގެ ރެޑް ސްޓާ ބެލްގްރޭޑެވެ.

އަމިއްލަ ދަނޑުގައި ބަޔާނުން ޓޮޓެންހަމްގެ މައްޗަށް ކުރިހޯދި އިރު ގްރޫޕް ސްޓޭޖުގެ ކުރީކޮޅު ލަންޑަންގައި މި ދެޓީމް ބައްދަލުކުރި މެޗުން ވެސް މޮޅުވީ ބަޔާނެވެ. ކުރީގެ ކޯޗު ނިކޯ ކޯވަކްގެ އިރުޝާދުގެ ދަށުން ކުޅުނު ބަޔާން ޓީމުން ވަނީ އެފަހަރު ޓޮޓެންހަމް ކޮޅަށް ހަތް ލަނޑު ޖަހައިފައެވެ.

މީގެ އެއް މަސް ދުވަސް ކުރިން ކުޅުނު މެޗާއި ހިލާފަށް ރޭގެ މެޗަށް ދެޓީމުން ވެސް ނުކުތީ ގިނަ ބަދަލުތަކާއި އެކުއެވެ. ބަޔާންގެ ކޯޗު ހަންސީ ފްލިކް އެޓީމުގެ އެންމެ މުހިންމު ކުޅުންތެރިއާ ކަމަށްވާ ޕޮލަންޑުގެ ހުނަރުވެރި ސްޓްރައިކަރު ރޮބަޓް ލެވަންޑޯސްކީ އަށް އަރާމު ކުރަން ފުރުސަތު ދިން އިރު އަނެއްކޮޅުން މޮރީނިއޯ ވަނީ ޓޮޓެންހަމް އެންމެ ފަހުން ލީގުގައި ވާދަކުރި މެޗުގެ ފުރަތަމަ އެގާރައިގައި ކުޅުނު ޓީމުން ހަތް ބަދަލު ރޭގެ މެޗުގައި ގެނެސްފައެވެ. މެޗަށް ނުކުތް އިރު ވެސް ދެވަނަ ބުރުގެ ޖާގައެއްް ކަށަވަރުވެފައި އޮތުމުން ޓޮޓެންހަމްގެ ސްކޮޑާއެކު ޖަރުމަނަށް މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ހެރީ ކޭން އާއި ޑެލޭ އަލީ ނުދެއެވެ.

ބަޔާންގެ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ވެސް އެޓީމުންނެވެ. ސާޖް ގްނަބްރީގެ އެހީތެރިކަމާއެކު ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ޖަހައިދިނީ ކިންގްސްލީ ކޯމަންއެވެ. އޭގެ ހަ މިނެޓް ފަހުން ރަޔަން ސެސެގްނޮން ޓޮޓެންހަމަށް ނަތީޖާ ހަމަހަމަ ކޮށްދިން ނަމަވެސް މި ހާފުގެ ފަހު މިނެޓުގައި ތޯމަސް މުލާ ވަނީ ބަޔާނަށް ދެވަނަ ފަހަރަށް ކުރި ހޯދައިދީފައެވެ. ބަޔާނަށް ލީޑު ފުޅާކޮށްދިނީ ދެވަނަ ހާފުގެ 64 ވަނަ މިނެޓުގައި ފިލީޕެ ކޫޓީނިއޯއެވެ.