ފަސޭހަކަމާއެކު ކްރޮއޭޝިއާގެ ޑައިނަމޯ ޒަގްރެބް ބަލިކޮށް އިނގިރޭސިވިލާތުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އިން މޮޅަކާއެކު ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖް މެޗުތައް ނިންމާލައިފި އެވެ.

ރޭގެ މެޗާއި ކުރިމަތިލި އިރު ވެސް ސިޓީ އަށް އޮތީ މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފަ އެވެ. ޑައިނަމޯ ޒަގްރެބްގެ ދަނޑުގައި އެޓީމު 4-1 އިން ބަލިކޮށް ހޯދި ތިން ޕޮއިންޓާއެކު ސިޓީ އިން ގްރޫޕް ސްޓޭޖް ނިންމާލީ 6 މެޗުން 14 ޕޮއިންޓް ހަމަކޮށްގެންނެވެ. މި ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ގަދަ ސޯޅަ އަށް ކޮލިފައިވީ 7 ޕޮއިންޓް ލިބިގެން ޖޯޖިއާގެ އެޓްލާންޓާ އެވެ. 6 ޕޮއިންޓާއެކު ތިންވަނަ ލިބުނު ޔުކްރެއިންގެ ޝަޚްތަރް ޑޮނެޓްސްކް އަށް ޔުރޮޕާ ލީގުން ޖާގައެއް ލިބިފައިވާއިރު މި ގްރޫޕުގެ ފުލަށް ދިޔައީ 6 މެޗުން ލިބުނު 5 ޕޮއިންޓާއެކު ޑައިނަމޯ ޒަގްރެބް އެވެ.

ރޭގެ މެޗަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ޓީމުގެ އާންމު ފުރަތަމަ އެގާރަ އަށް ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން މުހިއްމު ކުޅުންތެރިން ކަމަށްވާ ކެވިން ޑެބްރައިނާ އާއި އެޑަސަން މޯރެސްގެ އިތުރުން ޑޭވިޑް ސިލްވާ އަށް ގާޑިއޯލާ ރެސްޓް ދިން އިރު ރަހީމް ސްޓާލިންގް މެޗު ފެށީ ބެންޗުންނެވެ.

ފަސޭހަކަމާއެކު ސިޓީ މި މެޗު ކާމިޔާބުކުރި ނަމަވެސް ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ކްރޮއޭޝިއާގެ ޓީމުންނެވެ. މެޗުގައި ޑައިނަމޯ ޒަގްރެބް އަށް ލީޑު ނަގައިދިނީ ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި ޑަނިއެލް އޮލްމޯ އެވެ. ސިޓީ އަށް ނަތީޖާ ހަމަހަމަކޮށްދިނީ 34 ވަނަ މިނެޓުގައި ރިޔާދް މަހްރޭޒް ދިން ބޯޅައެއްގައި ގެބްރިއެލް ޖެސުސް އެވެ.

1-1 އިން ދެޓީމު އެއްވަރުވެގެން ފުރަތަމަ ހާފު ނިމިގެންދިޔަ އިރު ދެވަނަ ހާފު ސިޓީން ފެށީ ވަރުގަދަ ކޮށެވެ. އެގޮތުން ބްރެޒިލްގެ ޖެސުސް ވަނީ ކައިރި ކައިރީގައި ދެ ލަނޑު ކާމިޔާބުކޮށް ފަސް މިނެޓު ތެރޭ މެޗުގެ ނަތީޖާ ސިޓީ ކޮޅަށް އަނބުރާލާފަ އެވެ. ޖެސުސްގެ ދެވަނަ ލަނޑު 50 ވަނަ މިނެޓުގައި ފިލް ފޮޑެންގެ އެހީތެރިކަމާއެކު ޖެހި އިރު އޭގެ ހަތަރު މިނެޓް ފަހުން އޭނާ ހެޓްރިކް ހެދީ ބެންޖަމިން މެންޑީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

ސިޓީން މެޗުގައި ޖެހި ހަތަރު ވަނަ ލަނޑު މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ބެނާޑޯ ސިލްވާ ދިން ބޯޅައެއްގައި ފިލް ފޮޑެން އެވެ.

ރޭގެ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދި ޖެސުސް މި މެޗުގައި ހެދި ހެޓްރިކާއެކު ކެރިއަރުގައި އޭނާ ޖެހި ލަނޑުގެ އަދަދު ވަނީ 101 އަށް އަރައިފަ އެވެ. ސިޓީގެ ޖާޒީގައި 55 ލަނޑު އަދި ބްރެޒިލްގެ ޕަލްމެއިރާސް އަށް 28 ލަނޑު ޖަހައިދީފައިވާ ޖެސުސް ވަނީ ބްރެޒިލްގެ ގައުމީ ޓީމަށް 18 ލަނޑު މިހާތަނަށް ޖަހައިދީފައެވެ.

ރޭގެ މެޗުގައި ޖެހި ތިން ލަނޑާއެކު ޖެސުސް ވަނީ އެންމެ ޒުވާން އުމުރެއްގައި ޗެމްޕިއަންސް ލީގުގައި ދިހަ ލަނޑު ހަމަކުރި ބްރެޒިލްގެ ފުރަތަމަ ކުޅުންތެރިއާގެ ޝަރަފް ހޯދައިފަ އެވެ. ކުރިން މި ރެކޯޑު އޮތީ ޕީއެސްޖީގެ ތަރި ނޭމާ އަތުގަ އެވެ. ނޭމާ މި މުބާރާތުގައި 10 ލަނޑު ހަމަކުރި އިރު އޭނާގެ އުމުރަކީ 23 އަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނުވަގުތު

    ޖޯޖިއާ އަކީ އެމެރިކާގެ ސްޓޭޓެއް، އެ ސްޓޭޓުގެ ވެރި ރަށަކީ އެޓްލާންޓާ. ރޭގަ ޝަކްތަރ ޑޮނިއެސްކް އާ ދެކޮޅަށް ކުޅުނީ އެޓަލާންޓާ، އެއީ އިޓަލީގެ ޓީމެއް. ޙަބަރުގައި އޮތީ ރަނގަޅަކަށް ނޫން.

  2. ލޮލް

    ސާބަސް. ޚެސުސް އޭ ކިޔާނީ. ސްޕެނިޝް ބަހުގަ ޖޭ އަކުރު ކިޔާނީ ޚާ އެއ އްގޮތަށް.