ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ގޮންޒާލޯ ހިގުއެން ކާމިޔާބުކުރި ލަނޑުތަކުން ޖަރުމަނުގެ ބަޔާ ލެވަކޫސަންގެ މައްޗަށް ކުރިހޯދައި ޔުވެންޓަސް އިން މޮޅަކާއެކު ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިންމާލައިފިއެވެ.

އަމިއްލަ ދަނޑުގައި އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އާއި ދެކޮޅަށް ކުޅުނު މެޗުން ބަޔާ ލެވަކޫސަން ބަލިވުމުން މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެޓީމަށް ވަނީ ގެއްލިފައެވެ. 6 މެޗުން 16 ޕޮއިންޓް ހަމަކޮށްގެން ޔުވެންޓަސް ގްރޫޕް ޑީގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ކޮލިފައިވި އިރު މި ގްރޫޕުން ދެން ކޮލިފައިވީ 10 ޕޮއިންޓާއެކު އެތްލެޓިކޯ މެޑްރިޑެވެ.

6 މެޗުން ލިބުނު 6 ޕޮއިންޓާއެކު ލެވަކޫސަން ތިންވަނައިގައި ނިންމާލުމުން އެޓީމަށް ޔުރޮޕާ ލީގުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މި ގްރޫޕުގެ ފުލަށް ދިޔައީ 3 ޕޮއިންޓް ލިބުނު ރަޝިޔާގެ ލޮކޮމޯޓިވް މޮސްކޯއެވެ.

ލެވަކޫސަންގެ ބޭ އެރީނާގައި ރޭ ކުޅުނު މެޗުގައި ޔުވެންޓަސް އިން ޖެހި ދެ ލަނޑުވެސް ފެނިގެންގޮސްފައިވަނީ މެޗުގެ ފަހު ފަނަރަ މިނެޓު ތެރޭގައެވެ. އެގޮތުން 75 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޕައުލޯ ދިބާލާގެ އެހީތެރިކަމާއެކު ރޮނާލްޑޯ ލެވަކޫސަންގެ ގޯލު ފޫއަޅުވާލި އިރު ދިބާލާ ތަނަވަސްކޮށްދިން އިތުރު ފުރުސަތެއްގައި ހިގުއެން ޔުވެންޓަސް އަށް ލީޑު ފުޅާކޮށްދިނީ މެޗުގެ އިތުރު ވަގުތުގައެވެ.

ރޭގެ މެޗުގައި ރޮނާލްޑޯ ޖެހި ލަނޑަކީ ޗެމްޕިއަންސް ލީގުގައި އޭނާ ކާމިޔާބު ކުރި 128 ވަނަ ލަނޑުގެ އިތުރުން މި މުބާރާތުގައި ޖަރުމަނުގެ ކްލަބުތަކާއި ދެކޮޅަށް އޭނާ ކުޅުނު 26 މެޗުގައި ޖެހި 28 ވަނަ ލަނޑެވެ.

ގްރޫޕް ޑީގައި ކުޅުނު އަނެއް މެޗުގައި އެތްލެޓިކޯ މެޑްރިޑުން ރަޝިއާގެ ލޮކޮމޯޓިވް މޮސްކޯ ބަލިކުރީ 2 - 0 އިންނެވެ. ރޭގެ މެޗަށް ވުރެ ކުރިން ގްރޫޕް ސްޓޭޖުގައި އެތްލެޓިކޯ އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ބަލިވެފައި ވުމުން ރޭގެ މެޗަށް ޑިއޯގޯ ސިމިއޯނީ ނެރުނީ ވަރުގަދަ ޓީމެކެވެ.

މެޑްރިޑްގެ ވަންޑާ މެޓްރޮޕޮލިޓާނޯގައި ކުޅުނު މި މެޗު ޑޮމިނޭޓް ކޮށްގެން އެތްލެޓިކޯ އިން ކުޅުނު ނަމަވެސް އެޓީމަށް މެޗުގެ ކުރީކޮޅު މާޔޫސްކަން ކުރިމަތިވީ ލީޑު ނަގަން ޓްރިޕިއާ ޖެހި ޕެނަލްޓީ ނާކާމިޔާބު ވުމުންނެވެ.

ލޮކޮމޯޓިވް މޮސްކޯގެ އޭރިއާ ތެރެއިން ޔާއޯ ފެލިކްސް ވައްޓާލުމުން ރެފްރީ ދިން ޕެނަލްޓީގައި ޓްރިޕިއާ ފޮނުވާލި ބޯޅަ ކީޕަރު މަތަކުރިއެވެ. ފުރަތަމަ ފުރުސަތު ނަގާލި ނަމަވެސް 17 ވަނަ މިނެޓުގައި ބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭ ލޮކޮމޯޓިވް މޮސްކޯގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީގައި ފެލިކްސް ވަނީ ގޯލްކީޕަރު އެންޓޮން ކޮޗެންކޮވްގެ ގޯލު ފޫއަޅުވާލާފައެވެ.

ފެލިކްސްގެ ލަނޑުން އެތެލްޓިކޯ އަށް ހިތްހަމަޖެހުމެއް ލިބިގެންދިޔަ އިރު މިހާފުގައި އެޓީމުން އުފެއްދި އިތުރު ހަމަލާއެއްގައި މޮރާޓާ އިދިކޮޅު ގޯލުގެ ތެރެއަށް ބޯޅަ ވައްދާލި ނަމަވެސް ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއްގެ ގޮތުގައެވެ. އެތްލެޓިކޯގެ ދެވަނަ ލަނޑު ދެވަނަ ހާފުގެ 53 ވަނަ މިނެޓުގައި ކޯކޭ ނަގައިދިން ހުރަހެއްގައި ޖަހައިދިނީ ޑިފެންޑަރު ފެލިޕެއެވެ.