ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާއި ވާދަކުރަން ޖެހިއްޖެނަމަ މާބޮޑު އުނދަގުލަކާއި ނުލައި އެޓީމު މުބާރާތުން ކަޓުވާލާނެކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ޒައިނިދީން ޒިދާން ބުނެފި އެވެ.

ޒިދާން މިހެން ބުނެފައިވަނީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ ކްލަބް ބްރޫޖުގެ މައްޗަށް ރެއާލުން ކުރި ހޯދި މެޗަށްފަހު ބޭއްވި ޕްރެސްގައި ނޫސްވެރިއަކު ކުރި ސުވާލަކަށްޖަވާބު ދެމުންނެވެ.

“ދެވަނަ ބުރުގައި ލިވަޕޫލާއި ކުޅެން ޖެހިއްޖެނަމަ އެޓީމު ކަޓުވާލާލަން،” ޒިދާން ބުންޏެވެ.

ޒިދާން މިހެން ބުނެ ލިވަޕޫލަށް އިންޒާރުދީފައިވާއިރު އަންނަ އާދިއްތަ ދުވަހު ނަގަން އޮތް ޑްރޯ ގައި ރެއާލާއި ލިވަޕޫލް ވާދަކުރަން ޖެހުމުގެ ފުރުސަތު އެބަ އޮތެވެ. ރެއާލުން މިފަހަރު ފުރަތަމަ ބުރު ނިންމާލީ ޕީއެސްޖީގެ ފަހަތުން ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. ލިވަޕޫލް ކޮލިފައިވީ ގްރޫޕް އީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

މިވަގުތު މުޅި ޔޫރަޕްގައިވެސް އޮތް އެންމެ ވަރުގަދަ ޓީމުގެ ގޮތުގައި ފާހަގަކުރެވޭ ލިވަޕޫލް މިސީޒަނުގައި 90 މިނެޓް ތެރޭ ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. ލީގުގައި ކުޅުނު 16 މެޗުގެ ތެރެއިން 15 މެޗު ކާމިޔާބުކޮށް 46 ޕޮއިންޓާއެކު ލީގް ތާވަލު ލީޑް ކުރަމުން އަންނަ ލިވަޕޫލަށް ލީގުގައި ގެއްލުނުހާ ވެސް ޕޮއިންޓަކީ މެންޗެސްޓާ ޔުނައިޓެޑް އަތުން އެއްވަރު ވެގެން ގެއްލުނު ދެ ޕޮއިންޓެވެ.

ޔާގެން ކްލޮޕްގެ އިރުޝާދުގެ ދަށުން މޮޅަށް ކުޅެމުން އަންނަ ލިވަޕޫލް ޓީމަކީ ޔޫރަޕްގެ ކޮންމެ ޓީމަކު ވެސް ވާދަކުރަން ޖެހިލުން ވާނެ ޓީމެއް ކަން އެޓީމު ނެރެމުން އަންނަ ނަތީޖާތަކުން ސާފުވެ އެވެ.

ލިވަޕޫލްގެ ފުލްބެކް އެންޑީ ރޮބަޓްސަން ކުރިއަށް އޮތް ޗެމްޕިއަންސް ލީގް ޑްރޯ އާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ބުނީ ދެވަނަ ބުރުގައި ލިވަޕޫލާއި ބައްދަލުކުރަން އެއްވެސް ޓީމަކުން ބޭނުން ނުވާނެ ކަމަށެވެ.

“ ޔޫރަޕްގެ އެއްވެސް ޓީމެއް ބޭނުމެއް ނުވާނެ އަހަރެމެންނާއި ކުޅެން. ޖެހިލުން ވާނެ. އަހަރެމެންނަކީ ޗެމްޕިއަނުން. އެކަމަކު އެއަށްވުރެ މުހިއްމު ކަމަކީ އަހަރެމެން އަދިވެސް މިދަނީ ކުރިއަރަމުން. ޔޫރަޕްގައި ޖެހިޖެހިގެން ދެ ފައިނަލް ކުޅެ ތަށި ވެސް ނެގިއްޖެ. ހަގީގަތުގައި ފުރަތަމަ ފަހަރަށް ފައިނަލަށް ދެވުމުން ވެސް އަސްލު ލިބެން ޖެހޭ އިހުތިރާމެއް އަހަރެމެންނަކަށް ނުލިބޭ. އެ އިހުތިރާމް ލިބެން ފެށީ އެންމެ ފަހުން ތަށި އުފުލާލީމަ. ޓާގެޓަކީ އަދިވެސް ކުރިއަރައިގެން ދިއުން، “ ރޮބަޓްސަން ބުންޏެވެ.

ސެމީ ގަައި ވަރުގަދަ ބާސެލޯނާ ބަލިކޮށް ފައިނަލަށް ދަތުުރުކުރި ލިވަޕޫލުން މިދިޔަ ފަހަރު ތަށި އުފުލާލީ ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށްގެންނެވެ. މިސީޒަނުގެ މުބާރާތުގައި ލިވަޕޫލް ކުޅުނު ފުރަތަމަ މެޗުގައި އިޓަލީގެ ނަޕޯލީ އަތުން ބަލިވި ނަމަވެސް އޭގެ ފަހުން އެޓީމުން އަންނަނީ ޖެހިޖެހިގެން ދެވަނަ ތަށި އުފުލާލުމުގެ އަމާޒުގައި ފަސްބެލުމެއް ނެތި ކުރިއަށް ފިޔަވަޅު އަޅަމުންނެވެ. ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުން މިފަހަރު ވެސް ޔޫރަޕްގެ ބޮޑު ތައްޓަށް އެންމެ ބޮޑަށް ވާދަކުރާނެ ޓީމުތަކުގެ ކުރީގައި އުޅެނީ ލިވަޕޫލެވެ.

ޗެމްޕިއަންސް ލީގުން ކްލޮޕްގެ ޓީމް ކަޓުވާލެވޭނެ ނަމަ އެކަން ކުރެވޭނެ އެކަކީ ޒިދާނެވެ. ޒިދާން އާއެކު ރެއާލުން ވަނީ ޖެހިޖެހިގެން 3 ފަހަރު މި މުބާރާތް ކާމިޔާބުކޮށްފަ އެވެ. 2016 ،2017 އަދި 2018 ވަނަ އަހަރު ރެއާލަށް ތަށި ހޯދައިދީ އަމިއްލަ ސަބަބަކާއި ހުރެ ކްލަބު ދޫކޮށްލުމަށްފަހު ޒިދާން އަލުން ރެއާލާއި ހަވާލުވީ މިސީޒަނަށެވެ.

ރެއާލާއެކު ޒިދާން ތިން ތަށި ކާމިޔާބުކުރި އިރު ރެއާލްގެ ޖާޒީގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅުނެވެ. އެހެން ކަމުން ރޮނާލްޑޯ އާއި ނުލައި ޒިދާނަށް ރެއާލް ގޮވައިގެން މުބާރާތުގައި ދަތުރު ކުރެވެނީ ކިހާ ދުރަކަށްތޯ ވެސް ބަލަން އެބަޖެހެ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ާަޕޮގުބާ

  ލިވަޕޫލާ ކުޅެންނުކެރެންޏާމް ޗެމްޕިއަން ސް ލީގުގެ ތަށިލިވަޕޫލަށް ދޭން ވީނު

  19
  7
 2. ސަލާހް

  ޒިދާންބޭބޭ ބުނަންތަ ރަނގަޅު ވާހަކައެއް. މާ ފޮނިވެފަ ލިވަޕޫލްއަށް އިންޒާރުދޭން ހަދާނެކަމެއްނެތް. ކިތަންމެ ފޮނިވެފަ އުޅުނަސް ތަށި ލިބޭނި މާތްﷲ އިރާދަކުރެއްވި ބަޔަކަށް.

  27
  2
  • ޒިދާން

   ތިކަން މަ ޤަބޫލުކުރަމޭ. އެކަމަކު ލިވަރފޫލްއަކަށް އަހަރެމެން ކައިރިއަކު ނުފުއްޕޭނެ.