ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި މިހާރު ވާދަކުރަމުން އަންނަ އެންމެ ދުވަސްވީ ކްލަބު ކަމަށްވާ ވިކްޓްރީ ސްޕޯޓްސް ކްލަބު ސަސްޕެންޑް ކުރަން އެފްއޭއެމް އިން ނިންމައިފި އެވެ.

އެފްއޭއެމް އިން ވިކްޓްރީ ސަސްޕެންޑްކުރީ ކްލަބުގެ ކުޅުންތެރިންނާއި ކޯޗުންނަށް ދޭން ހުރި މުސާރަ އާއި ކްލަބް ލައިސަންސްގެ ކަންކަން ފުރިހަމަކުރަން އެފްއޭއެމުން ދިން މުއްދަތުގައި އެކަންކަން ފުރިހަމަކޮށްފައިނުވާ މައްސަލައިގަ އެވެ. އެފްއޭއެމް އިން ވިކްޓަރީ ސަސްޕެންޑް ކުރިކަން ރަސްމީކޮށް އަންގާފައިނުވި ނަމަވެސް، އިތުބާރު ހުރި މަސްދަރަކުން ވިކްޓަރީ ސަސްޕެންޑްކުރިކަންވަގުތުއަށް ވަނީ ކަށަވަރުވެފަ އެވެ.

ސަސްޕެންޝަނާ ގުޅިގެން އެ ޓީމަށް އަންނަ ހޯމަ ދުވަހު ދިރާގު ދިވެހި ޕްރިމިއާ ލީގު އަލުން ފަށާއިރު މުބާރާތުގައި ވާދަނުކުރެވޭނެ އެވެ. އެފްއޭއެމުން ނެރުނު ލީގުގެ އާ ޝެޑިއުލުގައި ވެސް އެ ޓީމުގެ މެޗުތަކެއް ނެތެވެ.

އެފްއޭއެމް އިން ވިކްޓަރީ ސަސްޕެންޑްކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު އޮތް އެފްއޭއެމްގެ އެކްސްކޯ ބައްދަލުވުމުގައި އެ ކްލަބަށް އިންޒާރު ދިނުމަށްފަހު އެވެ. ވިކްޓަރީ ސަސްޕެންޑްކުރީ އެ ކްލަބުން ދިރާގު ދިވެހި ޕްރިމިއާ ލީގު މެޗުތަކަށް ހާޒިރުނުވާ މައްސަލަ އާއި، މުސާރައިގެ ގޮތުގައި ކުޅުންތެރިންނަށް ދޭންޖެހޭ ފައިސާ އާއި ކޯޗުންނަށް ނުދީ ހުރި ފައިސާ ނުލިބިގެން ކުޅުންތެރިންނާ ކޯޗުން އެފްއޭއެމަށް ހުށަހަޅާފައިވާ މައްސަލަ އާއި، ކްލަބު ލައިސަންސިން އާއި ގުޅޭގޮތުން ހަމަކުރަންޖެހޭ ލިޔުންތައް ހަމަކޮށްފައިނުވާތީ އެ މައްސަލަތައް ބެލުމަށްފަހު އެވެ.

އެފްއޭއެމްއިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އިދާރާގެ އެކްސްކޯ ބައްދަލުވުމެއްގައި ވިކްޓްރީގެ މައްސަލަ ބެލުމަށްފަހު، ނޮވެމްބަރު މަހުގެ 15 ގެ ކުރިން ކުޅުންތެރިންނާއި ކޯޗުންނަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ ފައިސާ ދީ ޚަލާސްކުރުމަށް އެ ކްލަބަށް އަންގާ ކަމަށެވެ. އަދި އެފްއޭއެމްގެ އަސާސީ ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން އަމަލު ނުކޮށްފިނަމަ ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން އެ ކްލަބު ސަސްޕެންޑް ކުރާނެ ކަމަށެވެ.

އެފްއޭއެމުން ބުނީ ވިކްޓްރީ އަށް ކްލަބް ލައިސަންސްގެ ކަންކަން ފުރިހަމަ ކުރެވެންދެން އެ ޓީމަށް ވަގުތީ ގޮތުން ޕްރޮވިޝަނަލް ލައިސަންސެއް ދީފައިވާނެ ކަމަށެވެ. އަދި ނޮވެމްބަރު 15 ވަނަ ދުވަހުގެ ކުރިން ކްލަބް ލައިސަންސްގެ ހުރިހާ ކަމެއް ފުރިހަމަކޮށް ނިންމަން ވެސް ވިކްޓްރީ އަށް އެފްއޭއެމުން ވަނީ ބަޔާނުގައި އަންގައިފަ އެވެ.

މީގެ އިތުރުން ވިކްޓްރީން ލީގުގެ މެޗުތަކަށް ހާޒިރުވަމުން ނުދާތީ ނޮވެމްބަރު 1 އިން ފެށިގެން ވިކްޓްރީ އަށް އިތުރު ކުޅުންތެރިޔަކު ނުގެނެވޭ ގޮތަށް ޓްރާންސްފާ ހުއްޓުވަން އެފްއޭއެމްގެ އެކްސްކޯ އިން އޮތީ ފާސްކޮށްފަ އެވެ.

ވިކްޓަރީ ސަސްޕެންޑް ކުރި އިރު ދިވެހި ލީގުގައި މިއަހަރު ވިކްޓަރީ ނުކުޅެ ދިޔަ މެޗުތަކުގެ އަދަދު ވަނީ ހަތަރަކަށް އަރާފަ އެވެ. އެފްއޭއެމްގެ އިންޒާރާ އެކު ވެސް ތިން ފަހަރު މަތިން އެ ކްލަބުން އެ ކުށް ތަކުރާރު ކުރުމުން މީގެ ކުރިން އެ އިދާރާ އިން ވަނީ ބޮޑު އަދަދަކުން ވިކްޓްރީ ޖޫރިމަނާވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އާމިނަތު

  ސަމީޢޫ،މިއޮއްކިޔާ އެއްޗެއް ބަލާ

 2. ައަބޫ

  މިއަދަކ ހިތާމަވެރި ދުވަހެއް.. ކުޑައިރުއްސުރެ ސަޕޯޓުކުރަމުން އައީ ޓީމް ވެސް އޮޔާ އެދިޔައީ..
  އަދިވެސް ބައްސާމްމެން މިކަމުން ދުރައްދާކަށް ނުވިސްނާތަ؟؟

  3
  1
 3. ްަޤައުމު

  ކުޅުންތެރިން ހަމަނުވެގެން މެޗައް ހާޒިރުނުވެވުނީމާ އަދަބަކީ އިތުރައް ކުޅުންތެރިން ނުގެނެވޭގޮތްހެދުން !ވަޓްއަޖޯކް

  3
  1
 4. ޢަހުނަދު ބެ

  ޙު ރިހާ އެސޯސިއޭސަން ތައް ވެސް ސަސްޕެންޑް ކު ރަންވީ ކަފޫހަމަނުވާ ބާސްކެޓް އެސޯސިއޭސަން ، ގެ ހިންގާޖަ ރީމާތައް ވެސް ބަލަން ވީ