ޔުއެފާ ޔުރޮޕާ ލީގުގައި އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑް ރޭ ކުޅުނު މެޗުން މޮޅުވި އިރު ސްޓޭންޑާޑް ލީޖް އާއި ވާދަކޮށް އާސެނަލް އެއްވަރު ވެއްޖެ އެވެ.

އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑް މޮޅުވީ ނެދަލޭންޑްސްގެ އޭޒީ އަލްކްމާރް އާއި ވާދަކޮށް ފަސޭހަކަމާއެކު 4-0 އިންނެވެ. އޯލްޑް ޓްރަފޯޑްގައި ކުޅުނު މި މެޗުގަައި ޔުނައިޓެޑް އިން ޖެހި ހަތަރު ލަނޑު ވެސް ޖަހައިފައިވަނީ ދެވަނަ ހާފުގަ އެވެ. އެގޮތުން އެޓީމުން ޖެހި ފުރަތަމަ ލަނޑު 54 ވަނަ މިނެޓުގައި ހުއާން މާޓާގެ އެހީތެރިކަމާއެކު އެޝްލީ ޔަންގް ޖެހި އިރު އޭގެ ފަސް މިނެޓް ފަހުން ލީޑް ފުޅާކޮށްދިނީ ޒުވާން މޭސަން ގްރީންވުޑް އެވެ.

ޔުނައިޓެޑްގެ ތިންވަނަ ލަނޑު 62 ވަނަ މިނެޓުގައި ޖަހައިދިނީ ލިބުނު ޕެނަލްޓީ އަކުން މާޓާ އެވެ. ޔުނައިޓެޑަށް ރެފްރީ ޕެނަލްޓީ ދިނީ އިދިކޮޅު އޭރިއާ ތެރެއިން ގްރީންވުޑް އަށް އަލްކްމާރުގެ ކުޅުންތެރިއަކު ފަައުލް ކުރުމުންނެވެ. މާޓާ ތަނަވަސްކޮށްދިން އިތުރު ފުރުސަތެއްގައި ގްރީންވުޑް ވަނީ 64 ވަނަ މިނެޓުގައި މެޗުގެ ނަތީޖާ 4-0 އަށް ބަދަލުކޮށްފަ އެވެ.

މި މޮޅާއެކު ޔުނައިޓެޑުން މުބާރާތުގެ ފުރަތަމަ ބުރު ނިންމާލީ 13 ޕޮއިންޓާއެކު ގްރޫޕް އެލްގެ އެއްވަނައިގައި އޮވެ އެވެ. ދެވަނަ ޓީމުގެ ގޮތުގައި އަލްކްމާރް ދެވަނަ ބުރަށް ކޮލިފައިވި އިރު އެޓީމަށް ހަމަކުރެވުނީ ހަ މެޗުން 9 ޕޮއިންޓެވެ. މި ގްރޫޕުގެ ތިންވަނަ 8 ޕޮއިންޓް ހޯދި ސާބިއާގެ ޕާޓިޒަން އަށް ލިބުނު އިރު ފުލަށް ދިޔައީ 3 ޕޮއިންޓާއެކު ކަޒަޚިސްތާނުގެ އެފްސީ އަސްޓާނާ އެވެ.

މި މުބާރާތުގައި އާސެނަލް ރޭ ނުކުތީ ބެލްޖިއަމްގެ ސްޓޭންޑަޑް ލީޖް އާއި ދެކޮޅަށެވެ. މި މެޗުގައި ފުރަތަމަ ދެ ލަނޑު ޖަހައި ބެލްޖިއަމްގެ ޓީމުން އާސެނަލް ސަޕޯޓަރުން ހާސްކޮށްލި ނަމަވެސް ޒުވާން އާސެނަލް ޓީމުން ވަނީ މެޗުގެ ފަހު ދިހަ ވަރަކަށް މިނެޓް ތެރޭ މޮޅު ކުޅުމެއް ދައްކައި ޕޮއިންޓެއް ކަށަވަރަކޮށް ގްރޫޕުގެ އެއް ވަނަ މަގާމް ޔަގީންކޮށްފަ އެވެ.

ސްޓޭންޑަޑް ލީޖް އަށް މެޗުގައި ލަނޑުތައް ކާމިޔާބުކޮށްދިނީ ސަމުއެލް ބަސްޓިއަން އާއި ސެލިމް އަމަލާހް އެވެ. އާސެނަލްގެ ފުރަތަމަ ލަނޑު ބުކާޔޯ ސާކާގެ އެހީތެރިކަމާއެކު އެލެގްޒަންޑާ ލަކަޒަޓް ޖަހައިދިން އިރު އޭގެ ދެ މިނެޓް ފަހުން ސާކާ ނަތީޖާ އެއްވަރުކޮށްދިނީ ގެބްރިއެލް މާޓިނެލީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މި މެޗުން ލިބުނު ޕޮއިންޓާއެކު އާސެނަލް އަށް ގްރޫޕް އެފްގެ އެއްވަނަ މަގާމް ޔަގީންވީ ހަ މެޗުން ލިބުނު 11 ޕޮއިންޓާއެކު އެވެ. ދެވަނަ ލިބުނީ 9 ޕޮއިންޓް ހޯދި ޖަރުމަނުގެ ފްރޭންކްފާޓަށެވެ. 8 ޕޮއިންޓް ހަމަކޮށްގެން ތިންވަނަ ސްޓޭންޑަޑް ލީޖަށް ލިބުނު އިރު ފުލަށް ދިޔައީ 5 ޕޮއިންޓާއެކު ޕޯޗުގަލްގެ ވިޓޯރިއާ އެސްސީ އެވެ.