ޕްރިމިއާ ލީގުގެ ވަރުގަދަ ޓީމުތަކާއި ވާދަކުރުމަށް މެންޗެސްޓާ ޔުނައިޓެޑަށް އާ ދެތިން ކުޅުންތެރިން ބޭނުންވާ ކަމަށް އެޓީމުގެ ކޯޗު އޮލޭ ގުނަ ސޯލްޝެއާ ބުނެފި އެވެ.

ސޯލްޝެއާ މިހެން ބުނެފައިވަނީ ޔުރޮޕާ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި ރޭ އަމިއްލަ ދަނޑުގައި ހޮލަންޑުގެ އޭޒީ އަލްކްމާރު އަތުން 4-0 އިން އެޓީމު މޮޅުވި މެޗަށް ފަހު ވާހަކަ ދައްކަމުންނެވެ.

ސޯލްޝެއާ ބުނީ އެހެން ޓީމުތަކާއި އަޅާ ބަލާއިރު ޔުނައިޓެޑްގައި އޮތީ އެހާ ވަރުގަދަ ސްކޮޑެއް ނޫން ކަމަށާއި ދިގު ސީޒަނަކަށް ދާއިރު ސްކޮޑުގައި ރަނގަޅު ގިނަ ކުޅުންތެރިން ތިބުން މުހިއްމު ކަމަށެވެ. އަދި ޔުނައިޓެޑުން އަންނަނީ އަންނަ ޖެނުއަރީ ޓްރާންސްފާ ވިންޑޯގައި ދެތިން ކުޅުންތެރިއަކު ހޯދައި ޓީމު އިތުރަށް ވަރުގަދަ ކުރުމުގެ މަސަތްކަތް ކުރަމުން ކަމަށާއި ވަރުގަދަ ކުރަން ޖެހޭ ގިނަ ޑިޕާޓްމަންްޓްތައް ޓީމުގައި އެބަހުރި ކަމަށް ވެސް ސޯލްޝެއާ ބުންޏެވެ.

“ އެހެން ޓީމުތަކާއި އަޅާ ބަލާއިރު ޔުަނައިޓެޑްގެ ސްކޮޑު ޑެޕްތް ދަށް. ދިގު ސީޒަނަކަށް ދާ އިރު ވަރުގަދަ ސްކޮޑެއް އޮތުން ކޮންމެހެން ވެސް މުހިއްމު. މި ޓީމުގެ އެކި އެކި ޑިޕާޓްމަންޓް ތަކަށް ކުޅުންތެރިން އެބަ ބޭނުންވޭ. އަހަރެމެން މި ބަލަނީ ޖެނުއަރީގައި ދެތިން ކުޅުންތެރިއަކު ލިބޭތޯ،ސޯލްޝެއާ ބުންޏެވެ.

ޖެނުއަރީގައި ޔުނައިޓެޑުން ޓާގެޓް ކުރާނީ ކޮން ކޮން ކުޅުންތެރިންނަށް ކަމެއް ސޯލްޝެއާ ބުނެފައިނުވި ނަމަވެސް ރިޕޯޓްތައް ބުނާގޮތުން އެޓީމުން އަންނަނީ އޮސްޓްރިއާގެ ސާލްޒްބާގަށް ކުޅެމުން އަންނަ ޒުވާން އެރްލިން ހާލަންޑުގެ ސޮއި ލިބޭތޯ މަސަތްކަތް ކުރަމުންނެވެ.

ނޯވޭގެ 19 އަހަރުގެ ހާލަންޑް ވަނީ މިސީޒަނުގައި ސާލްޒްބާގަށް އޭނާ މިހާތަނަށް ކުޅެދިން 22 މެޗުގައި 28 ލަނޑު ޖަހައިދީފަ އެވެ. ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޗެމްޕިއަން ލިވަޕޫލް އަތުން ބަލިވެ މުބާރާތުން ސާލްޒްބާގް ކެޓި ނަމަވެސް ހާލަންޑް ވަނީ މި ބުރުގައި އެޓީމު ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުގައި ލަނޑު ޖަހައިދީފަ އެވެ.

ޔުރޮޕާ ލީގުގައި ރޭ ހޯދި މޮޅާއެކު ޔުނައިޓެޑް ވަނީ މުބާރާތުގެ ދެވަނަ ބުރަށް ކޮލިފައިވެފަ އެވެ. ޔުނައިޓެޑުން ރޭގެ މެޗާއި ކުރިމަތިލީ ޕްރިމިއާ ލީގުގައި އެންމެ ފަހުން އެޓީމް ކުޅުނު ދެ މެޗުގައި މޮރީނިއޯގެ ޓޮޓެންހަމް ހޮޓްސްޕާސް އާއި ގާޑިއޯލާގެ މެންޗެސްޓާ ސިޓީގެ މައްޗަށް ކުރި ހޯދުމަށްފަހު އެވެ. އެހެންކަމުން ޖެހިޖެހިގެން ހޯދި ތިންވަނަ މޮޅާއެކު ޔުނައިޓެޑްގެ ކުޅުންތެރިންނަށް ވަނީ އިތުރު ހިތްވަރެއް ލިބިގެންގޮސްފަ އެވެ. އެޓީމަށް ދެން ކުރިއަށް އޮތީ ލީގުގައި އަންނަ އާދިއްތަ ދުވަހު އެވަޓަން އާއި ދެކޮޅަށް ކުޅެން އޮތް މެޗެވެ.