އިނގިރޭސިވިލާތުގެ ލިވަޕޫލުން އެޓީމުގެ ހެޑް ކޯޗު ޔާގެން ކްލޮޕް އާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި އެވެ.

ލިވަޕޫލުން ކްލޮޕްގެ ކޮންޓްރެކްޓް އާކޮށްފައިވަނީ 2024 ގެ ނިޔަލަށެވެ. ކްލަބާއެކު ކޮންޓްރެކްޓް އާކުރުމަށްފަހު ކްލޮޕް ބުނީ ލިވަޕޫލްގައި އޭނާ ހުރީ އުފަލުން ކަމަށާއި ކޮންޓްރެކްޓް އާކުރީ އޭނާގެ ފަރާތުން ކްލަބަށް އަދިވެސް އެހީތަކެއް ފޯރުކޮށް ދެވޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.

އުމުރުން 52 އަހަރުގެ ޖަރުމަން ކޯޗު ލިވަޕޫލް ޓީމާއި ހަވާލުވީ 2015 ވަނަ އަހަރުގަ އެވެ. ބޮރޫޝިއާ ޑޯޓްމަންޑް ދޫކޮށް އިންގްލަންޑަށް ބަދަލުވުމަށްފަހު ކްލޮޕް ވަނީ މިދިޔަ ހަތަރު ވަރަކަށް އަހަރު ދުވަހުގެ ތެރޭ މުޅި ލިވަޕޫލް ޓީމަށް ބޮޑެތި ބަދަލުތަކެއް ގެނެސް އެޓީމު ޔޫރަޕް ފުޓްބޯޅައިގެ މަތީ ފަންތިއަށް އެނބުރި ގެންގޮސްދީފަ އެވެ.

ކްލޮޕްގެ އިރުޝާދުގެ ދަށުން ލިވަޕޫލުން ވަނީ 2005ގެ ފަހުން ޔޫރަޕްގައި ބޮޑު ތައްޓެއް ފުރަތަމަ ފަހަރަށް މިދިޔަ ސީޒަންގައި ކާމިޔާބުކޮށްފައެވެ.

ފީފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމް މިފަހަރު ހޯދި ކްލޮޕް ފާހަގަވެފައިވަނީ ޒުވާން ކުޅުންތެރިން ބިނާކޮށް އެ ކުޅުންތެރިން އާދަޔާ ހިލާފަށް މޮޅު ކޮށްދޭ ކޯޗެއްގެ ގޮތުގަ އެވެ. ޑޯޓްމައުންޑްގައި އޭނާ ހޭދަކުރި ދުވަސްވަރުގައި ވެސް އެތައް ޒުވާން ކުދިންނެއް ބުންޑެސްލީގާ އަށް ކްލޮޕް ނެރެދިނެވެ. މިއަދު އެ ކުޅުންތެރިންތަކަކީ ދުނިޔޭގެ ނަން މަޝްހޫރު ކްލަބު ތަކުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ގަވާއިދުން ކުޅެމުން އަންނަ މޮޅު ކުޅުންތެރިންނެވެ.

ލިވަޕޫލްގެ ކޯޗުކަމާއި ކްލޮޕް ހަވާލުވުމަށްފަހު އޭނާ އެންމެ ފުރަތަމަ ވެސް ފެށީ އެކްލަބުގެ އެކެޑަމީ ޓީމުގެ ހާލަތު ރަނގަޅުކޮށް ޒުވާން ކުޅުންތެރިން ސީނިއާ ޓީމަށް ނެގުމުގެ މަސަތްކަތެވެ. އެގޮތުން ހަތަރު އަހަރު ދުވަހުގެ ތެރޭގައި މިހާރު މިއޮތް ލިވަޕޫލްގެ ސްކޮޑު ބިނާކުރުމަށްޓަކައި ބޭރުން ކުޅުންތެރިން ގެނައުމުގެ އިތުރަށް ކްލޮޕް ބޭނުން ކޮށްފައި ހުރީ އެކެޑަމީން ސީނިއާ ޓީމަށް ޕްރޮމޯޓް ވެފައިވާ ކުޅުންތެރިންނެވެ.

ޒުވާން ކުޅުންތެރިން ގޮވައިގެން ޔޫރަޕްގެ ބޮޑު މުބާރާތް މިދިޔަ ސީޒަންގައި ކާމިޔާބު ކުރުމަށްފަހު ކްލޮޕްގެ އަމާޒު މިފަހަރު ބޮޑަށް ހުރީ ޕްރިމިއާ ލީގް ތައްޓަށެވެ. 1992 ވަނަ އަހަރު އިނގިރޭސި ލީގް ރިބްރޭންޑްވި ފަހުން މުބާރާތުގެ ތަށި ލިވަޕޫލަށް މިހާތަނަށް ކާމިޔާބުކުރެވިފައި ނުވާއިރު އެކަމަށް ނިމުމެއް ގެނައުމަށްޓަކައި ކްލޮޕްގެ އިރުޝާދުގެ ދަށުން ލިވަޕޫލް ކުރަމުން އަންނަ ދަތުރުގައި އެޓީމަށް ކުރިއަށް ދެން އޮތީ ލީގުގައި ވެޓްފޯޑާއި ދެކޮޅަށް ކުޅެން އޮތް މެޗެވެ.